Advertisement

އަމާޒަކީ 300 ފަޅުވެރިން ތަމްރީން ކުރުން، 10 މިލިއަން ރުފިޔާ ހޭދަވާނެ

23 ޖަނަވަރީ 2024 - 08:58 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ރެސްކިޔު ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފެށީ މި މަހުގެ 19 ވަނަ ދުވަހު، ސަރުކާރުގެ އަމާޒަކީ ކޮންމެ އޮޑިއަކުން ވެސް ވެސް ރެސްކިޔު ޑައިވަރެއް ތަމްރީންކުރުން


އަމާޒަކީ 300 ފަޅުވެރިން ތަމްރީން ކުރުން، 10 މިލިއަން ރުފިޔާ ހޭދަވާނެ

23 ޖަނަވަރީ 2024 - 08:58 0

މަހަށް ދާ ކޮންމެ ދޯންޏެއްގައި ރެސްކިޔު ޑައިވަރު ފެންވަރަށް ތަމްރީނުވެފައިވާ ފަޅުވެރިޔަކު ބެހެއްޓުމުގެ އަމާޒުގައި ސަރުކާރުން ފެށި ޕްރޮގްރާމުގެ ދަށުން 35،000 ރުފިޔާގެ ރޭޓުން 300 ފަޅުވެރިން ތަމްރީނުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

އެހެންކަމުން މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު، ޑައިވަރު ތަމްރީނު ކުރަން 10،500،000 ރުފިޔާ ހޭދަވާނެ އެވެ. އެ ފައިސާ ހަމަޖައްސަނީ ފިޝަރީޒް މިނިސްޓްރީން ކަމަށް ސަރުކާރުން ބުނެ އެވެ.

"އަދަދު" ނޫހަށް މައުލޫމާތު ދެއްވަމުން ފިޝަރީޒްގެ ޑެޕިޔުޓީ މިނިސްޓަރު އަހުމަދު ޝާފިއު ވިދާޅުވީ މި ޖެނުއަރީ 19، ގައި ފެށި އެ ޕްރޮގްރާމްގެ އަމާޒަކީ ރާއްޖޭގައި ހަރަކާތްތެރިވާ ކޮންމެ މަސްވެރި އޮޑިއަކުން ވެސް، ވައި ފުޅި އަޅައިގެން އެން ހޯދަން ފީނާ ފަޅުވެރިންގެ ތެރެއިން ކޮންމެވެސް އެއް ފަޅުވެރިޔަކު ރެސްކިޔު ޑައިވަރެއްގެ ގޮތުގައި ތަމްރީން ކުރުމެވެ. މިގޮތަށް މަސްވެރިކަން ކުރުމުގައި ހަރަކާތްތެރި ވަނީ 300 އޮޑި ކަމަށް ބެލެވޭ ކަމަށް ޝާފިއު ވިދާޅުވި އެވެ.

"އާންމުކޮށް އެން ހޯދުމަށް ފީނާ އުޅެނީ ކަނޑުމަހުގެ މަސްވެރިކަން ކުރާ އޮޑިތަކުގެ މީހުން، ސަރުކާރުން ޔަގީން ކުރަން ބޭނުންވަނީ މިއިން ކޮންމެ އޮޑިއެއްގައި ވެސް ރެސްކިޔު ޑައިވަރެއް ހުރިކަން، އެ އަދަދު 300 އަށްވުރެ ގިނަ ނުވާނެ ކަމަށް މި ބަލަނީ، ފަޅުވެރިން ތަމްރީން ކުރާ ޑައިވިން އިންސްޓްރަކްޓަރުންނަށް ދޭ ފައިސާ ސްޕޮންސާ ކުރަނީ ސަރުކާރުން،" ޝާފިއު ވިދާޅުވި އެވެ.

ސަރުކާރުން "ކޯސް ފީ" ހަމަޖައްސައި ދިން ކަމުގައި ވީ ނަމަވެސް، ކޯހުގައި ބޭނުންކުރަން ޖެހޭ ވަސީލަތްތައް ހަމަޖައްސަން ޖެހެނީ ތަމްރީން ފޯރުކޮށް ދޭ ޑައިވިން އިންސްޓްރަކްޓަރުންނެވެ.

