Advertisement

ކިޔު ދިގު ވަނީ ސްޕެޝަލިސްޓް ޑޮކްޓަރުން މަދުވާތީ، އިސްކަން ދެނީ އެ މައްސަލައަށް: ހަލީމް

20 ޖަނަވަރީ 2024 - 14:14 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

އޮޕަރޭޝަން ތިއޭޓަރެއްގައި ޑޮކްޓަރުންތަކެއް ހަރަކާތްތެރި ވަނީ: މުސާރަ ބޮޑުކުރިޔަސް ބޭނުންވާ ވަރަށް ދިވެހި ޑޮކްޓަރުން ނުލިބޭ މައްސަލަ ބޮޑު --- ފޮޓޯ: އައިޖީއެމްއެޗް


ކިޔު ދިގު ވަނީ ސްޕެޝަލިސްޓް ޑޮކްޓަރުން މަދުވާތީ، އިސްކަން ދެނީ އެ މައްސަލައަށް: ހަލީމް

20 ޖަނަވަރީ 2024 - 14:14 0

މުސާރަތައް ބޮޑުކުރިޔަސް ދަރުމަވަންތަ ހޮސްޕިޓަލަށް ސްޕެޝަލިސްޓު ޑޮކްޓަރުން ލިބުމުގައި އަދިވެސް ދަތިތައް އެބަހުރި ކަމަށާއި އެކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެ އެވެ.

"އަދަދު" ނޫހަށް ދެއްވި އިންޓަވިއުގައި މިހާރު ސަރުކާރުގެ ރަސްމީ ހޮސްޕިޓަލު ކަމުގައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ ވިދާޅުވީ ޑޮކްޓަރަށް ދައްކަން ނަން ނޯޓު ކޮށްފައިވާ މީހުންގެ ކިޔު ދިގު ވުމުގެ ސަބަބަކީ ވެސް ސްޕެޝަލިސްޓު ޑޮކްޓަރުން މަދުވުން ކަމަށެވެ. އޭނާ ވިދާޅުވީ ޑޮކްޓަރުންގެ މުސާރަ ބޮޑު ކުރުމުން ވެސް، ސްޕެޝަލިސްޓް ޑޮކްޓަރުން ލިބުމުގައި އެދެވޭ ކުރިއެރުމެއް ނުލިބޭ ކަމަށެވެ.

މިހެން ދިމާވާ މައިގަނޑު ސަބަބު ފާހަގަކުރައްވަމުން ސީއީއޯ ހަލީމް ވިދާޅުވީ، ނިމުނު އަހަރު ޑޮކްޓަރުންގެ މުސާރަ ބޮޑު ކުރި ނަމަވެސް، ސްޕެޝަލިސްޓު ޑޮކްޓަރުންނަކީ އެއް އަހަރުން ނުވަތަ ދެ އަހަރުން އިތުރު ކުރެވޭނެ ބައެއް ނޫން ކަމަށެވެ. އެހެންވެ މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ނުފެންނާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ހަލީމް އިތުރަށް ވިދާޅުވީ ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީން ވަމުންދާ މިންވަރަކުން ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާ ނަމަވެސް އެ އަދަދު މަދުކަމަށެވެ. އަދި ޑޮކްޓަރުން ތަމްރީންވުމަކީ އަހަރުތަކެއް ހޭދަވާ ކަމެއްކަން ސީއީއޯ ފާހަގަކުރެއްވި އެވެ.

ބިދޭސީންނަށް މުސާރައިގެ ކުރިއެރުން ނުލިބުން، ބޮޑު ގޮންޖެހުމެއް

މިފަހުން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައިއިރު، ބިދޭސީ ޑޮކްޓަރުންގެ މުސާރައަށް ބަދަލެއް ނާދެ އެވެ. މިއާ ވިދިގެން ދިވެހި ސްޕެޝަލިސްޓު ޑޮކްޓަރުން ލިބުން މަދު ދާއިރާތަކަށް ބޭރު ޑޮކްޓަރުން ހޯދަން މަސައްކަތް ކުރި ނަމަވެސް، ބިދޭސީ ޑޮކްޓަރުން ގެންނަން ދަތިތަކާ ކުރިމަތިވާ ކަމަށް ހަލީމް ވިދާޅުވި އެވެ.

"ކިޔު ދިގު ވަނީ ސްޕެޝަލިސްޓް ޑޮކްޓަރުން މަދު ދާއިރާތަކުގައި، އެތެރެހަށީގެ ބަލިތަކުގެ ދާއިރާގައި ކިޔޫއެއް ނޯވޭ، އެކަމަކު ސްޕެޝަލިސްޓުން މަދު ނަމަ ކިޔު ދިގުވެގެން އެބަދޭ، އެއަށް އެޑްރެސް ކުރަން ކުރެވޭނެ ކަމަކީ ވެސް ސްޕެޝަލިސްޓް ޑޮކްޓަރުން އިތުރު ކުރުން، ޑޮކްޓަރުން އިތުރު ކުރެވޭތޯ އެބަ ބަލަން،" އޭނާ ވިދާޅުވި އެވެ.

ބިދޭސީ ސްޕެޝަލިސްޓު ޑޮކްޓަރުން ލިބުމުގައި ހުރި ދަތިތައް ހައްލު ކުރުމަށް ޕޭ ކޮމިޝަނާ މިނިސްޓްރީއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މުސާރަތައް ގެނައި ބަދަލާ ގުޅިގެން ބައެއް މައްސަލަތައް ނިކުތް ނަމަވެސް އޭގެ ސަބަބުން ހެޔޮ ބަދަލުތަކެއް ފެންނަން ފަށާފައިވާ ކަމަށް ވެސް ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ ވިދާޅުވި އެވެ.

އެއީ ކްލިނިކްތަކުގައި ޑޮކްޓަރުން ހިދުމަތް ދޭ މިންވަރު މަދުވުމެވެ. މިއީ ރަނގަޅު ބަދަލެއް ނަމަވެސް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް މާލޭ ސަރަހައްދުގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެފައި ވާތީ، ޑޮކްޓަރަށް ދެއްކުމަށް އާންމުންނަށް އަދިވެސް ދަތިތައް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

"ހޮސްޕިޓަލުން ދޭ ކޮންސަލްޓޭޝަން އިތުރުވެއްޖެ، އެކަމަކު ވެސް މިހާރަށް ވުރެ ވެސް ކޮންސަލްޓޭޝަން އިތުރު ކުރެވޭތޯ އެބަ ބަލަން،" އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރުންނަށް ދެއްކުމުގެ ތާށިކަން ފިލުވާލަން މަސައްކަތު މޮޑެލް ބަދަލުކުރަނީ

ޑޮކްޓަރަށް ދެއްކުން އަވަސްކުރަން ހޮސްޕިޓަލުން ކުރަމުންދާ އެހެން މަސައްކަތެއްގެ ގޮތުގައި ސީއީއޯ ހަލީމް ފާހަގަކުރެއްވީ މިހާރު މަސައްކަތް ކުރާ މޮޑެލް ބަދަލު ކުރުމެވެ. ޑޮކްޓަރުންގެ މަޝްވަރާއާއެކު މިހާރު ހޮސްޕިޓަލުގައި މަސައްކަތް ކުރާ މޮޑެލް ބަދަލު ކުރެވޭތޯ ބަލަމުންދާ ކަމަށާއި އިތުރު ކޮންސަލްޓޭޝަންތައް ނެގޭނެ ގޮތްތަކެއް ހޯދަމުންދާ ކަމަށް ވިދާޅުވި އެވެ.

އެކަން ހާސިލް ވެއްޖެނަމަ ޑޮކްޓަރަށް ދެއްކުމަށް އޮންނަ ކިޔު ދިގު ވުމުގެ މައްސަލައަށް ވެސް، ހައްލެއް އަންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ހޮސްޕިޓަލުގެ އިމާރާތަކީ ވެސް 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އިމާރާތެއްކަމުން އެ އިމާރާތަކީ ވެސް ބަދަލު ކުރަން ޖެހިފައިވާ ތަނެއްކަން ސީއީއޯ ފާހަގަކުރެއްވި އެވެ. ހޮސްޕިޓަލުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވޭނީ ޖުމްލަކޮށް މުޅި ހޮސްޕިޓަލަށް ބަދަލުތަކެއް ގެނެސްގެން ކަމަށާއި އެކަމަށް މަސައްކަތް ކުރަމުންދާ ކަމަށް ސީއީއޯ ހަލީމް ވިދާޅުވި އެވެ.

މިއާ ގުޅިގެން ސަރުކާރުން ވަނީ އައިޖީއެމްއެޗް ތަޅާލައި އެ ސަރަހައްދުގައި އާ ހޮސްޕިޓަލް އިމާރާތެއް އަޅަން ނިންމާފަ އެވެ.