9 ޖަނަވަރީ 2024 - 11:55 1
މަރިޔަމް އަފާ ނިޒާމް
މޫދުން ނެގި ލަނޑައެއް މީހަކު ދައްކާލަނީ: ފައިދާ ބޮޑު ނަމަވެސް ލަނޑަޔަށް ދިޔުމަކީ ފަސޭހަ ކަމެއް ނޫން -- ފޮޓޯ: މޯލްޑިވްސް ސީ ކިއުކަމްބާ ޑައިވާސް
9 ޖަނަވަރީ 2024 - 11:55 1
ރ. ދުވާފަރު، އަހުމަދު އަލީ އޭނާގެ ގާތް މީހަކާއެކު އެދުވަހު "ބަޓަށް" ގޮސް، މޫދަށް ފޭބީ ދެ މީހުން އެކަންޏެވެ. ފޭބީ ނ. އަތޮޅުގެ ސަރަހައްދަކަށެވެ. ފުދޭ ވަރަކަށް ގިނައިން "ބަޓު" ނުވަތަ ލަނޑާގެ އެކި ބަވާތްތައް ފެނުމުން ދެ މީހުން ނިންމީ ދެ ދިމާއަކަށް ޖެހިލާށެވެ. ބޭނުމަކަށްވީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ވީހާ ވެސް ގިނައިން ލަނޑާ ނެގުމެވެ. އެކަމަކު، ވަކި ހިސާބަކަށް ދިޔުމަށް ފަހު، އެކުވެރިޔާ ކައިރިއަށް ދާން އަހުމަދަށް މަޖުބޫރުވީ އެވެ. އޭނާގެ ހާލު ދެރަވާ ކަން އެނގުމުންނެވެ.
"އަޅުގަނޑު އަނބުރާ ދިޔައިރު އޭނަ އިނީ އީށީނދެގެން ބަޓުތައް އަތަށް ލައިގެން، އޭނަގެ އެއްވެސް ބާރެއް ނެތް، އެއްވެސް ހަރަކާތެއް ނުކުރޭ،" އުމުރުން 19 އަހަރުން ފެށިގެން ލަނޑާ ނަގަން ފީނުމުގެ މަސައްކަތް ކުރާ އަހުމަދު، 43، ބުންޏެވެ.
އަހުމަދު ދެން އަވަސްވެގަތީ އެކުވެރިޔާ ގޮވައިގެން މައްޗަށް އެރުމަށެވެ. މައްޗަށް އެރީ ޑީކޮމްޕްރެޝަން ހަދަމުންނެވެ. އޭރު އޭނާގެ އެކުވެރިޔާ ހުރީ ވަރަށް ބޮޑަށް ފިނިވެ ތުރުތުރު އަޅައަޅަ އެވެ.
"މައްޗަށް އެރުމާއެކު އޭނަ ހޭނެތިއްޖެ. އިނގުރައިދޫއަށް ގެންދިޔަ ފަހުން ހޭ އެރީ،" އަހުމަދު ކިޔައިދިނިނެވެ.
މިފަދަ އެތައް ހާދިސާއެއް މި ކުޑަކުޑަ ގައުމުގައި ހިނގައިފައި އެބަ ހުއްޓެވެ. އެތައް ބައެއްގެ ފުރާނަ ގެއްލި، އަދި އެތައް ބަޔަކު އުމުރަށް ނުކުޅެދި ހިތާމަވެރި ކަންކަމާ ދިމާވެ އެވެ. ޑައިވިންގެ ނުރައްކާތެރިކަން ނޭނގި ހޭލުންތެރިކަން ކުޑަވުމާއި ފުރުވާކުޑަ ކޮށްލެވުން އަދި އަވަހަށް ރަނގަޅު ފަރުވާ ނުދެވުމަކީ މި ދާއިރާގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
ޖުމުލަ 17،581 މީހުން ދިރިއުޅޭ ރ. އަތޮޅަކީ ޑައިވަރުން ގިނަ ސަރަހައްދެކެވެ. މި އަތޮޅަކީ މާލެ ސަރަހައްދާއި އައްޑޫ ސިޓީ އާއި ހދ. އަތޮޅަށް ފަހު އެންމެ އާބާދީ ބޮޑު އަތޮޅެވެ. ޖުމުލަ 17 ޓުއަރިސްޓް ރިސޯޓު އޮވެ އެވެ. މި އަތޮޅުގައި ލަނޑާ ނަގަން ދިޔުން ނުވަތަ އެމީހުންގެ ނަމުން ނަމަ "ބަޓަށް ދިިޔުމަކީ" އާމްދަނީ ހޯދަން، އަތޮޅުގެ ގިނަ ބަޔަކު ކުރާ އެއް މަސައްކަތެވެ.
