Advertisement

ގަޑިއަކު 1،000 ޕަސެންޖަރުންނަށް ހިދުމަތް ދެވޭ ހިތްގައިމު ޓާމިނަލެއް

22 ޑިސެންބަރު 2021 - 11:44 0

އަހުމަދު ސައީދު

އަހުމަދު ސައީދު

އެމްއޭސީއެލްގެ އާ ސީޕްލޭން ޓާމިނަލް: މި ޓާމިނަލުން ގަޑިއަކު 1،000 މީހުންނަށް ހިދުމަތް ދެވޭނެ-- ފޮޓޯ/ އެމްއޭސީއެލް


ގަޑިއަކު 1،000 ޕަސެންޖަރުންނަށް ހިދުމަތް ދެވޭ ހިތްގައިމު ޓާމިނަލެއް

22 ޑިސެންބަރު 2021 - 11:44 0

އިރު އަރާ އަދި އޮއްސިގެން އަންނަ ވަގުތު ފެން ގަނޑެއްގެ މެދުގައި މަޑުކޮށްލައިގެން ހުއްޓާ، މާ ދުރުން އަންނަ ބިޔަ "ދޫނި" ތަކެއް ފެންގަޑަށް ތިރިކޮށް އުދުހިގެން ދާ މަންޒަރު ސިފަ ވާނަމަ ތިޔަ ހުރެވުނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތަރައްގީކޮށް ހުޅުވަން ތައްޔާރުވަމުން ގެންދާ އާ ސީޕްލޭން ޓާމިނަލުގަ އެވެ. ހުޅުލޭ އިރުމަތީ ފަރާތުގައި ބިން ހިއްކައިގެން މި ހިތްގައިމު ޓާމިނަލް ތަރައްގީ ކޮށްފައިވަނީ ތިން ފަރާތުން މޫދު ފެންނަ ގޮތަށެވެ.

ހަތަރެސްކަނަށް މެދުގައި ބޮޑު ހުސް ޖާގަ އެއް އޮންނަ ގޮތަށް ހަތަރު ބުރިއަށް ހަދާފައިވާ އިމާރާތަކީ 17،800 އަކަފޫޓުގެ ޖާގައިގެ, ގަޑިއައު 1،000 މީހުންނަށް ހިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލް އެކެވެ. މޫދަށް ޖައްސާ 85 ބޯޓަށް އެއްފަހަރާ ހިދުމަތް ދެވޭ ޓާމިނަލް، ބެއިޖިން އާބަން ކޮންސްޓަރަކްޝަން ގްރޫފް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ތަރައްގީ ކުރުމަށް އެމްއޭސީއެލް އިން 58.83 މިލިއަން ޑޮލަރު (907 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ. ޓާމިނަލުގެ އިތުރުން މޫދަށް ޖައްސާ ބޯޓު ފަހަރު މަރާމާތު ކުރާނެ ވަކި ތަނެއް ވެސް މި ޕްޖެކްޓުގެ ދަށުން ތަރައްގީ ކޮށްފައިވެ އެވެ.

ސީޕްލޭން ގެ ހިދުމަތް އަންނަ އެޕްރީލް މަހުން ފެށިގެން އާ ޓާމިނަލަށް ބަދަލުކުރުމަށް ޓަކައި އެމްއޭސީއެލް އިން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން ބުނީ 20 ފަރާތަކުން ޓާމިނަލް ގެ ލައުންޖްތައް މިހާތަނަށް ނަގާފައިވާ ކަމަށާއި، އެ ފަރާތްތަކުން ލައުންޖުތައް ތަރައްގީ ކުުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމެވެ. އެމްއޭސީއެލް އިން ބުނީ، މޯލްޑިވިއަން ގެ ސީޕްލެންގެ ހިދުމަތް ފިޔަވާ، ސީ ޕްލޭންގެ ހިދުމަތްދޭ އެހެން ފަރާތްތަކުން އެޕްރީލް މަސް ފެށޭއިރު އާ ޓާމިނަލަށް ބަދަލުވާނެ ކަމަށެެވެ.

އާ ސީޕްލޭން ޓާމިނަލުގެ އެތެރެ: އެޕްރީލު މަހު މިތަން ބޭނުންކުރަން ފަށާނެ-- ފޮޓޯ/ އެމްއޭސީއެލް


"އެކި ފަރާތްތަކުން މިހާރު އަންނަނީ ލައުންޖް ތަކުގެ އިންޓީރިއާ މަސައްކަތް ކުރަމުން، ވަރަށް ޖާގަ ތަނަވަސް ވަރަށް ހިތް ފަސޭހަ، ގިނަ ހިދުމަތް ތަކެއް ލިބޭ ތަނަކަށް އާ ޓާމިނަލް ވާނެ،" ވީއައިޕީ ހިދުމަތް ވެސް ހިމެނޭ ގޮަތަށް ތަރައްގީ ކޮށްފައިވާ އާ ސީޕްލޭން ޓާމިނަލާ ބެހޭ ގޮތުން އެމްއޭސީއެލްގެ އޮފިސަލަކު ވިދާޅުވި އެވެ.

އެމްއޭސީއެލްގެ އާ ސީޕްލޭން ޓާމިނަލް އިމާރާތުގަ އެކްސެކެޓިވް ލައުންޖު ހިންގަން ބޭނުންވާ ފަރާތްތައް ހޯދަން އެ ކުންފުނިން މިހާރު ވެސް އޮތީ އިއުލާނު ކޮށްފަ އެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާ މެންދުރު ދޭއް ޖެހުމުގެ ކުރިން އެމްއޭސީއެލް އަށް ޝައުގުވެރިކަން ފާޅުކުރަން ޖެހެ އެވެ. އެކްސެކެޓިވް ލައުންޖު ހިންގުމަށް ފުރުސަތު ދޭން ނިންމާފައި ވަނީ ސީޕްލޭން އޮޕަރޭޓަރުންނާއި، ޓުއަ އޮޕަރޭޓަރުންނާއި ރިސޯޓް ހިންގާ ފަރާތްތަކަށެވެ.

ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ހިތްހަމަ ޖެހުމަށް ވިސްނައިގެން ތަރައްގީކޮށްފައިވާ ސީޕްލޭން ޓާމިނަލުގައި އޮފީސް ޖާގަ އާއި ލައުންޖްތަކުގެ އިތުރުން ކެއިން ބުއިމުގެ ހިދުމަތައް ހާއްސަ ކޮށްފައިވާ ބައިތައް ހިމެނެ އެވެ. ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ބޮޑު ސިޕްލޭން ޓާމިނަލަށް އާ ޓާމިނަލް ވެގެން ދާނެ އިރު، ސީޕްލޭނުގައި ރިސޯޓްތަކަށް ގޮސް އައިސްވާ ޓޫރިސްޓުންނަށް އެއާޕޯޓުން ލިބޭ ހިތްހަމަ ޖެހުން، އާ ޓާމިނަލާ އެކު އިތުރުވެގެން ދާނެ އެވެ.