Advertisement

މަޓީގެ ހުށަހެޅުމަށް މިޔުޒިޝަންސް ޔޫނިއަނުން ރައްދު ދީފި

24 ޖަނަވަރީ 2024 - 10:16 1

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ދިވެހި ފަންނާނުންތަކެއް، ރާއްޖޭގެ ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަން އިތުރުވަމުންދާއިރު އެ ތަންތަނަށް ހިދުމަތް ދޭނެ ވަރަށް ދިވެހި ފަންނުވެރިން ނެތް ކަމަށް މަޓީއިން ބުނާ ވާހަކަތަކާ ފަންނާނުން ދެކޮޅު -- ފޮޓޯ: ރައީސް އޮފީސް


މަޓީގެ ހުށަހެޅުމަށް މިޔުޒިޝަންސް ޔޫނިއަނުން ރައްދު ދީފި

24 ޖަނަވަރީ 2024 - 10:16 1

ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާނެ ދިވެހި މިއުޒިޝަނުންނާއި ފަންނުވެރިން ނެތް ކަމަށް ބުނެ އެފަދަ މަސައްކަތް ކުރާ ބިދޭސީންނަށް ވޯކް ވިސާ ހަމަޖައްސައިދޭން ރިސޯޓު ވިޔަފާރިވެރިންގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އިން ހުށަހެޅުމުން މިޔުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްއިން އެކަމަށް ރައްދު ދީފި އެވެ.

މަޓީއިން އިއްޔެ ހުށަހެޅި ކަރުދާހެއްގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަން އިތުރުވަމުންދާއިރު އެ ތަންތަނަށް ހިދުމަތް ދޭނެ ވަރަށް ދިވެހި ފަންނުވެރިންނެއް ނެތެވެ. އެ ކަރުދާހުގައި ހިމަނާފައިވާ ކަންކަމަށް ރައްދު ދީ މިޔުޒިޝަންސް ޔޫނިއަން އިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ ދިވެހި ފަންނުވެރިން ނެތް ކަމަށް ބުނެ ދައްކާ ވާހަކަތައް ހުއްޓާލަން ޖެހޭ ކަމަށެވެ.

"ބޭރުގެ ފަންނާނުނަށް އަޅުގަނޑުމެން މަރުހަބާ ކިޔަން، އެކަމަކު ލޯކަލް ޓެލެންޓް ނެތް ކަމަށް ބުނާ ވާހަކަ ނައްތާލަން ޖެހޭ. ދިވެހި މިއުޒީޝަނުންނާއި ޕާފޯމަރުން ގިނަ، އެމީހުން ތިބީ ތައްޔާރަށް، އަދި ފުރުސަތުތަކަށް ބަލަ ބަލާ،" ޔޫނިއަން އިން އެކްސް ގައި ލިޔެފައިވެ އެވެ.

ދިވެހި ފަންނުވެރިން ހަރަކާތްތެރިވާ މިންވަރާ ގުޅޭ ގޮތުން މަޓީއިން ހަދާފައިވާ ދިރާސާއެއް އޮތް ނަމަ، އެ ދިރާސާއެއް ހާމަކުރުމަށް އެ ޖަމިއްޔާއިން ގޮވާލާފައިވެ އެވެ. އަދި މިފަދަ ވާހަކަތައް ދައްކަން ވާނީ ދިރާސާތަކުގެ މައްޗަށްކަން އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެ އެވެ.

ކުރީ ސަރުކާރުގައި ފަންނުވެރިންގެ ކަންކަމާ ހަވާލުވެ ހުންނެވި ވަޒީރު، ޔުމްނާ މައުމޫން ވެސް މިކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. ޔުމްނާ އެކްސްގައި ކުރި ޕޯސްޓުގައި ވެސް ރާއްޖޭގައި ވަރަށް ގިނަ ހުނަރުވެރި މިޔުޒިޝަނުންނާއި ފަންނާނުން ތިބިކަމަށް ބުނެފައިވެ އެވެ.

"ރާއްޖޭގެ ރިސޯޓުތަކުންނާއި ގެސްޓް ހައުސްތަކުން ދިވެހި މިޔުޒިޝަނުންނަށާއި ފަންނާނުންނަށް އިސްކަން ދޭން ޖެހޭ. ދިވެހި ފަންނާނުންނަށް ކުރިއަށް ދެވޭނީ ރިސޯޓުތަކުންނާއި ގެސްޓް ހައުސްތަކުން ފުރުސަތުތައް ލިބިގެން،" ޔުމްނާ ލިޔެފައިވެ އެވެ.

ރިސޯޓުގިތަކާއި ގެސްޓް ހައުސްތަކުގައި ޕަފޯމް ކުރުމަށް ގިނަ އަދަދެއްގެ ދިވެހިން ހަރަކާތްތެރިވެ އެވެ. އަދި ރިޒޯޓުތަކުގައި މިޔުޒިކް ކުޅުމަށް ދިވެހިންނަށް ވުރެ ބޮޑަށް ބޭރު މީހުންނަށް އިސްކަން ދޭތީ އެމީހުންގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ.