Advertisement

އިންޑިއާއާ "ޖައްސައިލި" މައްސަލައިގައި އިދިކޮޅުން ނުރުހުންވެ ގޮވައިލީ ވަގުތުން ހުއްޓައިލަން

7 ޖަނަވަރީ 2024 - 17:16 0

އަމަން ހަލީމް

އަމަން ހަލީމް

ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް: ދެ ބޭފުޅުން ވެސް މި މައްސަލައިގައި ސަރުކާރު ކުށްވެރިކުރަމުން ވިދާޅުވީ މިއީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް -- ފޮޓޯ/ރައީސް އޮފީސް


އިންޑިއާއާ "ޖައްސައިލި" މައްސަލައިގައި އިދިކޮޅުން ނުރުހުންވެ ގޮވައިލީ ވަގުތުން ހުއްޓައިލަން

7 ޖަނަވަރީ 2024 - 17:16 0

ސަރުކާރުގެ އިސްވެރިންނާއި ސަޕޯޓަރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމުގެ ރައްޔިތުންނަށް މަލާމާތްކޮށް ފުރައްސާރަކުރަމުންދާ މައްސަލައިގައި އިދިކޮޅުން ނުރުހުންވެ، އެކަން ކުރި އޮފިޝަލުންނަށް ފިޔަވަޅު އަޅަން ގޮވައިލައިފި އެވެ.

މިކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔަމުން އަންނަ މީހުންގެ ތެރޭގައި، ކުރީގެ ހާރިޖީ ވަޒީރު އަދި ތަޖުރިބާކާރު ޑިޕްލޮމެޓު އަބްދުﷲ ޝާހިދު އާއި ކުރީ ސަރުކާރުގެ ވަޒީރުންނާއި ބައެއް ޑިޕްލޮމެޓުން ވެސް ހިމެނެ އެވެ. މޯދީގެ ރަސްމީ އެކްސް އެކައުންޓު ޓެގު ކުރައްވައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިކަމުގައި ބައިވެރިވި ސަރުކާރުގެ ދެ ނައިބު ވަޒީރުންގެ ދަށުދަރަޖައިގެ ވާހަކަތައް ކުށްވެރިކުރައްވާ ކަމަށެވެ.

ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުންނަކީ މިހާރު ސޯޝަލް މީޑިއާ އެކްޓިވިސްޓުން ނޫންކަން އެ މީހުން ދަންނަން ޖެހޭ ކަން ހަނދުމަކޮށްދެއްވަމުން، ޝާހިދު ގޮވައިލެއްވީ މަގާމުގެ ގޮތުން އަދަބު އަހުލާގު ހިފެހެއްޓުމަށެވެ.

މި މައްސަލައިގައި ސަރުކާރަށް ފާޑުކިޔުން އަމާޒުކުރެއްވި އަނެއް ބޭފުޅަކީ ކުރީގެ އިކޮނޮމިކް މިނިސްޓަރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓުގައި މި މައްސަލައިގެ ޒިންމާ އެޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގަ އެވެ. އޭނާ ވިދާޅުވީ މިއީ ނިމުނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވަން ރައީސް މުއިއްޒު އިންޑިއާއާ ދެކޮޅަށް އުފެއްދެވި ނުތަނަވަސްކަމާއި ބިރުވެރިކަމުގެ މާހައުލުގެ ނަތީޖާ ކަމަށެވެ.

އެ މޭރުމުން ވާހަކަތައް ބައްޓަން ކުރައްވަމުން ފައްޔާޒު ވިދާޅުވީ ރައީސް މުއިއްޒު ބޭނުންވި ކަން މިހާރު ހާސިލުވެއްޖެ ކަމަށާއި ރާއްޖޭގެ އިގުތިސޯދާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން މުޅި އިންޑިއާ ކަނޑުގެ ސަލާމަތާއި ހަމަޖެހުމަށް އަސަރުކުރަމުންދާ މި "މޮޔަކަންތައް" ހުއްޓާލާ ވަގުތު ޖެހިއްޖެ ކަމަށެވެ.

ޝާހިދާއި ފައްޔާޒުގެ އިތުރުން ކުރީގެ އެންވަޔަރަމަންޓު މިނިސްޓަރު ޝައުނާ ވެސް ވަނީ އިންޑިއާއާ ނަސްލީ ގޮތުން ޖައްސާލައިގައި ހިންގާ މި ބޮޑު ކެމްޕެއިނަކީ މުޑުދާރު، ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި އިންޑިއާއަކީ ސަގާފީ ގޮތުންނާއި ހާރިޖީ ރޮނގުން ރާއްޖޭގެ ޒަމާންވީ ގާތް އެކުވެރިއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅުގައި އޮތް އަނެއް ޕާޓީ، ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވެސް ވަނީ ރާއްޖެ އާއި އިންޑިއާގެ ރަހުމަތްތެރިކަމަށް ބުރޫ އަރާނެ ކަމެއް އެއްވެސް ދިވެއްސަކު ކުރުމަކީ ތަހުޒީބު ކަމެއް ކަމަކަށް ނުދެކޭ ކަމަށާއި ހާއްސަކޮށް ސަރުކާރުގެ އޮފިޝަލުން ރާއްޖޭގެ މަސްލަހަތު ނަގާލަންއުޅުމަކީ ގަގައުމަށްވެވޭ އިހުމާލެއް ކަމަށް އެކްސްގައި ވިދާޅުވެފަ އެވެ.

އޭގެ އިތުރުން ކުރިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ފަރަހަނާޒް ފައިސަލް ވަނީ، ސަރުކާރުގެ މަގާމުތަކުގައި ތިބޭ މީހުން "ގްރޭ ޓިކް" ޖަހައިގެން ތިބޭ އެކައުންޓުތަކުން އަމިއްލަ ހިޔާލު ފާޅު ނުކުރެވޭނެ ކަމަށް ވިދާޅުވެ، ކަންކަން އިސްލާހުކުރަން ގޮވާލައްވާފަ އެވެ.

ސަރުކާރުން މިހާރު ވަނީ މި މައްސަލައިގައި ހިމެނޭ ޔޫތު މިނިސްޓްރީގެ ތިން ނައިބުން ކަމުގައިވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް އާއި އަބްދުﷲ މަހުޒޫމް މާޖިދު ސަސްޕެންޑުކޮށްފަ އެވެ. އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަން އިންޑިއާ ސަރުކާރުން ރަސްމީކޮށް އެދިފައި ވެ އެވެ.