Advertisement

ވެމްކޯގެ ކާމިޔާބީގެ އަސްލަކީ ޓީމެއްގެ ގޮތުގައި ކުޅުން: ޝުއައިބު

10 ޖަނަވަރީ 2024 - 12:09 0

އަތޫފް އާތިފް

އަތޫފް އާތިފް

ވެމްކޯ ޓީމުގެ ކޯޗު ޝުއައިބު: ޓީމުގެ ކުޅުންތެރިންނަށް ވަނީ ޝުކުރު އަދާކޮށްފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ވެމްކޯގެ ކާމިޔާބީގެ އަސްލަކީ ޓީމެއްގެ ގޮތުގައި ކުޅުން: ޝުއައިބު

10 ޖަނަވަރީ 2024 - 12:09 0

މި ފަހަރުގެ ވޮލީ ސީޒަނުގައި ކުލަބް ވެމްކޯ އިން ހޯދި ކާމިޔާބީގެ އަސްލަކީ ޓީމެއްގެ ގޮތުގައި ކުޅުން ކަމަށް ވެމްކޯގެ ކޯޗު ޝުއައިބް އަހުމަދު ބުނެފި އެވެ.

ވެމްކޯ އިން ވަނީ މި ފަހަރުގެ އެސޯސިއޭޝަން ކަޕާއި ގައުމީ ތަށި ހޯދައިފަ އެވެ. އެސޯސިއޭޝަން ކަޕް ހޯދީ ޖެހިޖެހިގެން ތިން ވަނަ ފަހަރު އެވެ. ގައުމީ ތަށި ހޯދާފައި މި ވަނީ ޖެހިޖެހިގެން ދެ ވަނަ ފަހަރު އެވެ.

ރޭ ކުޅުނު ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވެމްކޯ އިން ހޯދީ ފައިނަލުގައި ޕޮލިސް ކުލަބް 3-1 ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 25-21, 25-21, 19-25 އަދި 25-23 އިންނެވެ.

ޝުއައިބް ބުނީ ވެމްކޯއިން ހޯދި ކާމިޔާބީގެ ސިއްރަކީ ޓީމެއްގެ ގޮތުގައި ކުޅުން ކަމަށެވެ. އަދި މުޅި ވޮލީ ސީޒަނަށް ބެލިކަމުގައިވީ ނަމަވެސް ވެމްކޯ ޓީމު ފެނިގެންދިޔައީ ބަދަހިކޮށް ކަމަށާއި, އެ ގޮތުން ކޯޗިން ޓީމު ވެސް ފެނިގެންދިޔައީ އެކުގައި މި ކާމިޔާބު ހޯދަން މަސައްކަތް ކުރިތަން ކަމަށް ޝުއައިބު ފާހަގަ ކުރި އެވެ.

"މި ކާމިޔާބީގެ އަސްލު ސިއްރަކީ ޓީމެއްގެ ގޮތުގައި ކުރި މަސައްކަތް, ހަމައެކަނި ކުޅުންތެރިންނެއް ނޫން. ކޯޗިން ޓީމުވެސް ފެނުނީ ބަދަހިކޮށް އަޅުގަނޑާ, ނިޒާރު އަދި ހާލީ ކޯޗު ހިމެނޭ ހެން" ޝުއައިބު ބުންޏެވެ.

މި ކާމިޔާބީއަކީ ނިޒާރު ކޯޗުގެ ދުރު ވިސްނުން. އެ ޕްލޭނާ އެކު މަސައްކަތް ކުރުން. މި ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއް ދޭނީ ނިޒާރު ކޯޗަށް -- ޝުއައިބު

އަންހެން ވޮލީ ކުރިއެރުވުމުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކޯޗެއްގެ ގޮތުގައި ފާހަގަވާ ޝުއައިބު ބުނީ މިއީ ނިޒާރު ކޯޗު ދުރު ރާސްތާ ޕްލޭނަކާ އެކު ދިން ޓްރެއިނިން ތަކުގެ ނަތީޖާ ކަމަށެވެ. މި ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއްވާ ފަރާތަކީ ނިޒާރު ކަމަށް ޝުއައިބު ވަނީ ބުނެފަ އެވެ.

ޝުއައިބު ބުނީ ވެމްކޯގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ތިބުން އެއީ ލިބުނު "އެޑުވާންޓޭޖެއް" ކަމަށެވެ. އަދި އިއްޔެގެ މެޗުގައި ތިން ވަނަ ސެޓު ވެމްކޯއަށް ގެއްލުނީ ކުޑަކޮށް ފޯކަސް ދިޔުމުން ކަމަށެވެ.

ވެމްކޯގެ މެނޭޖުމަންޓުން ދެއްވި އެއްބާރުލުން ފާހަގަކޮށް ޝުއައިބު ބުނީ ވެމްކޯގެ އެމްޑީ އަދި މެނޭޖުމަންޓުން ޓީމަށް ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވި ކަމަށެވެ.