Advertisement

ފަރެސްމާތޮޑާގެ މި މަސްވެރިޔާއަށް ޔޫޓިއުބުގެ ސިލްވާ ޕްލޭ ބަޓަން

20 ޖަނަވަރީ 2024 - 13:42 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އާދަމް ރަޝީދު: ޔޫޓިއުބުން ރަނގަޅު އާމްދަނިއެއް ލިބޭ ކަމަށް އޭނާ ބުނޭ -- ފޮޓޯ: އާދަމް


ފަރެސްމާތޮޑާގެ މި މަސްވެރިޔާއަށް ޔޫޓިއުބުގެ ސިލްވާ ޕްލޭ ބަޓަން

20 ޖަނަވަރީ 2024 - 13:42 0

އެތައް ހާސް ބައެއް ބޭނުންކުރާ ޔޫޓިއުބަކީ މުނިފޫހިފިލުވުމަށް ހާއްސަ ސޯޝަލް މީޑިއާ ޕްލެޓްފޯމެކެވެ. ޔޫޓިއުބަށް ލާ ވީޑިއޯއަށް ލިބޭ ލައިކްސް އަދި ވިއުސްގެ ޒަރިއްޔާއިން އާމްދަނީ ހޯދާމީހުން މިއަދު ގިނަ އެވެ. އަދި ވަކި ވަރަކަށް ސަބްސްކްރައިބަރުން ހަމަވުމުން ޔޫޓިއުބުން އެ ފަރާތަކަށް ހާއްސަ އެވޯޑުތައް ވެސް ދެ އެވެ.

މިފަދަ އެވޯޑެއް ގދ. ފަރެސްމާތޮޑާއަށް ނިސްބަތްވާ ކުޅަދާނަ މަސްވެރިޔަކު ވަނީ ހޯދާފަ އެވެ. އުމުރުން 35 އަހަރުގެ އާދަމް ރާޝިދުގެ ޔޫޓިއުބް އެކައުންޓް "ދަ ލައިފް އޮފް އަ ފިޝަމޭން 4076" އަށް ލިބިފައިވަނީ އެއްލައްކަ ސަބްސްކްރައިބަރުން ހަމަވުމުން ޔޫޓިއުބުން ދޭ ސިލްވާ ޕްލޭ ބަޓަން އެވެ.

"ދަ ލައިފް އޮފް އަ ފިޝަމޭން 4076" އެކައުންޓު އާދަމް އުފެއްދީ މަސްވެރިކަމަށް މަޝްހޫރު ފަރެސްމާތޮޑާ މަސްވެރިން ކުރާ މަސައްކަތް ރާއްޖޭގެ އިތުރުން މުޅި ދުނިޔެއަށް ދައްކައިލުމުގެ ބޭނުމުގަ އެވެ. ވީޑިއޯ ނެގުމަށްފަހު ފުރަތަމަ ލާންފެށީ ފޭސްބުކް އަދި އިންސްޓަގްރާމަށް ކަމުގައި އާދަމް 'އަދަދު' އަށް ކިޔައިދިނެވެ. އަދި ޔޫޓިއުބަށް އެ ވީޑިއޯތަށް ލާން ނިންމީ އެހެން މީޑިއާ ޕްލެޓްފޯމްތަކުން ބޮޑު ތާއީދެއް ލިބުމުގެ ސަބަބުން ކަމުގައި އޭނާ ފާހަގަކުރި އެވެ.

"ފުރަތަމަ ފަރެސްމާތޮޑާ މަސްވެރިންގެ ނަމުގަ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖެއް ހެދީ. އަސްލު ބޭނުންވީ ރަށުގެ މަސްވެރިކަން ދައްކާލަން. ވަރަށް ގިނައިން ވިއުސް އަދި ލައިކްސް ލިބުނު. ފޭސްބުކުން އެކަނި ވެސް ދެ މިލިއަން ވިއުސް ލިބުނު،" އާދަމް ކިޔައިދިނެވެ.

