ގައުމީ ލީގުގައި ރޭ ކުޅުނު މެޗުގެ ތެރެއިން ލޯންގޭ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އުމުރަކީ ހަމައެކަނި ނަމްބަރެއް ކަމަށާއި, އޭނާ ދެކޭ ގޮތުގައި މި އަހަރު އޭނާ ވަރަށް ޒުވާން ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވޮލީބޯޅަ ކުޅުންތެރިޔާ، ދިވެހި ސިފައިންގެ ކުލަބްގެ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ބުނެފި އެވެ.
ލޯންގޭ، 37، ވަނީ ސިފައިންގެ ޓީމާއެކު ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފަ އެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅު އޮޕަސިޓް ޕްލޭޔަރުގެ މަގާމު ހޯދީ ވެސް ލޯންގޭ އެވެ. އެ މުބާރާތް ސިފައިންގެ ޓީމާއެކު ކާމިޔާބު ކުރުމަށްފަހު ލޯންގޭ އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އުމުރަކީ ހަމައެކަނި ނަމްބަރެއް ކަމަށެވެ.
"އުމުރަކީ ހަމައެކަނި ނަމްބަރެއް. ޒުވާންކަން ނުވަތަ މުސްކުޅިކަން ކަނޑައަޅާނީ (ތިމާގެ) ސިކުނޑި. އަހަރެން މި އަހަރު މި ނިންމީ އަހަރެންނަކީ ވަރަށް ޒުވާން މީހެއް" ކަމަށް ލޯންގޭ ބުންޏެވެ.
މިއަހަރުގެ ވޮލީ ލީގުގައި ލޯންގޭ ވަނީ ސިފައިންގެ ޓީމާއެކު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް ވަރުގަދަ މެޗުތަކުގެ މުހިންމު ދަނޑިވަޅުތަކުގައި ލޯންގޭގެ ތަޖުރިބާގެ ބޭނުން ސިފައިންގެ ޓީމުން ހިފި އެވެ. މީގެ އިތުރުން ގިނަ ދުވަސްތަކަކަށް ފަހު ލޯންގޭގެ މޮޅު ސާވިސްތަކެއް މި ފަހަރުގެ މުބާރާތުގައި ފެނިގެންދިޔަ އެވެ.
ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިޔާގެ މަގާމު ގިނަ އަހަރުތަކަކު ހޯދި ލޯންގޭ ވަނީ މީގެ ކުރިން ގައުމީ ވޮލީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. ގައުމީ ޓީމަށް 15 އަހަރު، ޖޫނިއާ ޓީމު ހިމެނޭ ގޮތަށް 17 އަހަރު ކުޅުމަށް ފަހު، ލޯންގޭ ގައުމީ ޓީމުން ރިޓަޔާކުރީ 2019 ވަަނަ އަހަރު އެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ފަހު ކޯޗިންގައި ކުރިއެރުން ހޯދަމުން އަންނަ ލޯންގޭ އަދިވެސް އަންނަނީ ދިވެހި ސިފައިންގެ ކްލަބަށް ކުޅެމުންނެވެ. އެ ގޮތުން، ރާއްޖޭގެ ވޮލީގެ މަތީ ފަންތީގައި ސިފައިންގެ ކްލަބުން ހޯދި 18 ތަށީގައި ލޯންގޭގެ ހިއްސާ ބޮޑެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment