Advertisement

އަންހެނުންނަށް ހާއްސަ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ: މިނިސްޓަރު ޝިހާމް

20 ޖަނަވަރީ 2024 - 13:36 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ލ. ގަމުގައި އަންހެނަކު ރިހާކުރު ކައްކަނީ: އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ކުރީ ސަރުކާރުތަކުން ވެސް ތަފާތު ސްކީމްތައް ހިންގާފައިވޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އަންހެނުންނަށް ހާއްސަ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ: މިނިސްޓަރު ޝިހާމް

20 ޖަނަވަރީ 2024 - 13:36 0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އަންހެނުން ބާރުވެރިކޮށް ވިޔަފާރީގެ މައިދާނަށް އަންހެނުން ނެރުމަށް ދޫކުރާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ "ހަފުތާ 14" މަގުޗާޓުގައި ހިމެނޭ ހިޔަލަ ވީކެންޑް މާކެޓް ފައްޓަވައިދެއްވަމުން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ އަންހެނުން ގޭގައި ތިބެގެން އުފައްދާ ތަކެތި ވިއްކުމަށް މަގު ފަހިކުރުމަށް ހުޅުމާލެއިން ވަކި ތަނެއް ހާއްސަކޮށް، އެ މީހުންނަށް ކުޑަ ކުލީގައި ފަސޭހަ ގޮތެއްގައި އެކަން ކުރެވޭނެ ގޮތް ހަމަޖެއްސުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ.

އެގޮތުން ހިޔަލަ މާކެޓާ އެކު ދިވެހި އަންހެނުންގެ އުފެއްދުންތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގެ އިތުރު މަގެއް ތަނަވަސްވެގެން ދާނެ ކަމަށާއި އޭގެ އިތުރުން ކުދި ވިޔަފާރިތަކަށް ރައީސް ވެވަޑައިގެންފައިވާ ދެ ވައުދެއް ވަރަށް އަވަހަށް ފުއްދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސްގެ މުއިއްޒުގެ މުހިންމު ދެ ވައުދެއް ވަރަށް އަވަހަށް ފުއްދަވާދެއްވާނެކަމުގެ ޔަގީންކަން އަރުވަން. މިގޮތުން އަންހެނުންނަށް ހާއްސަކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ. ހަމަ އެއާއެކު ކުދި ވިޔަފާރިތަކަށް ހާއްސަކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ލޯނެއް ވަރަށް އަވަހަށް ތައާރަފުކުރެވިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

"ހިޔަލަ ވީކެންޑު މާކެޓު" ހުޅުވި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އައިޝަތު ޝިހާމު: އިގުތިސޯދުގައި އަންހެނުން ހިއްސާ ބޮޑުކުރަން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި--- ފޮޓޯ: އެޗްޑީސީ


ހިޔަލަ މާކެޓުން ހުޅުވިގެން ދާނެ ފުރުސަތުތަކާއި ފައިދާތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ޝިހާމް ވިދާޅުވީ އެ މާކެޓުން އަންހެން ވިޔަފާރިވެރިންނަށް ހުޅުވިގެންދާ ފުރުސަތުތަކުގެ ފައިދާ އެ ފަރާތްތަކުގެ އާއިލާތަކުގެ އިތުރުން މުޅި މުޖުތަމައަަށް ވެސް ކުރާނެ ކަމަށެވެ.

"ހިޔަލަ ވީކެންޑް މާކެޓް" އަކީ ސަރުކާރުގެ "ހަފްތާ 14 މަގުޗާޓު"ގައި ހިމަނާފައިވާ މަސައްކަތްތަކުގެ ތެރެއިން ކަނބަލުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ހާއްސަ ސަރަހައްދެއް ހުޅުމާލޭގައި ކަނޑައަޅައި، ވިޔަފާރިކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ގާއިމު ކުރި މާކެޓެކެވެ.

މި ހަފުތާއިން ފެށިގެން ކޮންމެ ހަފުތާ ބަންދެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކުރިއަށްދާ މި މާކެޓު ބާއްވަނީ ހުޅުމާލެ ކޮންޓެއިނާ ޕާކު ސަރަހައްދުގަ އެވެ. ޖުމްލަ 10 ސްޓޯލް ހިމެނޭ މި މާކެޓުގެ ސްޓޯލެއް އަންހެން ވިޔަފާރިވެރިންނަށް ދޫކުރަނީ ކޮންމެ ހަފުތާ ބަންދަކަށް 300ރ. ގެ މަގުންނެވެ.

މީގެ ކުރިން ވެސް ސަރުކާރުތަކުން އަންހެން ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ތަފާތު އެކިއެކި ސްކީމްތައް ހިންގާފައިވެ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ލޯން ސްކީމަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެސްޑީއެފްސީން ދޫކުރާ ލޯނުތަކުގެ ބައެއް އަންހެނުންނަށް ހާއްސަކުރުން ފާހަގަކޮށްލެވެ އެވެ.