Advertisement

ކަޅުއޮށްފުންމި މާލެ ގެނެސް، ޒިޔާރަތް ކުރެވޭނެހެން ހުޅުވައިލަނީ

23 ޖަނަވަރީ 2024 - 12:21 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ކަޅުއޮށްފުންމީގެ ނަކަލު -- ފޮޓޯ: ސަން


ކަޅުއޮށްފުންމި މާލެ ގެނެސް، ޒިޔާރަތް ކުރެވޭނެހެން ހުޅުވައިލަނީ

23 ޖަނަވަރީ 2024 - 12:21 0

ރާއްޖޭގެ ތާރީހާއި ގުޅިފައިވާ އޮޑި، ކަޅުއޮށްފުންމީގެ ނަކަލު މާލެ ގެނެސް އާންމުންނަށް ޒިޔާރަތްކުރެވޭނެ ހެން ހުޅުވައިލުގެ މަސައްކަތް ދިވެހި ސަގާފަތާއި ތަރިކަ އާއި ބެހޭ ވުޒާރާއިން ފަށައިފި އެވެ.

ކަޅުއޮށްފުންމި މާލެ ގެނެސް ބާއްވާނެ އޮޑި ހަރުގެ އަޅަން ނިންމާފައިވަނީ މިހާރު ކަޅުވަކަރު މިސްކިތް ވެސް ހުރި މައިދާނުގަ އެވެ.

ކަޅުއޮށްފުންމިއަކީ މީލާދުން 1558ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އަލިރަސްގެފާނު ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށް ޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ.

އުތީމު މަހާރަދުންގެ ގައުމީ ޖިހާދާއި ކަޅުއޮށްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީހީ މައުލޫމާތު ދިރާސާކުރުމަށް ފަހު، ލިބުނު ނަތީޖާތަކުގެ މައްޗަށް ބިނާކޮށް، އެ އޮޑީގެ ނަކަލު ބަނދެވުނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގަ އެވެ.

ދިގުމިނުގައި 51 ފޫޓު ހުންނަ ނަކަލު ކަޅުއޮށްފުންމި މޫދަށް ބޭލީ ޑިސެމްބަރު 2, 2015 ގަ އެވެ. މިނިވަން 50ގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ އާރަށަށް އެހެލާފަ އެވެ.

ކަޅުއޮށްފުންމި މާލެ ގެންނަނީ އުތީމު މަހާރަދުން، އައްސުލްތާނުލްޣާޒީ މުހައްމަދު ތަކުރުފާނުލްއައުޒަމް ކުރެއްވި މިނިވަންކަމުގެ ޖިހާދާ ބެހޭ މައުލޫމާތު ލިބޭނެ އިންތިޒާމުތަކާއެކު ގިނަބަޔަކަށް ފެންނާނެ ގޮތަށް ބެހެއްޓުމަށްޓަކައި ކަމަށް ސަގާފަތާއި ތަރިކަ މިނިސްޓްރީން މައުލޫމާތުދެ އެވެ

މިހާރު ކުރިއަށްދަނީ އުޅަނދުގެ މަރާމާތަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، މާލެ ގެނައުމުގެ މަސައްކަތް ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫއާ ގުޅިގެން ކުރަން ރޭވިފައިވާ ބައެއް ކަންކަން

  • މަރާމާތުގެ މަސައްކަތް ކޮންސަލްޓުންޓާ ހަވާލުކުރުން
  • ކަޅުއޮށްފުންމީގެ ނަކަލު މާލޭގައި ބަހައްޓާތަން ތައްޔާރުކުރުން
  • އޮޑިހަރުގެ އެޅުން
  • ކަޅުއޮށްފުންމި ބަލާލަން ތިބެވޭނެ ޕްލެޓްފޯމް ތައްޔާރުކުރުން

ތަރިކައާއި ސަގާފަތާއި ބެހޭ މިނިސްޓްރީން ބުނީ ކަޅުއޮށްފުންމި މާލެ ގެނެސް، މަރާމާތުގެ މަސައްކަތްތަކަށް ފަހު އާންމުންނަށް ޒިޔާރަތްކުރެވޭ ގޮތަށް ހުޅުވާލާނީ ހާއްސަ ރަސްމިއްޔާތަކާއި އެކީގައި ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ހަފްތާއެއްހައި ދުވަސް ތެރޭގައި މަސައްކަތް ނިންމާނެކަމަށް ބުންޏެވެ.