ޔޫޓިއުބު އަދި ފޭސްބުކް ޕޭޖުގައި އާދަމް ހިއްސާކުރާ ވީޑިއޯތައް ރިކޯޑުކުރަނީ މަހަށްދާ ދޯނީގެ ޗެންޗެއިނުގައި ސްޓޭންޑެއް ހަރުކޮށްގެން އޭނާގެ އަމިއްލަ ފޯނުންނެވެ. އަދި މަސް އައިނަކާ ލައްވައިލުމާއެކު ފޯނު ސްޓޭންޑުގައި ހަރުކުރުމަށްފަހު ވީޑިއޯ ޖައްސައި، ދުވެފައި މަސްބާނަން ދޯނީގެ ފަހަތައް ދަނީ ކަމަށް އާދަމް ބުންޏެވެ.

"ފޯނު ސެޓުކޮށްފަ ބަހައްޓަނީ ސްޓޭންޑުގަ. ވީޑިއޯ ޖައްސާފަ ދުވެފަ ފަހަތައް މަސް ބާނަން ދަނީ. ނިންމާފަ އައިސް ވީޑިއޯ ސްޓޮޕް ކުރަނީ،" ވީޑިއޯ ނެގުމަށް އޭނާ ކުރާ މަސައްކަތް އާދަމް ހިއްސާކުރި އެވެ.

އުމުރުގެ ގިނަ އަހަރުތަކެއް އާދަމް ހޭދަކުރީ މަސްވެރިކަމުގަ އެވެ. އަދި އޭނާ ވަނީ ރިސޯޓް ގެސްޓްހައުސް ދާއިރާގައި ވެސް މަސައްކަތް ކޮށްފަ އެވެ. އެގޮތުން އާދަމް ފުރަތަމަ މީސްމީޑިއާގައި ހިއްސާކުރީ ގެސްޓުންނާއެކު ޑައިވިންއަށް ގޮސް ނަގާ ވީޑިއޯތަކެވެ.


އާދަމްގެ "ދަ ލައިފް އޮފް އަ ފިޝަމޭން 4076" އެކައުންޓަށް ޔޫޓިއުބުގައި 100،000 ސަބްސްކްރައިބަރުން ހަމަވުމާއެކު އޭނާއަށް ޔޫޓިއުބުގެ ސިލްވާ ޕްލޭ ބަޓަން ލިބުނީ މީގެ ހަފުތާއެއް ކުރިންނެވެ. އަދި ޔޫޓިއުބުން ފުދޭވަރަކަށް ރަނގަޅު އާމްދަނީއެއް ލިބޭކަން ވެސް އާދަމް ފާހަގަކުރި އެވެ.

ނަމަވެސް އާދަމް ފުރަތަމަ ވީޑިއޯ ނަގަން ފެށީ އެއްވެސް އާމްދަނީއެއް ލިބޭނެކަމުގެ އުންމީދުގައެއް ނޫނެވެ. ފަރެސްމާތޮޑާގެ މަސްވެރިންނަށް ރީތި ނަމެއް ހޯދައިދިނުމުގެ ބޭނުމުގަ އެވެ.

"އަސްލު އާމްދަނީއެއް ލިބިދާނެކަމަށް ކުރިކަމެއް ނޫން. ބޭނުންވީ ރަށު މަސްވެރިކަން ދައްކާލަން. ފަރެސްމާތޮޑާއަށް ރީތި ނަމެއް ހޯދައިދޭން،" އާދަމް ހިއްސާކުރި އެވެ.

އާދަމް ދެކޭ ގޮތުގައި ޔޫޓިއުބް، ފޭސްބުކް ފަދަ މީސްމީޑިއާ ޕްލެޓްފޯމުތަކަކީ އެމީހަކު ކުރާ މަސައްކަތް އެންމެނަށް ދައްކައިލުމުގެ އިތުރުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ބޭރު ދުނިޔެއަށް ދައްކާލައި، ކުރިއެރުވުމަށް ލިބޭ ފުރުސަތެކެވެ.