Advertisement

ޖިނާއީ ބޮޑެތި ދައުވާ ކުރުމާއެކު، ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

21 ޖަނަވަރީ 2024 - 13:02 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސުޕްރީމް ކޯޓު އިމާރާތް؛ ޖިނާއީ ބޮޑެތި ދައުވާ ކުރުމާއެކު ޕާސްޕޯޓު ހިފަހައްޓަން ޖެހޭ ގޮތަށް ކަނޑައަޅައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ޖިނާއީ ބޮޑެތި ދައުވާ ކުރުމާއެކު، ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

21 ޖަނަވަރީ 2024 - 13:02 0

ޖިނާއީ ބޮޑެތި ކުށުގެ މައްސަލަތަކުގައި، މީހެއްގެ މައްޗަށް އެ ދައުވާ އުފުލުމާއެކު ދައުވާ ލިބޭ މީހާ ފުރުން މަނާކޮށް، އޭނާގެ ޕާސްޕޯޓް އިމިގްރޭޝަނުން ހިފަހައްޓަން ޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ޝަރުއީ މަރުހަލާގެ އެންމެ މަތީ ކޯޓުން އެ ގޮތަށް ކަނޑައެޅީ، ސީލައިފް ފްލެޓްތައް ދިނުމުގައި ހިޔާނާތްތެރިވި މައްސަލާގައި އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އަންމަޓީ) ގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމަރުގެ އިސްތިއުނާފު ޝަރީއަތް ނިންމައި މިއަދު ކުރި ހުކުމުގަ އެވެ.

މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ދައުވާ އުފުލުމާއެކު ޕާސްޕޯޓް ހިފަހައްޓަން ރައުޔު އިއްވެވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. އޭނާގެ ރައުޔަށް ތާއީދު ކުރެއްވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔުގައި އެ ބައެއް ނެތެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވީ ޖިނާއީ ބޮޑު މައްސަލައެއްގައި ދައުވާ އުފުލި ކޯޓަށް މައްސަލަ ހުށަހެޅޭ ފަހުން ދައުވާ ލިބޭ މީހަކު ކޯޓަށް ފިލައިގެން ރާއްޖޭން ބޭރަށް ގޮސްފިނަމަ އެ މައްސަލައެއް ނުބެލި، ޖިނާއީ އަދުލުގެ މުޅި ނިޒާމުގެ ވާގި ގެއްލިގެންދާ ކަމަށެވެ. އަދި އެއީ އިންސާފު ގާއިމުކުރުމަށް ހުރަހެއް ކަމަށް ވިދާޅުވި އެވެ.

"ގާނޫނުލްއުގޫބާތުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ މައްސަލައެއްގެ ދައުވާ ކޯޓަށް ހުށަހެޅުމާ އެކު ދައުވާލިބޭ ފަރާތް ރާއްޖެއިން ބޭރަށް ދިއުން މަނާކުރުމަށް ކޯޓުން މޯލްޑިވްސް އިމިގްރޭޝަންއަށް އެންގުމާ އެކު އެފަދަ މީސްމީހުން ބްލެކްލިސްޓުކުރެވި, އެފަދަ މީސްމީހުން ރާއްޖެއިން ބޭރަށް ނުފުރޭނެ ގޮތް ހެދުމަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޒިންމާއެއް،" ފަނޑިޔާރު ސުއޫދުގެ ރައުޔު އިއްވަމުން ވިދާޅުވި އެވެ.

އިސްތިއުނާފުގެ ދެ މަރުހަލާ ހިމެނޭހެން ޝަރީއަތުގެ ތިން މަރުހަލާ ނިމެންދެން ޕާސްޕޯޓް ހިފެހެއްޓިފައި އޮތް އޮތުން ދެމިގެން ދާން ޖެހޭނެ ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

މީގެ އިތުރުން ބަލި ހާލަތަކާ ގުޅިގެން ރާއްޖޭން ބޭރަށް ދިޔުމުގެ ހުއްދަ ދިނުމުގައި ގެންގުޅެން ޖެހޭނެ އުސޫލު ވެސް ކަނޑައެޅުއްވި އެވެ. ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތު ލިބޭ ރައުޔުގައި ބުނަނީ އެ ފުރުސަތު ވެސް ދެވެން ވާނީ ރާއްޖޭން އެ ފަރުވާ ނުލިބޭ ކަން ކޯޓުން ޔަގީން ކުރުމަށް ފަހު ކަމަށެވެ.

"ޖިނާއީ ބޮޑު މައްސަލައެއްގެ ޝަރީއަތުގައި، ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދޭން ވާނީ، އެ ފަރުވާއަކީ ރާއްޖޭން ލިބެން ނެތް ފަރުވާއެއް ކަމަށް ޑޮކްޓަރަކު ޝަރީއަތުގެ މަޖިލީހުގައި ދޭ ރައުޔަކަށް ބިނާކޮށް، އެ ރައުޔުއާ މެދު ޕްރޮސެކިއުޓާ ޖެނެރަލް ދެކޭ ގޮތް ހާމަކޮށް، ބޭސްފަރުވާ ނިމިގެން އަނބުރާ ރާއްޖެ އައުމަށް ޝަރުތުކޮށްފަ،" ފަނޑިޔާރު ވިދާޅުވި އެވެ.

ބޭސްފަރުވާއަށް ހުއްދަ ދޭ އިރުގައި، ކަފާލާތުގެ ގޮތުގައި ދައުވާގައި ހިމެނޭ ފައިސާގެ އަދަދާ އެއް ވަރުގެ ފައިސާގެ އަދަދެއް ނުވަތަ ބޭންކް ގަރަންޓީއެއް ނުވަތަ ބޮންޑެއް ބެހެއްޓުމަށް ޝަރުތުކުރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވާ ކަމަށް ވެސް އެ ރައުޔުގައި ބުނެ އެވެ.

ތިން ފަނޑިޔާރުން ވެސް ވަނީ އަންމަޓީގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރުމަށް އިއްތިފާގުވެފަ އެވެ.

އަންމަޓީގެ މައްޗަށް ކުރި ތުހުމަތުތަކުގެ މައްސަލައިގައި ހޯދުމަށް ރެޑް ނޯޓިސް ނެރެފައިވަނިކޮށް އޭނާ ހައްޔަރުކުރީ ލަންކާގައި އުޅެނިކޮށެވެ. އޭނާގެ އާއިލާ ދިރިއުޅެމުން ދަނީ ލަންކާގަ އެވެ. އެ ގައުމުގައި އޭނާ އުޅެމުން ދިޔައީ ވިސާ ވެސް ނެތި، އަދި ޕާސްޕޯޓުގެ މުއްދަތު ހަމަވެފައި ވަނިކޮށެވެ.

އަންމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވެ އެވެ. އެ ހުރިހާ މައްސަލައެއްގެ ވެސް ޝަރީއަތް ކުރިއަށް ދަނީ ވަކިވަކިންނެވެ. އެއީ، އޭނާ ހިޔާނާތްތެރިވި ކޮންމެ މީހެއްގެ މައްސަލަ ވަކިންނެވެ.