Advertisement

މޭޔަރު އިންތިހާބު: 55 ފޮށީގެ ތެރެއިން ސަރުކާރު ކެންޑިޑޭޓަށް ނެގުނީ އެންމެ ފަސް ފޮށި

14 ޖަނަވަރީ 2024 - 11:46 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުގެ މޭޔަރު ކެންޑިޑޭޓު އާޒިމާ ޝަކޫރު: 55 ފޮށީގެ ތެރެއިން އާޒިމާއަށް ނެގުނީ އެންމެ ފަސް ފޮށި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މޭޔަރު އިންތިހާބު: 55 ފޮށީގެ ތެރެއިން ސަރުކާރު ކެންޑިޑޭޓަށް ނެގުނީ އެންމެ ފަސް ފޮށި

14 ޖަނަވަރީ 2024 - 11:46 0

އިއްޔެ ބޭއްވި މާލެ ސިޓީ މޭޔަރު ބައި އިލެކްޝަނުގައި ނާކާމިޔާބީއާ ކުރިމަތިވި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ ޝަކޫރަށް ކުރި ހޯދިފައިވަނީ އެންމެ ފަސް ފޮށިންކަން ހާމަވެއްޖެ އެވެ.

މާލޭގައި އިއްޔެ ކުރިއަށް ގެންދިޔަ އިންތިހާބުގައި ޖުމްލަ 14 މަރުކަޒެއްގައި 55 ވޯޓުފޮށި ބެހެއްޓި އެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހުންނަށް ލިބުނު ނަމަވެސް ވޯޓުލާން ނުކުތީ އެންމެ 32 އިންސައްތަ މީހުންނެވެ.

"އަދަދު" އިން އެއްކުރި ވަކިވަކި ފޮށިތަކުގެ ނަތީޖާތަކަށް ބަލާއިރު ބޮޑު ތަފާތަކުން ގިނަ ފޮށިތައް ކާމިޔާބުކުރީ އެމްޑީޕީގެ ކެނޑިޑޭޓު އާދަމް އާޒިމް އެވެ. ސަރުކާރު ކެންޑިޑޭޓަށް ކުރި ހޯދީ އެންމެ ފަސް ފޮށިންނެވެ. އެއީ ޖުމްލަ ފޮށިތަކުގެ ނުވަ އިންސައްތަ އެވެ. ވިލިމާލޭގައި ބެހެއްޓުނު ދެ ފޮށްޓެއްގެ ނަތީޖާ ވަނީ އެއްވަރު ވެފަ އެވެ.

އާޒިމާއަށް ނެގުނު ފޮށިތައް

  • ހުޅުމާލެ 1 (T1.1)
  • ހުޅުމާލެ 4 (T1.4)
  • މައްޗަންގޮޅި ދެކުނު 3 (T12.3)
  • މާފަންނު ހުޅަނގު 3 (T16.3)
  • މާފަންނު ދެކުނު 3 (T17.3)

މި ފޮށިތަކުގެ ތެރެއިން އެންމެ ނަތީޖާ ބޮޑުކޮށް އާޒިމާއަށް ކާމިޔާބު ކުރެވުނީ އޭނާ ނިސްބަތްވާ މާފަންނުގެ ދެ ފޮށްޓެވެ. މާފަންނުގެ ޖުމްލަ މެޖޯރިޓީ ވެސް ބޮޑު ތަފާތަކުން ކާމިޔާބު ކުރީ އެމްޑީޕީއިންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ މާލޭގެ ނަތީޖާތަކަށް ބަލާއިރު އޭރު ސަރުކާރުގައި އޮތް އެމްޑީޕީއަށް ނެގުނީ ވަރަށް މަދު ފޮށިކޮޅެކެވެ. މާލޭގެ ޖުމްލަ 54 އިންސައްތަ އެ އިންތިހާބުގައި ޕީއެންސީއިން ކާމިޔާބު ކުރި އެވެ. ނަމަވެސް އޭގެ ތިން މަސް ފަހުން މާލޭގެ މަންޒަރު މިވަނީ ބަދަލުވެފަ އެވެ. އިއްޔެގެ އިންތިހާބުގައި ޕީއެންސީއަށް ލިބުނީ އެންމެ 29 އިންސައްތަ އެވެ.

އިއްޔެގެ ނާކާމިޔާބަށްފަހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޗެއާޕާސަން އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ އިންތިހާބުގެ ކެމްޕެއިނަށް ލީޑާޝިޕުން ދޭން ޖެހޭ ވަރަށް ސަމާލު ކަން ނުދެވުނު ކަމަށެވެ.

"ސަރުކާރުގެ މަސައްކަތުގައި އުޅެން ޖެހުމުން މި އިންތިހާބަށް ދޭން ޖެހޭ ވަރުގެ ސަމާލުކަން ނުދިނުމުގެ ސަބަބުން މި އިންތިހާބު ގެއްލިގެން މި ދިޔައީ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އޮތް ތާއީދު ދައްކުވައިދޭ ނަތީޖާއެއް ނޫން ކަމަށް ބުނެ ސަރުކާރުގެ އެކި މަގާމުތަކައި ތިއްބެވި ބޭފުޅުން އަންނަނީ ސޯޝަލް މީޑިއާގައި ބަސްބުނަމުންނެވެ. އެގޮތުން ވޯޓުލާން ނިކުތް މީހުންގެ އަދަދު މަދު ކަން ވެސް އެ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.