Advertisement

މީޑިއާތަކަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި

ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް


މީޑިއާތަކަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި އޮތް ގޮތަށް، ހުޅުމާލެއިން މީޑިއާތަކަށް މަސައްކަތްކުރެވޭނެ ބިމެއް ހަމަޖައްސާފައިވާ ކަމަށް އެމަނިކުފާނުގެ ނައިބު، ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ އަހަރީ ދުވަހާ ގުޅިގެން ދެއްވި އިންޓަވިއުއެއްގައި ނައިބު ރައީސް ވަނީ ނޫސްވެރިންނާއި މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިހުސާސްކުރެއްވޭ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ރައީސްގެ ވައުދާ އެއްގޮތަށް ހުޅުމާލެއިން މީޑިއާތަކަށް މިހާރު ބިމެއް ހަމަޖައްސަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މީޑިއާތަކުން ބޭނުންވާ ގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ނަމަވެސް އޭގެ ތަފުސީލެއް ނައިބު ރައީސް ނުދެއްވަ އެވެ.

ރައީސްގެ ވައުދާ އެއްގޮތަށް ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް ކޮންމެ މީޑިއާއަކަށް ކޮންމެވެސް މިންވަރެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މިންވަރު ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ނައިބު ރައީސް ދެއްވި އެވެ.

"ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވި ފުރިހަމަ އިތުބާރާއެކުގައި ރައްޔިތުންގެ މަޖިލީހުގައި ލިބިގެންދިޔަ ސުޕަރ މެޖޯރިޓީއާއެކު، ފުރަތަމަ ފަހަރަށް ދައުލަތުން މީޑިއާތަކަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި މިންވަރު ފޯރުކޮށްދެވިގެންދާނެ،" އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ނޫސްވެރިންނަކީ ވަރަށް ބޮޑު ޒިންމާއެއް އަދާކުރައްވާ ބައެއް ކަމަށާއި، ރައްޔިތުންނާއި ސަރުކާރާއި ގުޅުވައިދެނީ ނޫސްވެރިން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި ގައުމަށް ހެޔޮ ބަދަލު ގެނައުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާ ގާތުން މީޑިއާތަކާ ރައްޓެހި ސަރުކާރެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.