އޭގެ ތެރެއިން ވެސްދުވާފަރަކީ މި މަސައްކަތަށް ހާއްސަ ގިނަ ބަޔެއްގެ ވަޒަނެވެ. އެ އަތޮޅު ކަނދޮޅުދޫއަށް އުފަން މީހުންނަކީ އެ ރަށުގައި ދިރިއުޅުނު ޒަމާނުއްސުރެން ފެށިގެން މިއަދު ވެސް މޫދާއި ދޯޅު ބަޔެކެވެ. ލަނޑާގެ އިތުރަށް ފާނަ މަސްވެރިކަމާއި ކަނޑުމަހުގެ މަސްވެރިކަމުން ފެށިގެން "ފްރީ ޑައިވް" އަކީ ރަށު ގިނަ މީހުންގެ އިގުތިސޯދީ ހަރަކާތެވެ. އެއީ ދިރިއުޅުމުގެ އެއް ބަޔެވެ.
މީގެ ކުރިން ލަނޑާ ނަގައި އުޅުނީ ތަފާތުކޮށެވެ. ފުން ހިސާބުތަކުން ލަނޑާ ނެގުމަށް ހާއްސަ ބުޅިގަނޑެއް ހަދައި ބޭނުންކުރެ އެވެ. އެއީ މޫނު މައްޗާއި ފިންސް ބޭނުންކޮށްގެން އަޑިއަށް ނުދެވޭ ހިސާބުން ފެންނަ ލަނޑާ ނެގުމަށެވެ.
ބުޅިގަނޑު ހަދާފައި އޮންނަނީ ތިމަރަ ބޭނުން ކޮށްގެން ދޯރިއެއްގެ ސިފައަށެވެ. އެ ބުޅިގަނޑުގައި ކަންވާރެއް ޖަހާފައި ހުންނަ އިރު، އޭގެ ފަލަ ކޮޅުގައި ގާތްގަނޑަކަށް ހަ އިންޗި ހުންނަ ވަރުގެ ތިން ހިމަ ދަގަނޑުކޮޅު ހަރުކޮށްފައި ހުރެ އެވެ.
ލަނޑައެއް ފެނުމުން، ބުޅިގަނޑު ލަނޑަޔާ ދިމާލަށް އަޑިއަށް ފޮނުވާ އޭގެ ގައި މައްޗަށް ތިރިކުރުމުން ވަރަށް ފަސޭހައިން ބުޅިގަނޑު ވަދެ އެވެ. ގާތްގަނޑަކަށް 15-20 މީޓަރު އަޑިއަށް ގޮސް، 30 މީޓަރުގައި އޮންނަ ލަނޑާ ފެނުމުން، ބުޅިގަނޑުގައި ލަނޑާ ނަގަން ވަރަށް ފަސޭހަ ކަމަށް ގިނަ ޑައިވަރުން ބުނެ އުޅެ އެވެ.
މިހާރު ވެސް ލަނޑާ ނެގުމުގައި އެންމެ ގިނައިން ބޭނުން ކުރަނީ ފިންސާއި މާސްކެވެ. އާންމުކޮށް ނަގާ ބާވަތަކީ "ކަރީ ފިޝް" އެވެ. މި ބާވަތުގެ ލަނޑާ ފެންނާނީ ރޭގަނޑު އެކަންޏެވެ. ލަނޑާގެ އެންމެ އަގު ބޮޑުކޮށް ވިކޭ ބާވަތަކީ ބަޓު ނުވަތަ "ބްލެކް ޓީ ފިޝް" އެވެ. ބަޓު ނަގަނީ ފުދޭ ވަރަކަށް ފުނަށް ފީނައިގެންނެވެ.
މިހާރު ލަނޑާ މަސްވެރިކަން ކުރާ މީހުން ފީނަނީ ވައިފުޅި އަޅައިގެންނެވެ. ވައިފުޅި އަޅައިގެން ފީނައިގެން ލަނޑާގެ މަސްވެރިކަން ކުރުމަކީ މަނާ ކަމެއް ނަމަވެސް، ފުން ހިސާބުތަކުން ލަނޑާ ހޯދުމުގެ ބޭނުމުގައި މަސްވެރިން އެކަން ކުރެ އެވެ.
ރާއްޖޭގައި ޑައިވްކުރާއިރު ދެވޭ އެންމެ ފުން މިނުގެ ގޮތުގައި ކަނޑައަޅާފައިވަނީ 30 މީޓަރެވެ. ނަމަވެސް، ފަރުވާ ކުޑަކުރެވި މިއަށް ވުރެ ފުނަށް ދިޔުމަކީ އާންމު ކަމެކެވެ. ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކާއި ކަންތައްތަށް ނޭނގި ޑައިވް ކުރުމަކީ އޭގެ އެއް ސަބަބެވެ.
"އަސްލު މި ދިމާވާ ހާދިސާތައް މަދުކުރުމަށް އޮތް ގޮތަކީ މިކަމަކީ ކިހާ ނުރައްކާތެރި ކަމެއްކަން އެނގިގެން ކުރުން. ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކާ ތަމްރީނުތައް މުހިންމީ މިހެންވެ،" ކުރިން ވާހަކަ ދެއްކި އަހުމަދު އޭނާގެ ހިޔާލު ހިއްސާ ކުރަމުން ބުންޏެވެ.
އަހުމަދު އަލީގެ އިތުރުން، ރ. ދުވާފަރު މުހައްމަދު ހާލިދުގެ ކަންބޮޑުވުން ވެސް އޮތް ކަމަކީ ލަނޑާ ނެގުމުގެ މަސައްކަތަށް ނުކުންނަ ޒުވާނުންނަށް އެއްވެސް ތަމްރީނެއް ދެވިފައި ނެތުމެވެ. އެންމެ އަސާސީ ބައި ދަސްކުރުމަށް ފަހު، އެ މަސައްކަތަށް ނުކުމެ އުޅޭ ޒުވާނުން ވަރަށް ގިނަ އެވެ. އެ ޒުވާނުން ތަމްރީނު ކުރުމަށް ދައުލަތުން ސިސްކަން ދޭންޖެހެ އެވެ.
"ވަރަށް ޒުވާން ކުދިން މިހާރު މި މަސައްކަތުގަ މި އުޅެނީ. އެބަ ޖެހޭ ކޮންމެ އަހަރަކު ވެސް ޑައިވިން ކޯސްތަކާ އެއްޗެހި ހިންގާ އެކުދިން ތަމްރީނު ކުރަން. ދިމާވާ ހާދިސާތައް މަދުކުރެވޭނީ އޭރުން،" 15 އަހަރު ވަންދެން މި މަސައްކަތުގައި އުޅުނު ދުވާފަރު ހާލިދު ބުންޏެވެ.
ލަނޑާ ނަގަން ނުވަތަ ޑައިވިންއަށް ބަޔަކު ނުކުންނަ އިރު، އެ ދޯނީގައި ތަމްރީނު ލިބިފައިވާ ޑައިވިން އިންސްޓްރަކްޓަރެއް ހުރިކަމުގެ ޔަގީންކަމެއް ނޯވެ އެވެ. މި މަސައްކަތް ގާތުން މޮނީޓާކުރާ އިދާރާއެއް ނެތެވެ. ނޫނީ ސަރުކާރުގެ ވަކި ހާއްސަ ބަޔަކު، މުވައްޒަފުންތަކެއް، މި މަސައްކަތް ބަލައި ރެގިއުލޭޓް ކުރުމެއް ނެތެވެ.
އަހުމަދު އަލީ (43އ.)، ލަނޑާ މަސްވެރިކަން ކުރާ ތާ 24 އަހަރުވެއްޖެ-- ފޮޓޯ: މިރާން ނާޝިމް/އަދަދު
މަސައްކަތުގައި އުޅޭ އިރު، ރަނގަޅަށް ހަރަކާތްނުކުރެވި ނުވަތަ މާ އަވަހަށް މައްޗަށް އެރުމުގެ ސަބަބުން ޑައިވަރުންނަށް ދިމާވާ އެންމެ ނުރައްކާތެރި ކަމަކީ "ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ)" އެވެ.
ޑީކޯވާން ދިމާވަނީ މާ ފުނަށް ފީނުމާއި ފުނުގައި ގިނަ ވަގުތު ހޭދަކުރުން އަދި މާ ބާރަށް މައްޗަށް އެރުމުންނެވެ. މީގެ ސަބަބުން ހަށިގަނޑުގައި ދައުރުވަމުން އަންނަ ލޭގައި ޕްރެޝަރު ބަދަލުވުމުން ނައިޓްރޮޖަން ބޮކިތަކެއް އުފެދެ އެވެ. މިއީ ފަރުވާއަކާ ނުލާ ރަނގަޅު ކުރެވޭ ކަމެއް ނޫނެވެ.
ހަށިގަނޑު ޑީކޯވެއްޖެނަމަ، އެ ވަގުތަކަށް މީހާ މުޅިން ވަރުބަލިވުން ނުވަތަ ދެރަވުން، ގައި ކެހުން، ހުޅުތަކާއި އަތާއި ފައިގައި ރިއްސުން، ބޯ އެނބުރުން، އައްސިވުން، ވާވުން، ނޭވާއަށް އުނދަގޫވުމުގެ އިތުރަށް ރޭޝް ނަގަ އެވެ. މީގެ އިތުރަށް ކެއްސުން, ހިނގަން އުނދަގޫވުން, ހޭނެތުމަކީ ވެސް ބައެއް ފަހަރު ފެންނަ އަލާމާތްތަކެކެވެ.
އެހެންކަމުން ފީނުމަށް ފަހު މީގެން އެއްވެސް އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ފަރުވާ ހޯދަން ޖެހެ އެވެ.
ޑީކޯވުމުގެ ސަބަބުން ހަށިގަނޑުގެ ވަކި ބައެއްގެ ވާގިނެތި، އުމުރަށް ނުކުޅެދިފައި ތިބި މީހުންނާއި ދުވާފަރުން ވެސް ދިމާވި އެވެ. އަދި މިފަދަ އެތަށް ހިތާމަވެރި ހާދިސާތަކެއް ރާއްޖޭގައި ވަނީ ހިނގާފަ އެވެ.
ޑީކޯވުމުން ދެން އޮންނަ ހައްލަކީ ޑޮކްޓަރުންގެ ލަފަޔާއެކު ޑީކޮމްޕްރެޝަން ޗެމްބަރަށް ލުމެވެ. މިއީ ޑިކޮމްޕްރެޝަން ސިކްނެސް ޖެހޭ ޑައިވަރުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ ހަށިގަނޑުގެ ލޭގައި އުފެދިފައިވާ ނައިޓްރޮޖަން ގޭސް ބޮކިތައް އަލުން ލޭގެ ތެރެއަށް އެބްސޯބްކޮށް، ފުރާނަ ސަލާމަތްކޮށްދޭ ވަސީލަތެކެވެ.
