Advertisement

ވީއައިއޭގެ ބިޔަ ތަސައްވުރު ހަމައެކަނި ހިޔާލީ ކުރެހުމެއްގައި!

7 ޖަނަވަރީ 2024 - 17:13 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން ގެންގުޅޭ ތަސައްވުރުގެ ކުރެހުމެއް: އެއާޕޯޓުގެ ބިޔަ މަޝްރޫއު އިއުލާނުކުރީ މި ތްރީޑީ ރެންޑަރިންތަކުގެ މައްޗަށް ބިނާކޮށް --- ފޮޓޯ: އެމްއޭސީއެލް


ވީއައިއޭގެ ބިޔަ ތަސައްވުރު ހަމައެކަނި ހިޔާލީ ކުރެހުމެއްގައި!

7 ޖަނަވަރީ 2024 - 17:13 2

އަހަރަކު 25 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް އެއާޕޯޓާއި އެހެނިހެން ހިދުމަތްތައް ތަރައްގީ ކުރުމުގެ ތަސައްވުރު ސަރުކާރުން އިފްތިތާހުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑުގެ އެއްވެސް ބަހެއް ނެތި ހަމައެކަނި ތްރީޑީ ކުރެހުންތަކެއްގެ މައްޗަށް ބިނާކޮށް ކަން "އަދަދު" އަށް އެނގިއްޖެ އެވެ.

މިހާރު ކުރިއަށްދާ ވެލާނާ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްހޫރު ނިމޭއިރު، ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ވަރަށް ވަސީލަތް ގާއިމުކުރެވޭނެ އެވެ. އާ ޓާމިނަލްތައް ގާއިމްކޮށް ޖާގަ ބޮޑުކޮށް އަހަރަކު 25 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް އެއާޕޯޓު ބޮޑުކުރާނަމަ އިތުރު 18 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ ވަސީލަތްތައް ގާއިމްކުރަން ޖެހެ އެވެ. ރައީސުލްޖުުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރު ފުރިހަމަވާނީ އޭރުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީގެ އާ ޕްލޭނާއި އެއާޕޯޓާއި އިކޮނޮމިކް ޒޯން ތަރައްގީކުރުމުގެ މަސައްކަތް ދަރުބާރުގޭގައި ޖެނުއަރީ 4, ގައި އިފްތިތާހު ކޮށްދެއްވީ ރައީސް މުއިއްޒު އެވެ.

އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ދިން ގޮތުގައި މި ބިޔަ ތަސައްވުރު އިއުލާނު ކުރެވިގެންދިޔައިރު އެމްއޭސީއެލްގެ ބޯޑަށް އެކަމުގެ ޕްލޭންތައް ހިއްްސާކޮށްފައި ނުވެ އެވެ. އެކަމާ ގުޅޭ މަޝްވަރާއެއް ވެސް ބޯޑުގައި ހިނގާފައި ނުވާކަން ވަނީ މުއުތަބަރު ފަރާތަކުން ޔަގީންކޮށްދީފައިވެ އެވެ.

ރައީސްގެ ތަސައްވުރު ފުރިހަމަވެއްޖެނަމަ އެއާޕޯޓު އޮންނާނެ ގޮތުގެ ކުރެހުމެއް. މި އެއާޕޯޓުން އަހަރަކު 25 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ --- ފޮޓޯ: ސްކްރީންޝޮޓް/ޕްރެޒިޑެންސީ


"ބޯޑުގެ ކަންބޮޑުވުން އެބަހުރި، މަޝްވަރާ ކުރުމެއް ނެތި މިވަރުގެ ކަމެއް އިއުލާނު ކުރީމަ. މިހާރު ހިނގަމުންދާ ޕްރޮޖެކްޓުތައް ނިންމައި އެކަމުގެ މަންފާ އަވަހަށް ހޯދުން މުހިންމު," ނަން ނުޖެހުމަށް ޝަރުތުކޮށް "އަދަދު" އަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވި އެވެ.

