Advertisement

ގައުމީ ވޮލީބޯލް މުބާރާތް: ފައިނަލުގެ ފަހު ޖާގަ އާބަންކޯ އަށް

9 ޖަނަވަރީ 2024 - 09:27 0

އަތޫފް އާތިފް

އަތޫފް އާތިފް

އާބަންކޯ ޓީމުގެ ޝަމާއިލް ރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ގައުމީ ވޮލީބޯލް މުބާރާތް: ފައިނަލުގެ ފަހު ޖާގަ އާބަންކޯ އަށް

9 ޖަނަވަރީ 2024 - 09:27 0

ގައުމީ ވޮލީބޯލް މުުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ފަހު ޖާގަ ސިޓީ ސްޕޯޓްސް ކުލަބް ބަލިކޮށް ކުލަބް އާބަންކޯ އިން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ސެމީ ފައިނަލް ފަހު މެޗު އާބަންކޯ އިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 23-25,25-23, 12-25 އަދި 25-27 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ހަމަހަމަ ކޮށް ދެ ޓީމުގެ ކުޅުން ފެނުނުއިރު، ސެޓުގެ ފަހު ކޮޅާ ހަމައަށް އެއްވެސް ޓީމަކަށް ބޮޑު ލީޑެއް ނަގައިގެން ކުޅެވޭ ގޮތް ވަނީ ނުވެފަ އެވެ. އެކަމަކު، މި ސެޓުގެ ކުރީކޮޅު ބޮޑަށް ލީޑު ކުރީ ސިޓީންނެވެ. ސެޓު ނިންމުމުގައި ސިޓީއަށް ދިމާވީ ތަޖުރިބާގެ މައްސަލަ އެވެ. އޭގެ ބަދަލު އާބަންކޯގައި ތިބި ތަޖުރިބާ ކުޅުންތެރިންގެ ބޭނުން ހިފައި އާބަންކޯ އިން ވަނީ މި ސެޓު 25-23 އިން ކާމިޔާބު ކޮށްފަ އެވެ.

ދެ ވަނަ ސެޓުގައި ސިޓީ ފެނުނީ ތަފާތު ކޮށެވެ. އާ ރޫހެއްގައި އެ ޓީމު ފެނިގެންދިޔައިރު, މި ސެޓުގައި ވެސް ދެ ޓީމަށް މާ ބޮޑު ލީޑެއް ނަގައިގެން ކުޅެވިފައެއް ނުވެ އެވެ. އެކަމަކު، ސެޓުގެ ފަހު ކޮޅު އާބަންކޯ ކުޅުންތެރިންނަށް ގާތް ގާތުގައި ހެދުނު ގޯސްތަކުގެ ފައިދާ ނަގާ ސިޓީން ވަނީ 25-23 އިން މި ސެޓު ކާމިޔާބު ކޮށްފަ އެވެ.

ސިޓީ ސްޕޯޓްސް ކުލަބާއި ކުލަބް ވެމްކޯ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: އަބްދުالله އިޔާން / އަދަދު


ތިންވަނަ ސެޓުގައި ސިޓީ ޓީމު ފެނުނީ އާދައިގެ ގޮތަކަށެވެ. އެ ޓީމު ކުޅުންތެރިންނަށް އާދައިގެ ގިނަ ގޯސްތަކެއް ހެދުމުގެ ނަތީޖާއަކީ މި ސެޓު ފަސޭހަކޮށް 25-12 އިން އަބަންކޯ އިން ކާމިޔާބުކުރި އެވެ.

މުޅި މެޗުގައި ފެނިގެންދިޔަ އެންމެ ފޯރިގަދަ ސެޓަކީ ހަތަރު ވަނަ ސެޓެވެ. ފުރަތަމަ ދެ ސެޓުގައި ފެނިގެންދިޔަ ހަމަހަމަ ކުޅުން މި ސެޓުގައި ތަކުރާރުވި އެވެ. އަދި ސެޓުގެ ފަހުކޮޅު ސެޓު ނިންމަން ދެ ޓީމަށްވެސް ފުރުސަތު ލިބުނެވެ. މި ސެޓު އާބަންކޯ އިން ކާމިޔާބުކުރީ 27-25 އިންނެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ފަހު ޖާގަ ހޯދީ ވެމްކޯ އެވެ. އިއްޔެ ހަވީރު ޒުވާނުން މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު ސެމީ ފައިނަލިގެ ފަހު މެޗު ވެމްކޯ އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ސެޓުތައް ވެމްކޯއިން ކާމިޔާބުކުރީ 25-23, 25-17 އަދި 26-24 އިންނެވެ.

އަންހެން ޑިވިޝަނުގެ ފައިނަލް މެޗު މިރޭ ކުޅޭނެ އެވެ. ފައިނަލުގައި ވެމްކޯ އިން ނުކުންނަން ޖެހޭނީ ޕޮލިސް ކުލަބާ ދެކޮޅަށެވެ.