ޑީކޯވާން ދިމާވިއިރު ފީނާފައިވާ ފުންމިނުގައި ހުރި ޕްރެޝަރާއި އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް މިޗެމްބަރުގައި އާޓިފިޝަލީ ޕްރެޝަރު އުފައްދާ މީހާ އެއަށް ލުމުން އެބޮކިތައް އަލުން ލޭގެ ތެރެއަށް އެބްޒޯބް ކުރެ އެވެ. މިޗެމްބަރުގައި އާންމުކޮށް ފަރުވާ ދޭންޖެހެނީ ތިން ގަޑިއިރާއި އަށް ގަޑިއިރާ ދެމެދުގެ ވަގުތަކަށެވެ. ރާއްޖޭގައި ހުންނަނީ މިފަދަ ފަސް ޗެމްބަރެވެ. އެއީ:
ރާއްޖެ ފަދަ ޑައިވަރުން ގިނަ ގައުމެއްގައި ޑީކޯ ޗެމްބަރު ހުރި މިންވަރު މަދުވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ހާއްސަކޮށް ރ. އަތޮޅު އަދި ހުވަދޫ އަތޮޅު ފަދަ ޑައިވަރުން ގިނަ ސަރަހައްދުތަކުގައި މިފަދަ ޗެމްބަރުތައް ނެތުމާއެކު، ޑީކޯ މައްސަލަ ދިމާވާ ފަރާތްތަކަށް ފަރުވާ ނުދެވި ލަސްވެ އެވެ.
މީގެ ސަބަބުން އެ ފަރާތްތަކުގެ ފުރާނަ ނުރައްކަލެއްގެ ތެރެއަށް ވެއްޓިގެންދެ އެވެ.
"ވަރަށް އުނގަދޫ ކަމެއް ދުރުގަ މިހުންނަ ޗެމްބަރުތަކަށް ގެންިދިއުމަކީ ވެސް. އެ ޕްރޮސެސް. އާބާދީގެ ނިސްބަތަށް ބެލިޔަސް، މަސައްކަތް ކުރާ މީހުންގެ ނިސްބަތަށް ބެލިޔަސް ޗެމްބަރުތައް ކައިރީގަ ހުރުން މަޖުބޫރު،" ކުރިން މި ލިޔުމަށް ވާހަކަ ދެއްކި ހާލިދު ފާހަގަކުރި އެވެ.
މީގެ އިތުރުން ޑައިވިންގައި ދިމާވާ މިފަދަ މައްސަލަތައް އެނގޭ ޑޮކްޓަރުން ރާއްޖޭގައި ނުތިބުމަކީ ވެސް ލަނޑާ މަސްވެރިންގެ ކަންބޮޑުވުމެކެވެ. ދޭން ނުޖެހޭ ފަރުވާ ދިނުމުގެ ސަބަބުން ހާލަތު ގޯސްވެ، ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބުމަކީ ހަގީގަތެކެވެ.
"ބައެއް ޑޮކްޓަރުންނަށް ނޭނގޭ ކިހިނެއް ހެދީމާ ކަމެއް ރަނގަޅުވަނީ. އެހާ ސީރިއަސް ނޫން ހާލަތްތަކުގަ ވެސް ޗެމްބަރަށް ފޮނުވާ ދޭން ނުޖެހޭ އިންޖެކްޝަންތައް އެބަ ދޭ މިކަމާ ހުރެ. އަސްލު އެކަން އެނގޭ ޑޮކްޓަރުން ރާއްޖެ ކަހަަލަ ގައުމެއްގައި ތިބުން މުހިންމު،" އަދިވެސް ލަނޑާ މަސްވެރިކަމުގައި އުޅޭ އަހުމަދު އަލީ ބުންޏެވެ.
