Advertisement

މެޗެއްގެ ތެރެއިން ހާޓް އެޓޭކެއްޖެހި ގާނާގެ ފޯވާޑް ޑުވަމޭނާ މަރުވެއްޖެ

12 ނޮވެންބަރު 2023 - 17:26 0


މެޗެއްގެ ތެރެއިން ހާޓް އެޓޭކެއްޖެހި ގާނާގެ ފޯވާޑް ޑުވަމޭނާ މަރުވެއްޖެ

12 ނޮވެންބަރު 2023 - 17:26 0

ޓިރާނާ (12 ނޮވެމްބަރު) - އަލްބޭނިއާ ލީގުގެ މެެޗެއްގައި ކުޅެނިކޮށް ހާޓް އެޓޭކެއް ޖެހި، ގާނާގެ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ރަފައެލް ޑުވަމޭނާ މަރުވެއްޖެ އެވެ.

އަލްބޭނިއާގެ ލީގު މެޗެއްގައި ޕާޓިޒާނީއާ ދެކޮޅަށް އިގްނާޓިއާ އަށް ކުޅެނިކޮށް ޑުވަމޭނާ ،28، ދަނޑު މައްޗަށް ވެއްޓުނީ އެވެ. ޑުވަމޭނާ އަށް ވަގުތުން ފަރުވާ ދިން ނަމަވެސް އޭނާގެ ފުރާނަ ސަލާމާތެއްނުވި އެވެ.

ޑުވަމޭނާ ވަނީ ގާނާގެ ގައުމީ ޓީމަށް 8 މެޗު ކުޅެފަ އެވެ. ގާނާގެ އެންމެ އުންމީދީ ކުޅުންތެރިންގެ ތެރޭގައި ކެރިއަރު ކުރީކޮޅު ފާހަގަކުރެވުނު ނަމަވެސް، ހިތުގެ މައްސަލަތަކާ ގުޅިގެން އޭނާގެ ކެރިއަރަށް ހިޔަނި އެޅުނެވެ.

މިހާރު އިނގިރޭސި ޕްރިމިއާ ލީގުގައި އޮތް ބްރައިޓަން އަށް ބަދަލުވާން 2017 ވަނަ އަހަރު ޑުވަމެނާ އަށް ލިބުނު ނަމަވެސް، ހިތުގެ މައްސަލަތަކާ ގުޅިގެން އޭނާ އަށް އެ ކްލަބަށް ސޮއިނުކުރެވުނެވެ. އެހެންވެ އޭނާ ބަދަލުވީ ސްޕެއިންގެ ލެވަންޓޭއަށެވެ. އަދި އޭގެ ފަހުން ސްޕެއިންގެ ރެއާލް ޒަރަގޯޒާ އަށްވެސް ކުޅުނެވެ.

އޮސްޓްރިއާގައި ކުޅެނިކޮށް 2021 ވަނަ އަހަރު ޑުވަމެނާ އަށް މެޗެއްގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނެވެ. އެ ފަހަރު އަވަސް ފަރުވާ ދީގެން އޭނާގެ ފުރާނަ ސަލާމަތްވި އެވެ.

ޑުވަމޭނާ އަކީ މި ސީޒަންގެ އަލްބޭނިއާ ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ޑުވަމޭނާ މަރުވުމާ ގުޅިގެން، އަލްބޭނިއާ ފުޓްބޯލް ފެޑަރޭޝަނުން ވަނީ މި ހަފުތާގައި ކުޅެން އޮތް ހުރިހާ މެޗުތަކެއް ފަސްކޮށްފަ އެެވެ. -- އޭއެފްޕީ