Advertisement

އަނިޔާގައި ހުރި ޕާޓޭ ގައުމީ ޓީމުގައި ނުހިމަނަން ނިންމައިފި

2 ޖަނަވަރީ 2024 - 12:56 0


އަނިޔާގައި ހުރި ޕާޓޭ ގައުމީ ޓީމުގައި ނުހިމަނަން ނިންމައިފި

2 ޖަނަވަރީ 2024 - 12:56 0

އަކްރާ، ގާނާ (ޖެނުއަރީ 2) - އައިވޮރީ ކޯސްޓުގައި މިމަހު ފަށާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކުރާ ގާނާގެ ގައުމީ ޓީމަށް އެޓީމްގެ ކެޕްޓަން ތޯމާސް ޕާޓޭ ނުނަގަން ނިންމައިފި އެވެ.

އެފްރިކާގެ ގައުމުތަކުން ވާދަކުރާ ފޯރިގަދަ މުބާރާތް އޮންނާނީ ޖެނުއަރީ 13 އިން ފެބްރުއަރީ 11 އަށް އައިވޮރީ ކޯސްޓުގަ އެވެ. މި މުބާރާތުގައި ވާދަކުރާ ގައުމުތަކުން ފައިނަލް ޓީމް އިއުލާންކުރަމުން އަންނައިރު، އަނިޔާގެ ސަބަބުން މުހިންމު ކުޅުންތެރިންނެއް މި ފަހަރު ވެސް މި މުބާރާތުގައި ނުކުޅޭނެ އެވެ.

މިގޮތުން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ގާނާގެ ކެޕްޓަން، ޕާޓޭ އެވެ. މިދިޔަ އޮކްޓޯބަރު މަހު ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ޕާޓޭ ހުރީ ކުޅުމާ ދުރުގަ އެވެ. އޭނާގެ ރިކަވަރީގެ ކަންކަން ގާތުން ބެލުމަށްފަހު ގާނާގެ ކޯޗު ކްރިސް ހިއުޓަން ނިންމީ ޕާޓޭ ގައުމީ ޓީމަށް ނުނަގާށެވެ.

ހިއުޓަން ބުނީ ޕާޓޭ ޓީމަށް ނުނަގަން ނިންމީ އާސެނަލްގެ މެޑިކަލް ޓީމްގެ އޮފިޝަލުންނާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ. މިހާރު ޕާޓޭ އަށް ލިބިފައިވާ އަނިޔާއަކީ އޭނާގެ ކެރިއަރުގައި ކުރިމަތިވި އެންމެ ބޮޑު އަނިޔާކަމަށާއި، އަވަސްއަރުވާލައިގެން ޕާޓޭ ކުޅެން ނުކުމެއްޖެނަމަ މާ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ހިއުޓަން ބުންޏެވެ.

ޕާޓޭ ޓީމްގައި ނެތުމުގެ ފަޅުކަން ފެންނާނެކަން ފާހަގަކުރަމުން ހިއުޓަން ބުނީ މި ދަނޑިވަޅު ކުޅުންތެރިޔާއާ ދޭތެރޭ ވިސްނުން ވަރަށް މުހިންމު ކަމަށެވެ.

މި ސީޒަންގައި އާސެނަލް އަށް ޕާޓޭ ކުޅުނީ އެންމެ ހަތަރު މެޗުގަ އެވެ. މިދިޔަ ސީޒަންގައިވެސް އަނިޔާގެ ސަބަބުން ގިނަ މެޗުތަކެެއް ގެއްލުނު ޕާޓޭ އެނބުރި ކުޅުމުގެ ތެރެއަށް ގެންނަން އާސެނަލްގެ ކޯޗު، މިކޭލް އާޓެޓާ ވެސް ބޭނުންވަނީ ފަރުވާތެރިކަމާ އެކުގަ އެވެ. ސަބަބަކީ ޕާޓޭ އަށް ގާތް ގާތުގައި އަނިޔާވުމާއި، އަނިޔާތަކުން އެއްކޮށް ރިކަވާވާން ވަގުތު ނުލިބުމެވެ.

ކުރިން އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ޕާޓޭ އަކީ އާޓެޓާގެ ގޭމް ޕްލޭންގެ މުހިންމު ކުޅުންތެރިއެކެވެ.