ޑައިވިންގެ ދާއިރާގައި 25 އަހަރު ހޭދަކޮށް، ޕަޑީގެ ކޯސް ޑައިރެކްޓަރެއް ކަމަށްވާ އާދަމް އަޝްރަފު މީގެ ކުރިން "އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވެސް ފާހަގަ ކުރައްވާފައިވާ ކަމަކީ އޭގެ އިލްމާއި ހިލްމު ހުރި ހާއްސަ ޑޮކްޓަރުން ރާއްޖޭގައި މަދުވުމެވެ.
"ޗެމްބަރެއްގަ ފަރުވާ ދެވޭނެ ވަރުގެ ޑޮކްޓަރެއް އަދި ނެތް. އެއީ ވަރަށް މުހިންމު ކަމެއް ކަންނޭނނެ ރާއްޖޭގަ އެކަމަށް ފަރުވާ ދޭން ދިވެހި ކޮޑްޓަރުން ތިބުން،" އާދަމް އަޝްރަފް ވިދާޅުވެފައިވެ އެވެ.
ފީނަން އުޅުމުގެ ތެރެއިން މަސްވެރިންގެ އިތުރުން ފަތުރުވެރިން ވެސް ޑީކޯވެފައިވާއިރު، ދޭން ޖެހޭ އަވަސް ފަރުވާ ނުދެވުމުގެ ސަބަބުން މިހާތަނަށް ބައެއް ފަރާތްތަކުގެ ފުރާނަ ވަނީ ގެއްލިފަ އެވެ. މިއީ ލަނޑާ މަސްވެރިންނަށް ވެސް އޮތް ބޮޑު ނުރައްކަލެކެވެ.
"ލަނޑާ ނަގަން ދާ މީހުންނަށް މި ޑީކޯ މައްސަލަ ބޮޑަށް ދިމާވަނީ އަސްލު، ފަތުރުވެރިން ޑައިވްކުރަނީ މުނިފޫހިފިލުވުމަށް. ލަނޑާ ނަގަން ދާ މީހުން އާމްދަނީއަށް ކުރާ މަސައްކަތް ވީމަ ގިނަ ފަހަރު ލަނޑާ ފެނުނީމަ ފުޅި ޗެކް ކުރާކަށް ވެސް ހަނދާނެއް ނު ހުރޭ. ދެން އޮކްސިޖަން ހުސްވާން ކައިރީވީމަ ދުންޖަހާފަ މި އަރަނީ މައްޗަށް،" ލަނޑާ މަސްވެރިކަމުގައި ދިމާވާ އެއް މައްސަލަ ހާލިދު ކިޔައިދިނެވެ.
ގިނަ އަދަދެއްގެ ރިސޯޓުތައް ހިންގާ ރ. އަތޮޅަކީ ޑައިވަރުންގެ މައި ހަބެކެވެ. ޑީކޯ މައްސަލަ ދިމާވެއްޖެ ނަމަ އެންމެ ކައިރިން ވެސް ޗެމްބަރެއް ހުންނަނީ ޅ. އަތޮޅުގަ އެވެ. ކުރަން ޖެހޭ ދަތުރު ދިގެވެ. އަދި ޗެމްބަރަށް ގެންދިއުމުގެ ތެރޭގައި ލިބޭ ގެއްލުން ބޮޑެވެ.
މުސްތަގުބަލުގައި އެހެން ބަޔަކަށް ބަރޯސާވާން ނުޖެހި، ޑައިވިންގެ އަމިއްލަ ޑެޑިކޭޝަން އޮތް އަތޮޅެއް ގޮތަށް ތަރައްގީ ވުމުގެ ހައްގު އޮތް ރ. އަތޮޅަށް ވެސް ޑީކޮމްޕްރެޝަން ޗެމްބަރެއް ބޭނުންވަނީ މިހެންވެ އެވެ.
Comment