Advertisement

"ހަމަ އަގެއް ހަމަހަމަ ފުރުސަތެއް ނުލިބޭ" މޫސީގާރުން މާޔޫސްވެއްޖެ

25 ޖަނަވަރީ 2024 - 10:08 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ދިވެހި ފަންނާނުންނަށް ފުރުސަތުގެ ދޮރުތައް ބަންދުވެފައިވާކަން ދައްކުވައިދޭ މަންޒަރެއް: ފަންނާނުން އަންނަނީ މި މައްސަލައިގައި މަޓީއަށާއި ސަރުކާރަށް އިންތިހާއަށް ފާޑުކިޔަމުން -- އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު


"ހަމަ އަގެއް ހަމަހަމަ ފުރުސަތެއް ނުލިބޭ" މޫސީގާރުން މާޔޫސްވެއްޖެ

25 ޖަނަވަރީ 2024 - 10:08 2

"މިވަގުތު ރާއްޖޭގައި ތިބި ދިވެހި މިއުޒިޝަނުންނާއި ތަފާތު ހުނަރުތައް ހުރި ދިވެހި ފަންނާނުންގެ އަދަދަކީ ޓޫރިޒަމްގެ ހިދުމަތް ދޭ ތަންތަން އިތުރުވަމުންދާ ވަރާ އަޅާބަލާއިރު އެކަށީގެންވާ އަދަދެއް ނޫން. ދިވެހި ފަންނާނުން ގާތްގަނޑަކަށް ނުވެސް ނެތް,"

މިއީ ބޭރުގެ މޫސީގާރުން (މިއުޒިޝަނުން) އާއި ފަންނާނުންނަށް ވޯކް ވިސާ ހަމަޖައްސައިދިނުމަށް ރިސޯޓު ވިޔަފާރިވެރިންގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އިން ސަރުކާރަށް ހުށަހަޅަމުން އެ ޖަމިއްޔާއިން ފާހަގަކުރި ނުކުތާ އެކެވެ.

މުނިފޫހިފިލުވުމާއި މިއުޒިކަކީ ފަތުރުވެރިން ޒިޔާރަތް ކުރާ ތަންތަނުން ގެސްޓުންނަށް ފޯރުކޮށްދޭ ވަރަށް މުހިންމު ހިދުމަތެއް ކަމަށް މަޓީން ދެކުނަސް ރާއްޖޭގައި އެފަދަ ފަންނާނުން ތިބި ކަމަށް އެ ޖަމިއްޔާއަށް ގަބޫލެއް ނުކުރެވެ އެވެ. އެ ޖަމިއްޔާގެ ރައުޔު ނެރުނީ ކާކު ކުރި ކޮން ދިރާސާއެއްގައި ކިހިނެއް ހިސާބުކުރި އަދަދުތަކެއްގެ މައްޗަށް ރިއާޔަތްކޮށްގެން ކަމެއް ނޭނގެ އެވެ. އެނގެނީ ޓޫރިޒަމުގައި ނުފޫޒުގަދަ މި ޖަމިއްޔާއިން މިހެން ބުނެ ދިވެހި ފަންނާނުންގެ މޫނުމަތީ ތަފާލެއް ޖެހި ކަމެވެ.

އެހެނީ ފަންނުވެރިން ގިނަ މި ރާއްޖޭގައި، އެތައް ބަޔަކު ކުރާނެ މަސަައްކަތެއް ނެތި އަތް އުރާލައިގެން ތިބެން ޖެހޭ ހިސާބުގައި ކަން އޮއްވައިި، މިހެން ބުނުން ފަންނުވެރިން އެއް ގޮތަކަށް ވެސް ބަލައިނުގަތީމަ އެވެ. "އަދަދު" ނޫހުން އެކްސްގައި މިކަމެއް ކުރަން މަޓީން ހުށަހެޅި ހަބަރު ޕޯސްޓުކުރުމުން އެއަށް ކޮމެންޓުކޮށް، ކޯޓުކުރި އެކައުންޓުތަކުން ލިޔެފައި ހުރި ވާހަކަތަކުން މިކަން ސާފުވާނެ އެވެ.

ދިވެހިން އެބަ ތިބި, ބޭރުގެ ބޭންޑްތައް ގެންނަނީ އަގުހެޔޮކުރަން

އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާޓްސް ޕާފޯމަންސް އަދި ރެކްރިއޭޝަނުން ދާއިރާގެ ވަޒީފާތަކުން އާމްދަނީ ހޯދާ ކަމަށް ރެޖިސްޓްރީވެފައިވާ 2,119 މީހުން އެބަތިއްބެވެ. މިއީ މިއުޒީޝަނުންނާއި ކުރެހުންތެރިންނާއި ވަޑިންނާއި ތިލޭރުންނާއި އަތްތެރި މަސައްކަތް ކުރާ މީހުންނާއި ކަނބުރުންނާއި އެތައް ބަޔަކު ހިމެނޭހެން ރާއްޖޭގައި ތިބި ފަންނުވެރިންނެވެ.

ތިމަންނާމެން ނެތޭ ބުނާތީ ފަންނުވެރިން ކަންބޮޑުވަނީ މިހެންވެ އެވެ. އަދި ދިވެހި ހުނަރުވެރިކަން މަދުކަމަށް ދެކެވޭ ދޮގު ވާހަކަތައް މުޖުތަމައުގެ ތެރެއިން ނައްތާލުމަށް މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްއިން ވަނީ ގޮވާލާފަ އެވެ.

"އަޅުގަނޑުމެންގެ ހޯމްގްރޯން މިއުޒީޝަނުންނާއި ފަންނާނުންނަކީ ވަރަށް ގިނަ، ތައްޔާރަށް، ފުރުސަތުތަކުގެ އިންތިޒާރުގައި ތިބި ބައެއް. އެއްވެސް އަސާސެއް ނެތް ވާހަކަތަކުން އެމީހުންގެ އަގު ވައްޓާނުލާ," އެ ޔޫނިއަނުން އެކްސްގައި ބުނެފައިވެ އެވެ.

މިއުޒީޝަނުންގެ ޔޫނިއަނުން ވަނީ މަޓީން މި ހުށަހެޅުން ދިރާސާއަކަށް ބިނާކުރި ނަމަ އެ ދިރާސާއެއް ހާމަކުރުމަށް ގޮވާލާފަ އެވެ. މި މައްސަލައިގައި ނުރުހުން ފާޅުކުރަމުން އެ ޖަމިއްޔާއިން އެދިފައިވަނީ އެންމެ ކަމަކަށެވެ. އެއީ ސަރުކާރު މެދުވެރިވެގެން ދިވެހި ފަންނާނުންނަށް އިންސާފުވެރި ފުރުސަތުތަކެއް ފަހިކޮށްދިނުމެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި ބައެއް މިއުޒިޝަނުން ވަނީ ޓޫރިޒަމްގެ ހިދުމަތް ދޭ ތަންތަނުން ކުރާ މަސައްކަތަށް އެކަށީގެންވާ އަގު ދޭން ބޭނުން ނުވާތީ އަގުހެޔޮކޮށް ބޭރުގެ ބޭންޑްތައް ގެނެސް މުވައްޒަފުންގެ ގޮތުގައި ތިބޭ ކަމަށް ބުނެފަ އެވެ. އެވެރިން ބުނަނީ މިއީ ރާއްޖޭގެ ބައެއް ބޮޑެތި، ބޯކޮށް އާމްދަނީ ލިބޭ ރިސޯޓުތަކުން ވެސް ކަން ކުރާ އުސޫލު ކަމަށެވެ.