"އަދަދު" ނޫހަށް ޔަގީން ކުރެވިފައިވާ ގޮތުގައި މި ކުރެހުންތައް ދައްކާލީ އެއްވެސް ފީސަބިލިޓީ ދިރާސާއެއް ކުރުމެއް ނެތި ހަމައެކަނި ހިޔާލުތަކެއްގެ މައްޗަށް ބިނާކޮށެވެ. ދައުލަތުން މިފަދަ ބޮޑު ޕްރޮޖެކްޓެއް، 20 އަހަރުގެ މާސްޓާ ޕްލޭނެއްގެ ދަށުން ކުރާނެ ކަމަށް އިއުލާނުކުރާއިރު މިކަމުގައި ހަރުދަނާ ޕްލޭންތަކެއް ހެދިފައި އޮންނަން ޖެހެ އެވެ. އެކަމަކު، މި ވަގުތަށް މިއީ ހަމައެކަނި ޗާލު ތްރީޑީ ރެންޑާޑް ކުރެހުންތަކެކެވެ. އަމަލީ ސިފަ ޖައްސާނެ ގޮތުގެ އެއްވެސް ޕްލޭނެއް ނެތެވެ.

މި ތަސައްވުރު އިއުލާނުކުރުމަށް ސަރުކާރުން ނިންމީ ޗައިނާ ކުންފުންޏެއްގެ ހުށަހެޅުމެއް ވެސް އެއާޕޯޓު ތަރައްގީކުރަން ލިބިފައިވާތީ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ. އެއާޕޯޓު މަޝްރޫއު އަވަސް ކުރުމަށް ރައީސް އޮފީހުގައި ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާއިރު މި ތަސައްވުރު ހާމަކުރުމަށް ނިންމީ ސީދާ ރައީސް ޗެއާ ކުރައްވާ އެ ކޮމިޓީންނެވެ.

މިކަމާ ގުޅޭ ގޮތުން އެމްއޭސީއެލްއިން ރަސްމީ ބަހެއް ނުބުނެ އެވެ.

ރަށެއް ކަނޑަނާޅައި އިއުލާނުކުރީ 55 މިލިއަން ޑޮލަރުގެ ޓާމިނަލް ބަދަލުކުރަން

ޖުމުލަ 28،000 އަކަމީޓަރު ހުންނަ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓާމިނަލް ހުޅުވީ އޮކްޓޯބަރު 2022, ގަ އެވެ. އެ ސީޕްލޭން ޓާމިނަލްގެ ފަރުމާއަށް ވަނީ 2022 ވަނަ އަހަރު ގްލޯބަލް ބެސްޓް ޕްރޮޖެކްޓްސް އެވޯޑް ފޯ އިންޖިއަރިން (އީއެންއާރު) އެވޯޑު ވެސް ލިބިފަ އެވެ. މިތަނުން ގަޑިއަކު 1000 ފަސިންޖަރުންނަށް ހިދުމަތް ދެވެ އެވެ.

ނޫވިލު ޓާމިނަލްގެ ލޮބީ ސަރަހައްދު. މިއީ ދުނިޔޭގައި އޮޕަރޭޓް ކުރަމުން އަންނަ އެންމެ ބޮޑު ސީޕްލޭން ޓާމިނަލް --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


ނޫވިލު ސީޕްލޭން ޓާމިނަލްގެ ތަރައްގީގެ މަޝްރޫއުއަށް 55 މިލިއަން ޑޮލަރު ހަރަދުކުރިއިރު އެ ޓާމިނަލް އަނެއްކާ ނަގައި އެހެން ތަނަކަށް ބަދަލުކުރާނެ ކަމަށް ސަރުކާރުން އިއުލާނުކުރިއިރު ފުރަތަމަ ހާމަކުރި ރަށުގައި މިހާރު ވެސް ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. އެއީ 2019 ގައި 20 މިލިއަން ޑޮލަރު ހަރަދުކޮށްގެން މެރިއޮޓް އިންޓަނޭޝަނަލްއިން މަރާމާތުކޮށް ހުޅުވި ހުޅުލޭ ކައިރީ އޮންނަ ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓު އެންޑް ސްޕާ ހިންގާ ފުރަނަފުއްޓެވެ.

"މި އަހަރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ މި ޕްލޭންގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު މި މަސައްކަތް ކުރުމުގައި ކޮންމެހެން ފުރަތަމަ ފަށަން ޖެހޭ މަސައްކަތްތައް ފެށިގެންދާނެ. އެއީ، ސީ ޕްލޭން ޓާމިނަލް، އެ ބަދަލުކުރަންޖެހޭ ބަދަލުކުރުން. ސީ ޕްލޭން ޓާމިނަލް އެހެން ތާކަށް ބަދަލުކުރުމުގެ މަގުފަހިކުރެވިގެން ދިޔައިމަ، އަޅުގަނޑުމެންނަށް މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭނެ،" އެ ރޭ ރައީސް ވިދާޅުވެފައިވެ އެވެ.

އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަން މެނޭޖަރު ޝަމްއާން ޝާކިރު 'އަދަދު' އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބަދަލު ކުރަން ނިންމާފައި ވަނީ ސީޕްލޭން ޓާމިނަލް ނޫން ކަމަށާއި ބަދަލު ކުރާނީ ޓާމިނަލްގެ އޮޕަރޭޝަންސްތައް ކަމަށެވެ. އަދި އެ އޮޕަރޭޝަންސްތައް ބަދަލު ކުރާނެ ވަކި ރަށެއް ނިންމާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އާންމުކުރި ތަސައްވުރުގައި ސީޕްލޭން އޮޕަރޭޝަންތައް ބަދަލުކުރާ ރަށް. އެ ޕްލޭންގެ ކުރެހުންތަކުން އެއީ ޝެރަޓަން ރިސޯޓް އޮންނަ ރަށްކަން އެނގޭ --- ފޮޓޯ: ސްކްރީންޝޮޓް/ޕްރެޒިޑެންސީ


"ސީޕްލޭން އޮޕްރޭޝަންސް ބަދަލުކުރާނެ ތަނެއްގެ ފައިނަލް ޑިސިޝަންއެއް ނުނަގާ. ރައީސް އިއުލާން ކުރެއްވި ކޮންސެޕްޓްގެ ދަށުން ސީޕްލޭން އޮޕަރޭޝަން ބަދަލުކުރާނެ. އެއާއިއެކު މިހާރުގެ ސީޕްލޭން ޓާމިނަލް ބަދަލުވެގެންދާނީ އެހެން ހިދުމަތެއްދޭ ތަނަކަށް،" ޝަމްއާން ވިދާޅުވި އެވެ.

ސީޕްލޭން ޓާމިނަލް ބަދަލުކުރާ ރަށުގައި ތަރައްގީކުރަން ވިސްނާފައިވާ ސީޕްލޭން ޓާމިނަލުގައި ތިން ވޯޓާ ރަންވޭ އަދި ފަސް ސީޕްލޭން އޮޕަރޭޓަރުންނަށް އޮޕަރޭޓް ކުރެވޭ ފެންވަރަށް ކެޕޭސިޓީ އިތުރުކުރާނެ އެވެ. އެކަމަކު އެއީ އަދި ކަރުދާހަށް ތިރިނުކޮށް އޮތް ތްރީޑީ ރެންޑާޑް ކުރެހުންތަކެއްގައި އޮތް ޕްލޭނެކެވެ. ފަހުން ހާމަވީ ގޮތުގައި ސީޕްލޭން ޓާމިނަލް ބަދަލުކުރާނެ ރަށެއް ވެސް ސަރުކާރަށް ކަނޑައެޅިފައި ނުވެ އެވެ.

އެހެން އެއާޕޯޓުތަކާ އަޅާކިޔުމެއް

ރާއްޖެއަކީ ދުނިޔޭގެ އިރުމައްޗާއި ހުޅަނގު ގުޅާލަދޭ މައި މަގުގެ މެދުގައި އޮންނަ ޖަޒީރާއެކެވެ. ނިސްބަތުން ބަލާއިރު މި ވަގުތު ރާއްޖޭގެ އެއާޕޯޓަކީ އޭޝިއާގެ އެއާޕޯޓުތަކާ އަޅާބަލާއިރު ކުޑަ އެއާޕޯޓެކެވެ. އެކަމަކު 25 މިލިއަން ޕެސެންޖަރުންނަށް ހިދުމަތް ދެވޭ ވަރަށް އެއާޕޯޓު ތަރައްގީ ކުރެވިއްޖެނަމަ ސަރަހައްދީ ފެންވަރުގައި ރާއްޖޭގެ އެއާޕޯޓު ހިމެނޭނެ އެވެ.

މި ތަސައްވުރު ފުރިހަމަވާއިރު އެއާޕޯޓު އޮންނާނެ ގޮތުގެ ހިޔާލީ މަންޒަރެއް. މި ޕްރޮޖެކްޓުގެ އެއްވެސް ތަފްސީލެއް އެނގިފައި ނުވޭ --- ފޮޓޯ: ސްކްރީންޝޮޓް/ޕްރެޒިޑެންސީ


އޭޝިއާގެ އެންމެ ކާރޫބާރޫ ބޮޑު އެއާޕޯޓުތައް ކަމަށްވާ ސިންގަޕޫރުގެ ޗަންގީ އެއާޕޯޓާއި ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓާއި ޔޫއޭއީގެ ދުބާއީ އެއާޕޯޓު އެހާ ކުރިއަރައި ތަރައްގީ ވެގެންދިޔައީ އެއާލައިންތަކުގެ ހަބެއްގެ ގޮތުގައި އެ އެއާޕޯޓުތައް އޮޕަރޭޓު ކުރަމުންދާތީ އެވެ. ސިންގަޕޫރުގައި ސިންގަޕޯ އެއާލައިންސް, ގަތަރުގައި ގަތަރު އެއާވޭސް އަދި ޔޫއޭއީގައި އެމިރޭޓްސް އާއި އެތިހާދު ވަނީ ހަރަކާތްތެރިވަމުންނެވެ.

ޕެސެންޖަރުންގެ ޓްރެފިކުން ސަރަހައްދީ އެންމެ ބޮޑު އެއާޕޯޓު ހަބުތައް (2022)

ދުނިޔޭގެ ބައެއް އެއާޕޯޓުތަކާއި ވެލާނާ އެއާޕޯޓުގެ ކެޕޭސިޓީގެ ފަރަގު --- އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު


މި އެއާލައިންތަކަކީ ބިލިއަން ޑޮލަރުން އިންވެސްޓުކޮށް އެތައް އަހަރެއްގެ ހިދުމަތް ދީ ދުނިޔޭގެ ނަން ވިދާ އެންމެ ބޮޑު އެއާލައިންތަކެކެވެ. ފްލީޓުތަކުގެ ގޮތުންނާއި ފަސިންޖަރުން އުފުލާ ރޭޓަށް ބަލާއިރު ގައުމީ އެއާލައިން މޯލްޑިވިއަންގެ ކަންކަން ހުރީ މި އެއާލައިންތަކާ ވާދަނުކުރެވޭ ފެންވަރުގައެއް ނޫނެވެ. އެއަށްވުރެ މާލީ ހާލަތު ދަށްވެފައި ފަސިންޖަރުންގެ އިތުބާރެއް ނެތެވެ.

އެއާޕޯޓުގައި ތަރައްގީކުރަން ހިޔާލު ކޮށްފައިވާ ހޭންގަރު ސަރަހައްދުގެ ކުރެހުމެއް. މިތަނުގައި ދުނިޔޭގެ ފެންވަރުގެ ހިދުމަތް ދެވޭ ހޭންގަރެއް ހުންނާނެ ކަމަށް ސަރުކާރުން ބުނޭ. --- ފޮޓޯ: ސްކްރީންޝޮޓް/ޕްރެޒިޑެންސީ


އެއާޕޯޓުން އޮޕަރޭޓު ކުރާނެ ވަރުގަދަ އެއާލައިނެއް ނެތި 25 މީހުންނަށް ޖާގަ ދެވޭ ފެންވަރަށް ތަރައްގީ ކުރުމަކީ ބޮޑު ގެއްލުމަކަށް ވާނެ އެވެ. އޭގެ އިތުރުން މި ޒަމާނުގެ އެއާލައިންތަކުން ބޭނުންކުރާ އަލްޓްރާ ލޯންގް ހޯލް ފްލައިޓްތަކުގެ ސަބަބުން ދުނިޔޭގެ އިރުމަތީގައި ތިބި ގައުމުތަކާއި ހުޅަނގުގައި އޮތް ގައުމުތަކާ ދެމެދު ހުއްޓުމެއް ނެތި ދަތުރުކުރެވެ އެވެ. އެހެން އެއާޕޯޓެއްގައި ތެޔޮ އަޅަން މަޑުކުރަން މިހާރު ނުޖެހެ އެވެ.

އެހެންކަމުން, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކިތަންމެ ބޮޑު އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރިޔަސް އެތަނަށް އެކަށީގެންވާ ޓްރެފިކް އިތުރުކުރުމަށް ދެން ޖެހޭނީ ރާއްޖޭގެ ޓޫރިޒަމަށް އިންގިލާބީ ބަދަލުތަކެއް ގެންނާށެވެ. އަހަރުން އަހަރަށް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުންދިޔަ ނަމަވެސް އެއާޕޯޓުގައި މިހާރު ކުރިއަށްދާ މަޝްރޫއު ނިމުމުން އެއާޕޯޓު ޕީކް ކެޕޭސިޓީގައި އޮޕަރޭޓު ކުރަން އަދިވެސް އެތަކެއް އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ.