Advertisement

ޕޮލިސް ބަލިކޮށް ވެމްކޯއިން ގައުމީ މުބާރާތް ކާމިޔާބު ކޮށްފި

9 ޖަނަވަރީ 2024 - 23:51 0

އަތޫފް އާތިފް

އަތޫފް އާތިފް

ގައުމީ މުބާރާތް ކާމިޔާބު ކުރުމަށް ފަހު، ވެމްކޯގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޕޮލިސް ބަލިކޮށް ވެމްކޯއިން ގައުމީ މުބާރާތް ކާމިޔާބު ކޮށްފި

9 ޖަނަވަރީ 2024 - 23:51 0

ގައުމީ ވޮލީބޯލް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބް ބަލިކޮށް ކުލަބް ވެމްކޯއިން ހޯދައިފި އެވެ.

ވެމްކޯ އިން 2019 ވަނަ އަހަރުގެ ގައުމީ ފައިނަލުގައި ބަލިވި ނަމަވެސް އެންމެ ފަހުން ދެ ގައުމީ ތަށި މި ވަނީ އުފުލައިލައިފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިރޭ ކުޅުނު ފައިނަލް މެޗު ވެމްކޯއިން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 25-21, 25-21, 19-25 އަދި 25-23 އިންނެވެ.

މި މެޗުގެ ފުރަތަމަ ދެ ސެޓުގައި ވެސް ޖުމްލަކޮށް ލީޑު ކޮށްގެން ކުޅުނީ ވެމްކޯ އިންނެވެ. އެ ގޮތުން މި ދެ ސެޓުގައި ވެސް ވެމްކޯ އިން ވަނީ މުޅި ސެޓުގައި ކަހަލަ ގޮތަކަށް ތިން ޕޮއިންޓްގެ ލީޑެއްގައި އޮވެގެން ކުޅެފަ އެވެ. މި ދެ ސެޓުގައި ވެމްކޯގެ ތަފާތަކަށްވީ ސެޓަރު، ޖޫޒާން ޒަރީރް, އައިޝަތު މާޖިދާ (މާޖީ) އަދި ބިދޭސީ ކުޅުންތެރިޔާ ކީޝާ ރިކޯލްގެ މޮޅު ކުޅުމެވެ. އެއާއެކު މި ދެ ސެޓު ވެމްކޯއިން ކާމިޔާބުކުރީ 25-21 އަދި 25-21 އިންނެވެ.

މެޗުގެ ތިން ވަނަ ސެޓުގައި ޕޮލިސް ޓީމުން ވަނީ އިތުރު ހިތްވަރެއްގައި ކުޅެ ސެޓު ފަށައިގެން ބޮޑު ލީޑެއް ނަގައިފަ އެވެ. މި ސެޓުގެ ކުރީ ކޮޅު ޕޮލިހުން ވަނީ ފަސް ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. ޕޮލިހުގެ ތަޖުރިބާކާރު އެޓޭކަރު، ހައްވާ ރާޝިދާ (ހައްވަ) ގެ ބާރު އެޓޭކުތަކެއް ފެނުނު އިރު, މި ސެޓުގައި ވެމްކޯ ޓީމު ފެނުނީ އާދައިގެ ގޮތަކަށެވެ. އެއާ އެކު ޕޮލިހުން މި ސެޓު ކާމިޔާބުކުރީ 25-19 އިންނެވެ.

މެޗުގެ ހަތަރު ވަނަ ސެޓު ފެނިގެންދިޔައީ ވާދަވެރިކޮށެވެ. މުޅި މި މެޗުގައި ފެނުނު އެންމެ ފޯރިގަދަ ކުޅުން ފެނިގެންދިޔަ މި ސެޓުގެ ކުރީކޮޅު ވެމްކޯ އިން ބޮޑު ލީޑެއް ނެގިއެވެ. އެކަމަކު، މަޑުމަޑުން ހަމައަކަށް އެޅި ޕޮލިހުން ވަނީ ފަރަގު ކުޑަކޮށް ވެމްކޯ އަށް ޕްރެޝަރު ކޮށްފަ އެވެ. އެހެން ނަމަވެސް، ސެޓުގެ ފަހު ކޮޅު ޕޮލިސް ޓީމަށް ރިސީވްގެ މައްސަލަ ދިމާވުމުގެ ފައިދާ ނަގާ މި ސެޓު ވެމްކޯ އިން ކާމިޔާބުކުރީ 25-23 އިންނެވެ.

މި މުބާރާތުގެ އެންމެ މޮޅު ސެޓަރަކީ ވެމްކޯގެ ޖޫޒާން އެވެ. އެންމެ މޮޅު މިޑުލް ބޮލޮކަރަކަށް ވެމްކޯގެ މާޔާ ހުސެއިން ސޮލާހް ހޮވުނުއިރު, ސެކަންޑް ބެސްޓް މިޑުލް ބޮލޮކަރަކީ ޔޫތު ނިއު ޖެނެރޭޝަނުގެ އާމިނަތު ރިޔާޝާ އެވެ.

އެންމެ މޮޅު އޮޕަސިޓް ޕްލޭޔަރަކަށް ޔޫތު ނިއު ޖެނެރޭޝަންގެ ފާތިމަތު ސަމްހާ ހޮވުނުއިރު, އެންމެ މޮޅު ލިބަރޯއަކީ ހަމަ އެޓީމުގެ މައިހާ އަލީ އެވެ. އެންމެ މޮޅު އައުޓް ސައިޑް އެޓޭކަރަކަށް ހޮވުނީ ޕޮލިހުގެ ހައްވަ ހޮވުނުއިރު, ސެކަންޑް ބެސްޓް އައުޓް ސައިޑް އެޓޭކަރަކަށް ހޮވުނީ ވެމްކޯގެ އާމިނަތު އަރީޝާ އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ ޕޮލިހުގެ އަލްޔާ އަހުމަދެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ކީސާ ރިކޯލް ހޮވުނުއިރު, އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ޝުއައިބް އަހުމަދު އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވެމްކޯގެ މާޖިދާ އެވެ.

ގައުމީ ވޮލީބޯލް މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލް މާދަމާ ކުޅޭނެ އެވެ. ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ވާދަކުރާނީ ދިވެހި ސިފައިންގެ ކުލަބާއި އާބަންކޯ އެވެ.