"ދިވެހި ގިނަ އާޓިސްޓުން މިއަހަރު ނިއު އިޔާ ނުކުޅޭ ތިބިކަން މާޓީއަށް އެނގިލައްވާބާ. ބޮޑެތި ބްރޭންޑް ރިސޯޓުތަކުން ބޭރުގެ ބޭންޑްތައް ގެނެސް ދިވެހި ބޭންޑްތަކަށް ފުރުސަތު ނުލިބުނުކަން އެނގިލައްވާބާ. ކިތައް ޑީޖޭއިން ކޮންޓްރެކްޓް ކެންސަލް ކޮށްފައި ބޭރުގެ ޑީޖޭން ގެނައިކަން އެނގޭބާ," މަޓީގެ ހުށަހެޅުމަށް ނުރުހުން އަމާޒުކޮށް ފަސް މެންބަރުން ހިމެނޭ ޑިޓިއުން ބޭންޑްގެ ވޯކަލިސްޓް ފާތުމަތު ފެޒްލީން (ފެޒޫ) ހިއްސާކޮށްފައިވެ އެވެ.

ފެޒޫގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ މިކަމުގައި ދިރާސާއެއް ނެތި މަޓީން ވާހަކަ ދައްކާފައިވާތީ އެވެ. ފަންނާނުން ދަށު ދަރަޖައަށް ވައްޓާނުލުމަށް ގޮވާލައި ފެޒޫ ވަނީ ޓޫރިޒަމް އިންޑަސްޓްރީގެ މަންފާ ދަރިންގެ ދަރިންނަށް ވާސިލުވާން ޖެހޭ ކަމަށް ބުނެފަ އެވެ.

"ބޭރުގެ ހުނަރުވެރިންނަށް ފުރުސަތު ދޭންވާނީ ދިވެހި ހުނަރުވެރިން ނުލިބޭ ނަމަ. އެކަމަކު ކުޑަ ފައިސާއަށް ފެންވަރު ދަށް ބޭރުގެ ބޭންޑްތައް ނަގަނީ އަޅުގަނޑުމެންގެ އެންމެ ބޮޑު އިންޑަސްޓްރީއިން," ކުޅަދާނަ ޕްރޮޑިއުސަރު އަދި މިދިޔަ ސަރުކާރުގައި އާޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި މުހައްމަދު އިކްރާމް ވިދާޅުވެފައިވެ އެވެ.

ވިސާ ދިނުން އޯކޭ އެކަމަކު ޓެކުހެއް ނަގަން ޖެހޭނެ

މި މައްސަލައަކީ ކުރީ ސަރުކާރުގެ ސަމާލުކަމަށް ވެސް މިއުޒިޝަންސް ޔޫނިއަނުން ގެނެސްފައިވާ ކަމެކެވެ. އެގޮތުން, ގާނޫނީ ވަކީލެއްގެ ބައިވެރިވުމާއި އެކު ދައުލަތުގެ އިދާރާތަކަށް ފޮނިވި ސިޓީއެއްގައި، މިކަމުގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ގައިރު ގާނޫނީ ކަންކަން ފާހަގަކޮށް، އެ ފަރާތްތަށް ޒިންމާދާރު ކުރުމަށް ވަނީ ގޮވާލާފައިވެ އެވެ.

"ގެސްޓުންގެ ފަރާތުން އެބަ ހުރި ޑިމާންޑްކޮށްފައި ދިވެހި ފަންނުވެރިންގެ ހުށަހެޅުންތަކަށް. ކުރިން ރިސޯޓަށް ދާއިރު ދިވެހި ފަންނާނުން ތިބޭ. އެކަމަކު ފަހުން ގެސްޓުން އަންނައިރު އެ ދިވެހިންގެ ބަދަލުގައި އަގުހެޔޮކޮށް ބޭރުގެ ފަންނުވެރިން ތިބިކަން ގެސްޓުންނަށް ފާހަގަކުރެވިފައިވޭ," މިއުޒިޝަންސް ޔޫނިއަންގެ ފައުންޑާ މެމްބަރު އަހްމަދު ޝިހާމް ވިދާޅުވި އެވެ.

ބޭރު މީހުންނަށް ވޯކު ވިސާ ދިނުމަށް ތާއީދު ކުރި ނަމަވެސް ރާއްޖޭގައި ފަންނުވެރިންނާއި މިއުޒިޝަނުން ނެތް ކަމަށް ބުނުމަކީ ހަގީގާތާ ވަރަށް ދުރު ވާހަކައެއްގެ ގޮތުގައި ޝިހާމް ފާހަގަކުރެއްވި އެވެ. ނަމަވެސް, ވިސާ ދޭ ފަރާތްތަކުގެ އަތުން ޓެކުހެއް ނަގަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހަރުމެން ބޭނުންވަނީ މިކަން އިންސާފުވެރިވާން. މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގާ ތަންތަނުގައި ޕާފޯމްކުރާ މީހުންގެ ތެރެއިން 60 ޕަސެންޓަކީ ދިވެހިންނަށް ހެދުން ލާޒިމުކުރުން ކަހަލަ ގޮތެއް," އެ ޔޫނިއަންގެ ރައީސްކަން ވެސް ޝިހާމްގެ ހިޔާލު ހިއްސާކުރި އެވެ.

ފަންނާނުގެ ދަފްތަރެއް ވެސް މިދިޔަ ސަރުކާރުގައި އެކުލަވާލާފައިވާއިރު އެ ދަފްތަރުގައި އެތައް ސަތޭކަ ފަންނާނުންނެއް ރަޖިސްޓްރީ ކޮށްފައިވެ އެވެ.

"ރާއްޖޭގައި ވަރަށް ގިނަ ހުނަރުވެރި މިއުޒިޝަނުންނާއި ފަންނާނުން އެބަތިބި. ރާއްޖޭގެ ރިސޯޓުތަކުންނާއި ގެސްޓްހައުސްތަކުން ދިވެހި މިއުޒިޝަނުންނަށާއި ފަންނާނުންނަށް އިސްކަން ދޭންޖެހޭ. ދިވެހި ފަންނާނުންނަށް ކުރިއަށް ދެވޭނީ ރިސޯޓުތަކުންނާއި ގެސްޓް ހައުސްތަކުން ފުރުސަތުތައް ލިބިގެން," މިދިޔަ ސަރުކާރުގައި ފަންނުވެރިންގެ ކަންކަން ބެލެހެއްޓެވި ވަޒީރު ޔުމްނާ މައުމޫންގެ ހިޔާލު ހިއްސާކުރައްވާފައިވެ އެވެ.

ގާނޫނަށް އިސްލާހު ގެންނަން ޖެހޭ, ސަރުކާރުން ދެނީ ޔަގީންކަން

ރާއްޖޭގެ ރިސޯޓުތަކާއި ޓޫރިޒަމްގެ ހިދުމަތް ދޭ ތަންތަނުގައި ބޭރުގެ މިއުޒިޝަނުންނާއި ފަންނުވެރިން ހަރަކާތްތެރިވުމުގެ ފުރުސަތު ނުދިނުމަށް ނިންމީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގަ އެވެ.

އެގޮތުން ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް (ގަވާއިދު ނަންބަރ 2-R/2020) ގެނެވުނު 1 ވަނަ އިސްލާހު ގެ 13 ވަނަ މާއްދާގެ (ށ) ގެ 6 ގައި، ކޯޓާ ދޫކުރެ ވޭ މަގާމުތަކާއި ކޯޓާ ދޫނުކުރެވޭ މަގާމުތައް (ކޯޓާ އޮކިއުޕޭޝަން) ގެ ދަށުން ކޯޓާ ދޫނުކުރެވޭ ވަޒީފާތަކުގެ ތެރޭގައި މުނިފޫހިފިލުވުން ހިމެނެ އެވެ. ނަމަވެސް, ރިސޯޓުތަކުން މިކަމަށް ބޯނުލަނބާތީ މިއުޒިޝަނުންނާއި ފަންނުވެރިންގެ ކަންބޮޑުވުން އެބައޮތެވެ.

މިކަމަށް ހައްލެއް ހޯދަން ޖެހޭނީ ޓޫރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހަކުން ކަމަށް ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) ގެ ވެރިޔަކަށް ވެސް އޭރު ހުންނެވި އިކްރާމް ވިދާޅުވި އެވެ. އޭނާގެ އިތުރުން އޭރުގެ މިނިސްޓަރު ޔުމްނާ ވެސް ގަބޫލުކުރައްވަނީ އެހެންނެވެ.

"އާޓް އެންޖީއޯތަކުގެ މަޝްވަރާ އާއެކު، ފަންނުވެރިކަން ކުރިއެރުވުމުގެ ބިލެއް ޑްރާފްޓްކޮށް އޭޖީ އޮފީހަށް ފޮނުވާފައި. މި ބިލުގެ ތެރެއިން ނުވަތަ ފަތުރުވެރިކަމުގެ ގާނޫނަށް އިސްލާހު ގެނެސްގެން ނަމަވެސް ދިވެހި ފަންނާނުންނަށް ރިސޯޓުތަކުންނާއި ގެސްޓްހައުސްތަކުން އިތުރު ފުރުސަތުތައް ހޯދައިދޭން ޖެހޭ," ޔުމްނާ ވިދާޅުވެފައިވެ އެވެ.

ގިނަ އަދަދެއްގެ ފަންނާނުން މިކަމުގައި ކަންބޮޑުވުން ފާޅުކުރުމާ އެކު ޓޫރިޒަމް މިނިސްޓަރު ވަނީ އެކަންކަން ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި, އެކަމުގެ މަޝްވަރާތައް ވަރަށް އަވަހަށް ފަށްޓަވާނެ ކަމުގެ އިޝާރާތެއް ދެއްވި އެވެ.

"ދިވެހި ފަންނާނުންނަށް ދޭން އޮތް ޔަގީން ކަމަކީ ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުންވާ ފަދަ އެއްވެސްކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން. ދިވެހި ފަންނާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ފަހި ފުރުސަތު ހޯދައިދެއްވުމަކީ އެ މަނިކުފާނުގެ އަމާޒު. ކުރިޔަށް އޮތް ދުވަސްތަކުގަައި ކަމާއި ގުޅުން ހުރި ބޭފުޅުންނާއި ބައްދަލުކޮށް ހުރި ކަންބޮޑުވުންތައް އަޑު އަހާ، ރައީސްގެ ލަފާފުޅާއެކު ހައްލު ހޯދައިދޭނަން," ފައިސަލް ހާމަކުރައްވާފައިވެ އެވެ.

ދިވެހީންގެ ރާއްޖޭގައި ފަންނުގެ ދާއިރާ ކުރިއަރުވާނީ ދިވެހީން. އިންޑަސްޓްރީގައި ފަންނާނުންނަށް ކަށަވަރު މަގާމް، ވަޒީރު ފައިސަލްގެ ލީޑާޝިޕްގެ ދަށުން އަޅުގަނޑުމެންނަށް ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް," އެ ވާހަކަތަކަށް ބާރު ދެއްވަމުން އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެފައިވެ އެވެ.

ގިނަ ފަންނާނުންގެ ނުރުހުން މިކަމަށް އޮތްއިރު މަޓީގެ މި ހުށަހެޅުންތައް ސަރުކާރުން ތަންފީޒުކުރާނެ ކަމަށް ނުބެލެވެ އެވެ. ނަމަވެސް, އަދިވެސް ރާއްޖޭގެ ރިސޯޓުތަކުގައި ބޭރުގެ ފަންނާނުން މަސައްކަތް ކުރަމުންދާކަން އެއީ ހަގީގަތެކެވެ. އެފަދަ މަސައްކަތްތަކަށް ވެސް ދިވެހިންނަށް އިސްކަންދީ ދިވެހި ފަންނާނުންނަށް އެ ފުރުސަތު ފަހިކޮށްދޭން ޖެހެ އެވެ. މަޓީން ވެސް ކުރަންވީ ކަމަކީ ދިވެހި ފަންނާނުންނާ އެކީ އެއް މޭޒު ދޮށެއްގައި އިށީންދެ އެ މީހުންގެ އުދާސްތަކަށް ތަސައްލީއެއް ހޯދައި ދިނުމެވެ.