Advertisement

މަޖިލީހުގެ މެމްބަރުންގެ އަދަދު ލިމިޓުކުރަން އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ގާނޫނު އަސާސީ އިސްލާހުކުރަނީ

24 ޖަނަވަރީ 2024 - 16:20 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އާއި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ދެ ޕާޓީން އެކުގައި މަސައްކަތްކުރާނެ ކަމަށް ވަނީ ހާމަކޮށްފައި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


މަޖިލީހުގެ މެމްބަރުންގެ އަދަދު ލިމިޓުކުރަން އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ގާނޫނު އަސާސީ އިސްލާހުކުރަނީ

24 ޖަނަވަރީ 2024 - 16:20 0

އިންތިހާބީ ދާއިރާތަކުގެ އާބާދީގެ ނިސްބަތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވާ ގޮތަށް މިހާރު އޮތް އޮތުން ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުގެ އަދަދު ވަކި އަދަދަކަށް ލިމިޓު ކުރަން އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސް ގުޅިގެން ގާނޫނު އަސާސީ އިސްލާހު ކުރަން ހުށަހަޅާނެކަން ހާމަކޮށްފި އެވެ.

ހިޔާލު ތަފާތުވުންތަކެއް އުފެދި އެކުގައި މަސައްކަތް ނުކުރެވޭ ހިސާބަށް ދިޔުމުން މެމްބަރުންތަކެއް އެމްޑީޕީން ވަކިވެ އުފެއްދި ޑިމޮކްރެޓްސްއާ އެ ޕާޓީއާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ނިމިދިޔަ ސިޔާސީ ކެމްޕޭނުތަކުގައި ވަނީ ބަދަލުކޮށްފަ އެވެ.

ނަމަވެސް, ބައެއް ގާނޫނުތަކަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް ދެ ޕާޓީން އެކުގައި މަސައްކަތް ކުރާނެކަން މިއަދު ވަނީ ހާމަކޮށްފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމާއި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި ޕީޖީ ލީޑަރު އަލީ އާޒިމް އެކުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެކަމުގެ މައުލޫމާތު ގެންދަވަނީ ހިއްސާކުރައްވަމުންނެވެ.

ދެ ޕާޓީން ވެސް އެކަމަށް އެއްބަސްވެފައިވާ ކަމަށް މިއަދު ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް, އެ ފޯމިއުލާ ހާމައެއް ނުކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު 87 މެމްބަރުން އެބަ ތިއްބެވި އެވެ. އެއީ ކޮންމެ މެމްބަރަކު 5,000 ރައްޔިތުން ތަމްސީލުކުރާ ގޮތަށެވެ. މިއަހަރު އިންތިހާބު ކުރާ މަޖިލީހަށް ހަ ދާއިރާ އިތުރުވެ ޖުމުލަ 93 އަށް އަަރާނެ އެވެ.

ޑިމޮކްރެޓްސްއިން 76 ގައި މެމްބަރުން ހިފަހައްޓަން ހުށަހެޅި

މަޖިލީހުގެ މެމްބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށް ގާނޫނު އަސާސީގެ 71 ވަނަ މާއްދާއަށް އިސްލާހު ހުށަހެޅުއްވީ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. ޑިމޮކްރެޓްސްގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ އެ ޕާޓީގެ "މުޅި ރާއްޖެ މަޖިލިސް: ރާއްޖޭގެ ފަރާތުން ކުރާ ވަކާލާތު" ސިޔާސަތުގެ ދަށުންނެވެ.

އިސްލާހުގައި މަޖިލީހުގެ ކޮމްޕޮޒިޝަނަށް ބަދަލުތަކެއް ގެނައުމަށް ވެސް ހުށަހެޅި އެވެ. އެީ އިދާރީ ދާއިރާތަކަށް ހާއްސަކުރެވޭ 55 މެމްބަރުން ތިބުމަށާއި ހުރިހާ އިދާރީ ދާއިރާއެއް ތަމްސީލުވާނޭ ގޮތަށް އިންތިހާބު ކުރެވޭ އަށް އަންހެން މެމްބަރުން ތިބޭ ގޮތަށް ހުށަހެޅި އިސްލާހެކެވެ.

އޭގެ އިތުރުން, ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލު ކުރާނެ ދެ މެމްބަރުންނާއި, ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުން އައްޔަނުކުރާ 11 މެމްބަރުން ތިބޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

ނަމަވެސް, އެ އިސްލާހު އޭރު ފާސްވެފައި ނުވެ އެވެ. ނޮވެމްބަރު 27, 2023 ވަނަ ދުވަހު އޮތް ޖަލްސާގައި އިސްލާހު ފާސްކުރުމަށް ވޯޓު ދެއްވީ އެންމެ 12 މެމްބަރުންނެވެ. ނުފެންނަ ކަމަށް 38 މެމްބަރުން ވޯޓު ދެއްވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެމްޕޭނުގެ ވައުދެއް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ވަނަ ދައުރަށް ހުށަހެޅުއްވި މެނިފެސްޓޯގައި ވެސް އެކަން އޮތީ ހިމަނާފަ އެވެ.

"ހެޔޮވެރިކަން" މެނިފެސްޓޯގައި ދައުލަތުގެ ހިންގުން ވަރުގަދަކުރުމުގެ ސިޔާސަތުގެ ދަށުން ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ގާނޫނު އަސާސީ އިސްލާހު ކުރުން ހިމަނައިފަ އެވެ. އަދި މަޖިލީސް އެކުލެވިގެންވާ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވެސް ހިމަނާފައި ވެއެވެ.

ނަމަވެސް, އެކަމުގެ ތަފްސީލުތައް އޭރު ހާމަކޮށްފައި ނުވެ އެވެ.