ރެސްކިޔު ޑައިވަރަކަށް ވުމަށް ޖުމްލަ ހަ ބައެއް (މޮޑިޔުލް) ފަޅުވެރިން ފުރިހަމަ ކުރަން ޖެހެ އެވެ. ކޮންމެ އޮޑިއަކުން ރެސްކިޔު ޑައިވަރެއްގެ ގޮތުގައި އެއް ފަޅުވެރިޔަކު ތަމްރީން ކުރުމުގެ އިތުރުން، އިތުރު ފަޅުވެރިންނަށް ވެސް ކޯހުގެ ވަކި މިންވަރެއް ހާސިލްކުރެވޭ ގޮތަށް ކުރު ތަމްރީން ޕްރޮގްރާމެއް ހިންގަން މަސްވެރިން އެދެމުންދާ ކަމަށް ޝާފިއު ވިދާޅުވި އެވެ. އަދި އެކަން އެގޮތަށް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެ ކުޑަ މިނުން އޯޕަން ވޯޓަރ ޑައިވިން އާ ހަމައަށް އިތުރު ފަޅުވެރިޔަކު ތަމްރީން ކޮށްދިނުމަށް އޮޑިތަކުން އެބަ އެދޭ، މި ޕްރޮގްރާމްގެ ތެރެއިން އެކަން ވެސް ކުރެވޭތޯ މި ބަލަނީ،" ޝާފިއު ވިދާޅުވި އެވެ.

ރެސްކިޔު ޑައިވަރަކަށް ވުމަށް ފުރިހަމަ ކުރަން ޖެހޭ ބައިތަކުގެ ތެރޭގައި އޯޕަން ވޯޓާ ޑައިވާ، އެޑްވާންސް އޯޕަން ވޯޓާ ޑައިވާ، ފަސްޓް އެއިޑް އަދި ސީޕީއާރް، އޮކްސިޖަން ޕްރޮވައިޑާ، ޑީޕް/ ސްޕެޝަލްޓީ ޑައިވާ ހިމެނެ އެވެ. ރެސްކިޔު ޑައިވާގެ ބައި ފުރިހަމަ ކުރެވެނީ މި ފަސް ބައި ނިންމުމަށް ފަހެވެ.

ޝާފިއު ވިދާޅުވީ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދާ ހަތަރު އަތޮޅުކަމަށްވާ ގއ. އަތޮޅާއި ގދ. އަތޮޅާއި ލ. އަތޮޅު އަދި އައްޑޫ ސިޓީ އަށް މިފަދަ 50 ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ ގއ. ކޮލަމާފުށި، ވިލނގިލި އަދި ގދ. މަޑަވެލި، ދެއްވަދޫގެ 25 ފަޅުވެރިން ރެސްކިޔު ޑައިވަރުންގެ ގޮތުގައި ތަމްރީން ކުރުމުގެ މަސައްކަތެވެ.

ފަޅުވެރިން ތަމްރީން ކުރުމަށް ޑައިވިން އިންސްޓްރަކްޓަރުން ހޯދުމަށް ހުޅުވާލުމުން އެކަމަށް އެދި ހަތް އެޕްލިކޭޝަންއެއް ލިބުނުކަމަށް މިނިސްޓްރީ އިން ބުނެ އެވެ. އޭގެ ތެރެއިން އެއް އެޕްލިކޭޝަނެގައި ޝަރުތު ހަމަނުވާތީ ތަމްރީން ކުރުމުގައި ހަރަކާތްތެރި ވަނީ ހަ މީހުން ކަމަށް މިނިސްޓްރީއިން ބުނެ އެވެ.

އެފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމުގެ އަމާޒަކީ މިހާރު މަސްވެރިކަމުގައި ފީނުމުގެ ތެރެއިން ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުން ކަމަށް ސަރުކާރުން ހާމަކޮށްފައިވެ އެވެ.

ފަޅުވެރިންގެ ތެރެއިން ރެސްކިޔު ޑައިވަރުން ތަމްރީނު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި ޕްރޮގްރާމް ފަށަން ކެބިނެޓުން ނިންމީ ޑިސެމްބަރު 24، ގަ އެވެ.