8 ޖަނަވަރީ 2024 - 09:06 0
އަތޫފް އާތިފް
ރޭގެ މެޗުގެ ތެރެެއިން ސިފައިންގެ ކްލަބްގެ އެޑަމާ އުފާފާޅުުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
8 ޖަނަވަރީ 2024 - 09:06 0
ގައުމީ ވޮލީބޯލް މުބާރާތުގެ ސެމީ ފައިނަލުގައި ސިޓީ ސްޕޯޓްސް ކުލަބް އަތުން މޮޅުވެ, ދިވެހި ސިފައިންގެ ކުލަބުން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދިއިރު, ތިން ވަނަ ސެމީގައި ކުލަބް އާބަންކޯ އަދި ސިޓީ ވާދަކުރަން ޖެހިއްޖެ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ގައުމީ ވޮލީބޯލް މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލް މެޗުތައް އިއްޔެ ކުޅުނުއިރު, އިއްޔެ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އާބަންކޯ އިން ވަނީ ސީދާ ތިން ސެޓުން ވެމްކޯ ބަލިކޮށްފަ އެވެ.
ވެމްކޯގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ސިފައިން ގެންދިޔައީ 25-21, 25-13 އަދި 25-23 އިންނެވެ.
ރޭ ކުޅުނު ސެމީ ފައިނަލް ދެ ވަނަ މެޗު ފެނިގެންދިޔައީ ފޯރިގަދަ ކޮށެވެ. މި މެޗުގައި ސިޓީގެ މައްޗަށް ސިފައިން ކުރިހޯދީ 3-2 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 26-24, 21-25, 26-28, 25-19 އަދި 20-18 އިންނެވެ.
އެސޯސިއޭޝަން ކަޕް ޗެމްޕިއަން ސިޓީ އާއި ގައުމީ ލީގުގެ ޗެމްޕިއަން ސިފައިން ބައްދަލުކުރި މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު, މި ސެޓު ކާމިޔާބުކުރުމުގައި ސިފައިންގެ ޓީމުގެ ސެޓަރު ހުސައިން ޝާހިދު (ޝާޑު) ފަހު ވަގުތު ދެއްކި ކުޅުން ފާހަގަކުރެވެ އެވެ. އެއާ އެކު މި ސެޓު ސިފައިން ކާމިޔާބުކުރީ 26-24 އިންނެވެ.
ދެ ވަނަ ސެޓުގައި ތަފާތު ރޫހެއްގައި ސިޓީ ޓީމު ފެނިގެންދިޔައިރު, މި ސެޓުގައި ސިޓީ ޓީމުގެ ބިދޭސީ ދެ ކުޅުންތެރިން އަދި އަހުމަދު ފާޒިލްގެ މޮޅު ކުޅުން ފެނިގެންދިޔަ އެވެ. އެއާ އެކު މި ސެޓު ސިޓީން ކާމިޔާބުކުރީ 25-21 އިންނެވެ.
ރޭގެ މެޗުގެ ތެރެއިން ސިޓީ ޓީމުގެ ފާޒިލް ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ޖެހިގެން އައި ތިން ވަނަ ސެޓުވެސް ފެނުނީ ވާދަވެރި ކޮށެވެ. އެ ގޮތުން މި ސެޓު ނިންމަން ފުރުސަތު ދެ ޓީމަށް ލިބުނު ނަމަވެސް ސެޓުގެ ފަހު ވަގުތު ސިފައިންގެ ޓީމުގެ ފަރާތުން ފަރުވާ ކުޑަކުރުމުގެ ކަންތައްތަކެއް ފެނި ސެޓު ގެއްލުނީ އެވެ. މި ސެޓު ސިޓީން ކާމިޔާބުކުރީ 28-26 އިންނެވެ.
ހަތަރު ވަނަ ސެޓު ފަށައިގެން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު, މި ސެޓުގެ ފަހު ކޮޅު ސިޓީ ޓީމުގެ ކުޅުން ދަށްވެ, އަމިއްލަ ގޯސްތައް ހެދުނު މަންޒަރު ފެނުނެވެ. އޭގެ ބަދަލުގައި މި ސެޓުގައި ސިފައިންގެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، ޕާކިސްތާން ގައުމީ ޓީމުގެ، މުބައްޝިރު ރަޒާގެ މޮޅު އެޓޭކުތަކެއް ފެނިގެންދިޔަ އެވެ. މި ސެޓު ސިފައިން ކާމިޔާބުކުރީ 25-19 އިންނެވެ.
މެޗުގެ ފަހު ސެޓު ފަށައިގެން ސިފައިންގެ ޓީމުން ހަތަރު ވަނަ ސެޓު ނިންމާލި އިރު ފެނިގެންދިޔަ ކުޅުން ތަކުރާރު ކުރިއެވެ. އެ ގޮތުން ތިން ޕޮއިންޓްގެ ލީޑަކާ އެކު ފުރަތަމަ އަށް ޕޮއިންޓް ހޯދީ ސިފައިންނެވެ. އެކަމަކު ސިޓީން ކުޅުން ރަނގަޅުކޮށް ސިފައިންނަށް ޕްރެޝަރު ކުރިއެވެ. މި ސެޓު ނިންމަން ތިން ފަހަރެއްގެ މަތިން ސިޓީއަށް ފުރުސަތު ވެސް ލިބުނެވެ. އެކަމަކު، ސެޓުގެ ފަހު ޕޮއިންޓްތައް ސިފައިން ކާމިޔާބުކުރުމުގައި ޝާޑް, އެޑަމް އަދި މުބައްޝިރުގެ ކުޅުން ފާހަގަ ކޮށްލެވެ އެވެ. އެއާ އެކު، މި ސެޓު ސިފައިން ކާމިޔާބުކުރީ 20-18 އިންނެވެ.
މި މުބާރާތުގެ ތިންވަނަ ސެމީގައި މާދަމާ ރޭ ސިޓީން ނުކުންނާނީ އާބަންކޯއާ ދެކޮޅަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment