Advertisement

ރެފްރީ އަށް ފާޑުކިޔައިގެން ސިޓީގެ ރޮޑްރީ އެއް ލައްކަ ޑޮލަރުން ޖޫރިމަނާކޮށްފި

about 1 hour 0


ރެފްރީ އަށް ފާޑުކިޔައިގެން ސިޓީގެ ރޮޑްރީ އެއް ލައްކަ ޑޮލަރުން ޖޫރިމަނާކޮށްފި

about 1 hour 0

މެންޗެސްޓާ (މާޗް 9) - މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރު، ރޮޑްރީ، ރެފްރީ އަށް ފާޑުކީ މައްސަލައިގައި އޭނާ 80،000 ޕައުންޑް (107،200 ޑޮލަރު) އިން ޖޫރިމަނާކުރަން ޕްރިމިއާ ލީގުން ނިންމައިފި އެވެ.

މިދިޔަ މަހުގެ އެއް ވަނަ ދުވަހު ޓޮޓެންހަމް ދަނޑުގައި 2-2 އިން ސިޓީ އެއްވަރުވި މެޗަށް ފަހު، ރޮޑްރީ ދިން އިންޓަވިއުއެއްގައި ރެފްރީންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އެ ގޮތުން، ރޮޑްރީ ބުނެފައިވަނީ، ސިޓީން ގިނަ ފަހަރުތަކެއްގެ މަތިން ކާމިޔާބީ ހޯދާފައިވާތީވެ، އެ ޓީމު އިތުރަށް ކާމިޔާބު ހޯދަން ރެފްރީން ބޭނުންނުވަނީ ކަމަށްވެދާނެ ކަމަށާއި ރެފްރީން އިންސާފުވެރިވާން ޖެހޭނެ ކަމަށެވެ.

ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ ރޮޑްރީ ހިތްހަމަނުޖެހުނީ، ޓޮޓެންހަމްގެ ޑޮމިނިކް ސޮލާންކޭ އެ މެޗުގައި ލަނޑު ޖެހިއިރު، ސިޓީގެ މާކް ގޭހީ އަށް ފައުލުކުރިއިރު، އެ އަށް ބަލާފައިނުވާތީ އެވެ.

އެފްއޭގެ ރެގިއުލޭޓަރީ ކޮމިޝަނުން ބުނީ ރޮޑްރީ ވަނީ މި މައްސަލައިގައި ޖަވާބުދާރީވާން ދިން ފުރުސަތުގައި ދެ ސިޓީއެއް ފޮނުވާފައި ކަމަށެވެ. އެ ގޮތުން، ފުރަތަމަ ސިޓީގައި ބުނެފައިވަނީ، އޭނާ ދެއްކި ވާހަކަ މާނަކުރުމުގައި މީޑިއާ އަށް އޮޅުން އެރީ ކަމަށެވެ. އެކަމަކު، ދެ ވަނަ އަށް ފޮނުވި ސިޓީގައި ވަނީ، ދެކެވުނު ވާހަކަތަކުގައި ޖަޒުބާތީ ކަންތައްތަކެއް ހިމެނިގެން ބުނަން ނުޖެހޭ އެއްޗެއް ބުނެވިފައިވާތީވެ، މާފަށް އެދޭ ކަމަށެެވެ. އަދި، އެއީ، ގަސްދުގައި ރެފްރީންގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދަން ދެއްކި ވާހަކަތަކެއް ނޫން ކަމަށް ރޮޑްރީ ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރުގެ ކްލަބް ވޯލްޑް ކަޕްގެ ތެރެއިން ލިބުނު އަނިޔާއެއްގެ ސަބަބުން، ފިޓްނަސް އަށް އަސަރުކުރި ރޮޑްރީގެ ކަކުލަށް ސީރިއަސް އަނިޔާއެއް ކުރިމަތިވީ ސެޕްޓެމްބަރު މަހު އެވެ. ދިގު މުއްދަަތަކަށް ކުޅުމާ ދުރުގައި ހުރުމަށް ފަހު، މެޗު ފިޓްނަސް ރަނގަޅުކުރަން ރޮޑްރީ މިހާރު އަންނަނީ މެޗުތަކުގައި ކުޅެމުންނެވެ.