Advertisement

ޖޭއެސްސީގެ ރިޔާސަތު މި ވަގުތު ބަލަހައްޓަވާ ހިސާން މަޖިލީހަށް ވާދަނުކުރައްވަން ނިންމަވައިފި

3 ޖަނަވަރީ 2024 - 10:55 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޖޭއެސްސީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން: އަންނަ މަޖިލިސް އިންތިހާބުގައި ވާދަނުކުރައްވާނެ ކަން އިއުލާން ކުރައްވައިފި - ފޮޓޯ: މިރާން ނާޝިމް / އަދަދު


ޖޭއެސްސީގެ ރިޔާސަތު މި ވަގުތު ބަލަހައްޓަވާ ހިސާން މަޖިލީހަށް ވާދަނުކުރައްވަން ނިންމަވައިފި

3 ޖަނަވަރީ 2024 - 10:55 0

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ކަމުގައި ވެސް މި ވަގުތު ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައިފި އެވެ.

ހިސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތުޅާދޫ ދާއިރާ ތަމްސީލް ކުރެއްވުމަށް އޭނާއަށް ދާއިރާގެ ރައްޔިތުން ދިން ފުރުސަތަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އާ އަހަރުގެ ތަހުނިޔާ ދެއްވަމުން ހިސާން ލިޔުއްވާފައިވަނީ އަންނަ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށެވެ.

"އެމްޑީޕީއާ އެކު ހުންނާނެ ކަމުގެ ޔަގީންކަން އަރުވަމުން, 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ކުރިމަތި ނުލާން ނިންމާފައިވާ ކަމުގައި ދަންނަވަން. އުންމީދަކީ މާތް الله ގެ ވާގިފުޅާއެކު އަބަދުވެސް ރައްޔިޔުންނަށް ހިދުމަތްކުރުމުގައި ދެމިހުރުން،" ހިސާން ލިޔުއްވާފައިވެ އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުގައި ހިސާން އިންނަވަނީ އެ ކޮމިޝަނުގައި ހިމެނޭ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރުގެ ހައިސިއްޔަތުންނެވެ. ހިސާނަކީ އެ ކޮމިޝަނުގެ ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ މަޖިލިސް މެންބަރެވެ. އަދި ފުރަތަމަ އަންހެން ބޭފުޅަކީ ވެސް އޭނާ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގައި ގިނަ ދުވަސްތަކެއް ވަން ދެން މަސައްކަތް ކުރެއްވުމަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް ސެކެރެޓަރީގެ މަގާމު ހިސާން އާދަކުރައްވާފައިވެ އެވެ.

އޭގެ ފަހުން ރައީސް ނަޝީދާއި ސިޔާސީ ބައެއް ލީޑަރުންނާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހައްޔަރުކުރި ފަނޑިޔާރުންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ބޮޑެތި ގިނަ މައްސަލަތަކުގައި ވަކާލާތު ކުރައްވާފައިވެ އެވެ.

ރައްޔިތުންގެ މަޖިލިހުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ގިނަ އަދަދެއްގެ މެންބަރުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަނުކުރައްވާނެ ކަމުގެ އަޑު ގަދަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިދުމަތް ކުރެއްވުމަށް ވަޒީރު ކަމާއި އެހެނިހެން ވެސް އިސް މަގާމުތަކަށް، އެއިން ބައެއް މެންބަރުން ވަޑައިގެންފައި ވެސް ވެ އެވެ.