5 މޭ 2024 - 06:29 1
ހަސަން މުހައްމަދު
ޑރ. ޖިހާދު: ރެހެންދި ފްލެޓު ހުސް ނުކުރެއްވި މައްސަލައެއްގައި ވެސް އޭނާގެ މައްޗަށް ދައުވާ އުފުލި -- ފޮޓޯ: ރައީސް އޮފީސް
5 މޭ 2024 - 06:29 1
އޮފް-ޝޯ ފައިނޭންސިންގެ ހިދުމަތް ދިނުމަށް ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު މިދިޔަ އަންގާރަ ދުވަހު އައްޔަން ކުރިއިރު އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި އޮތް ކޮރަޕްޝަންގެ ޖިނާއީ ބޮޑު މައްސަލައެއް ކޯޓުގައި އެބަ އޮތެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ޖިހާދުގެ މައްޗަށް ދައުވާ ކުރަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖެނުއަރީ، 2013، ގައި ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއި ކުރެއްވި މައްސަލައިގަ އެވެ.
އެއިރު ސަރުކާރުން ސޮއި ކުރީ ޖޮއިންޓް ވެންޗާ އެގްރިމެންޓެއްގައި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެވެ. ޖިހާދު ސޮއި ކުރެއްވި އެގްރިމެންޓުގައި ސަރުކާރުގެ ހިއްސާގެ ގޮތުގައި އޮތީ 25 ޕަސެންޓެވެ. އެކަމަކު ސްޕެޝަލް ޓުއަރިޒަމް ޒޯނެއްގައި ގޮތުގައި ތަރައްގީ ކުރާ ތަންތަނުގައި މަދުވެގެން ސަރުކާރުގެ 50 ޕަސެންޓު ހިއްސާ އޮންނަންޖެހޭނެ ކަމަށް ނެޝަނަލް ޕްލޭނިން ކައުންސިލުން އޮތީ ލަފާ ދީފަ އެވެ.
އެހެންވެ ދައުލަތުން ޖިހާދުގެ މައްޗަށް ކުރާ ދައުވާއަކީ "ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ" އެވެ. އެ މައްސަލަ އަދިވެސް ކޯޓުގައި އެބަ ކުރިއަށްގެންދެ އެވެ.
އޭގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބު ރައީސަކަށް ޖިހާދު ހުންނެވިއިރު ދިރިއުޅުއްވި ރެހެންދި-3 ފްލެޓު ހުސް ނުކުރި މައްސަލައިގައި ވެސް ދައުލަތުން ސިވިލް ކޯޓުގައި އޭނާގެ މައްޗަށް ދައުވާއެއް އުފުލި އެވެ. ނަމަވެސް މި ސަރުކާރުން ޖެނުއަރީ، 2024، ގައި ވަނީ އެ ދައުވާ އަނބުރާ ގެންގޮސްފަ އެވެ.
ޖިހާދަކީ ވެރިކަން ހިންގާ ޕީޕީއެމްގެ މެންބަރެކެވެ. އޭނާ އެ ޕާޓީއާ ގުޅިވަޑައިގަތީ ސެޕްޓެމްބަރު 23، 2023، ގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމިފައި އޮއްވަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި އޮތީ، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނުގެ ދަށުން އުފެއްދި އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ގާއިމު ކުރާނީ ކ. ފުނަދޫގައި ކަމަށެވެ. އެއިރުން ތެޔޮ ރައްކާ ކުރާނީ ކ. މާގިރިފަޅުގައި ކަމަށް ސަރުކާރުން ބުނެ އެވެ.
"މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސާސް އޮތޯރިޓީވެގެންދާނީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާސް ރާއްޖޭގައި ގާއިމް ކުރުމުގެ މަގު މިވަގުތަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށް،" ރައީސް ވިދާޅުވެފައިވެ އެވެ.
33.33%
0.00%
33.33%
33.33%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment