Advertisement

ދަ ގްރާންޑޭ އަތުން މޮޅުވެ ނިއު އިން އިތުބާރާ އެކު

19 ޖަނަވަރީ 2024 - 20:04 0

ނިއު ރޭޑިއަންޓްގެ ތިން ވަނަ ގޯލު ޖެހުމަށް ފަހު އަޔާ އުފާފާޅުކުރަނީ.--- ފޮޓޯ: މިގްދާދު (ދާދު)


ދަ ގްރާންޑޭ އަތުން މޮޅުވެ ނިއު އިން އިތުބާރާ އެކު

19 ޖަނަވަރީ 2024 - 20:04 0

އެފްއޭއެމް އެމްޕީއެލް ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 3-0 އިން މޮޅުވެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އިތުބާރާ އެކު މުބާރާތް ފަށައިފި އެވެ.

ދިވެހި ފުޓްބޯޅައިގެ އެންމެ ކާމިޔާބު ޓީމު ދެ ވަނަ ޑިވިޝަނުގައި މި ކުޅެނީ ދެ ވަނަ ސީޒަނުގަ އެވެ.

އަނެއްކޮޅުން، މިއީ އެއް އަހަރާއި ފަސް މަސް ދުވަސް ތެރޭ ނިއު އިން ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ.

މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ބުރު ސްޕޯޓްސް ކްލަބް އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި މެޗަށް ފަހު، ނިއު އިން ރަސްމީ މެޗެއް ނުކުޅެ އެވެ. އެ މެޗު ކުޅުނީ، 22 އޮގަސްޓް 2022 ވަނަ ދުވަހު ހަވީރު އެވެ. އޭގެ ފަހުން މިވީ، 523 ދުވަސް ތެރޭ ނިއު އިން ރަސްމީ މެޗެއް ނުކުޅެ ހުންނަން ޖެހުނީ އެކި ސަބަބުތަކާ ހުރެ އެވެ.

ތިން ފަހަރެއްގެ މަތިން ފަސްކުރަން ޖެހުނު، މި ފަހަރުގެ ދެ ވަނަ ޑިވިޝަނު ފުޓްބޯޅަ މުބާރާތުގައި ނިއު އިން ކުޅެން އޮތް ފުރަތަމަ މެޗަކީ، މިއަދު ދަ ގްރާންޑޭއާ ބައްދަލުކުރަން އޮތް މެޗެެވެ. މި މެޗު ފުރަތަމަ ތާވަލުކޮށްފައި އޮތީ މިދިޔަ މަހުގެ 31 ވަނަ ދުވަހަށެވެ. އެކަމަކު، އެ ދުވަހު މާލެ އަށް ބޯކޮށް ވިއްސާރަ ވެހޭތީ، މެޗު ނުކުޅެވުނެވެ. ނިއު އިން ކުޅެން އޮތް ދެ ވަނަ މެޗަކީ، މި މަހު 13 ވަަނަ ދުވަހު ކްލަބް ޓީނޭޖާ ކުޅެން އޮތް މެޗެވެ. އެ މެޗަށް ޓީނޭޖް ހާޒިރުނުވެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗަށް ނިއުގެ ގިނަ ސަޕޯޓަރުންތަކެއް ދަނޑަށް ދިޔަ އެވެ. މެޗުގައި ނިއު އިން ލީޑުނެގީ 23 ވަނަ މިނިޓްގަ އެވެ. މިއީ ނިއު އަށް ކުޅޭ ގާނާގެ މިޑްފީލްޑަރު، އަބޫ ސަނޫނޫ އޭރިއާތެރެއިން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. އޭނާ އަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އުޒްބެކިސްތާން މިޑްފީލްޑަރު، އުމަރްޔޯނޯފް އެވެ.

މި ހާފުގައި އިތުރު ގޯލެއް ޖަހަން ނިއު އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މިނިޓެއް ތެރޭ ނިއު އިން ލީޑުފުޅާކުރި އެވެ. މި ލަނޑު ޖެހީ އެ ޓީމުގެ ގާނާ ފޯވާޑް ކޯފީ އޮވޫސޫ އެވެ. މިއީ އޭރިއާތެރެއިން ހުސްކޮށްލާފައި ނިއުގެ ކެޕްޓަން، ޔަސްފާދު ހަބީބު (މުލަކޭ) ދިން ބޯޅައަކުން ކޯފީ ޖެހި ގޯލެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް ނިއުގެ ތިން ވަނަ ގޯލު ޖެހީ، އަޔާޒް އަހުމަދު (އަޔާ) އެވެ. ކުރިން ދަ ގްރާންޑޭ އަށް ފުރަތަމަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދެއްކި އަޔާ މި ލަނޑު ޖެހީ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި މާދަމާ ހަވީރު، މަހިބަދޫ ސްޕޯޓްސް ކްލަބް ކުޅޭނީ އެލްޓީ ސްޕޯޓްސް ކްލަބާ އެވެ.