Advertisement

ތަސްލީމްގެ މައްޗަށް ކުށް ސާބިތު ނުވި ހުކުމުގެ މައްސަލަ ހައި ކޯޓަށް

31 ޑިސެންބަރު 2023 - 11:05 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހއ. ހޯރަފުށި، އަލަނާސިގެ މުހައްމަދު ތަސްލީމް - އޭނާގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި ހުކުމުގެ މައްސަލަ ހައި ކޯޓަށް


ތަސްލީމްގެ މައްޗަށް ކުށް ސާބިތު ނުވި ހުކުމުގެ މައްސަލަ ހައި ކޯޓަށް

31 ޑިސެންބަރު 2023 - 11:05 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނަވަނިކޮށް އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ކަމަށް ފުލުހުން ތުހުމަތު ކުރާ މުހައްމަދު ތަސްލީމްގެ މައްޗަށް އުފުލި ޓެރަރިޒަމް ޖަމާއަތަކަށް ތާއީދުކުރާ ކަމުގެ ދައުވާ ސާބިތު ނުވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ހއ. ހޯރަފުށި، އަލަނާސިގެ ތަސްލީމާ އެކު، ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ވެސް އެ ދައުވާ އުފުލި އެވެ.

އަލި މަނިކުގެ މައްޗަށް ކުށް ސާބިތުވި ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެކަމަކު ތަސްލީމުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ނިންމި އެވެ.

ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ފަރާތުން މިދިޔަ ހޯމަ ދުވަހު ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ހައި ކޯޓުން އިސްތިއުނާފު ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

މި ދެ މީހުން ހައްޔަރު ކުރުމަށް ފަހު ފުލުހުން އޭރު ބުނެފައިވަނީ މެއި 6، 2021 ގައި މާލޭގައި ގޮއްވި ބޮމުގެ ހަމަލާ ރޭވުމުގެ މޭސްތިރިން ކަމަށެވެ. ނަމަވެސް, ތަހުގީގަށް ފަހު ދައުވާކުރީ ޓެރަރިސްޓް ޖަމާއަތް އައިސިސްއަށް ތާއީދުކުރުމުގެ ދައުވާ އެކަންޏެވެ.

އެ މައްސަލައިގައި ހުކުމް ކުރުމަށް ދަށު ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ފާހަގަ ކުރެއްވީ ގާނޫނުގައި އެ ދައުވާ ސާބިތުކުރުމަށް ވަކި ބާވަތްތަކެއްގެ ހެކި ބަޔާންކޮށްފައިވާ އިރު އެއިން މަދުވެގެން ހަތަރު ބާވަތުގެ ހެކި ހަމަވާން ޖެހޭ ކަމަށެވެ.

ތަސްލީމުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައެޅީ މަދުވެގެން ހަތަރު ބާވަތުގެ ހެކި ނެތުމުންނެވެ. ގާޒީ އަލީ އާދަމް ވިދާޅުވި ގޮތުގައި ތަސްލީމާ ދެކޮޅަށް އޮތް ހަމައެކަނި ހެކިތަކަކީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ސިއްރު ދެ ހެއްކެއްގެ ހެކިބަހެވެ. އެހެންކަމުން އެއީ ދެ ބާވަތުގެ ހެއްކެކެވެ.

އަލީ މަނިކުގެ މައްޗަށް ކުށް ސާބިތުވުމުގައި ބެލި ހެކިތަކުގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްގެ އިތުރުން އޭނާގެ ފޯނުން ފެނިފައިވާ ފޮޓޯ އާއި ލިޔުންތަކާއި ވީޑިއޯގެ އިތުރުން ސިއްރު ހެކިންގެ ހެކިބަހާއި ދައުލަތުގެ އިތުރު ރަސްމީ ލިޔެކިޔުންތަކެއް ވެސް ހިމެނެ އެވެ. އޭގައި ފަސް ބާވަތެއްގެ ހެކި ހިމެނެ އެވެ.

އަލި މަނިކުގެ މައްޗަށް އުފުލި ދައުވާގެ އަދަބެއްގެ ގޮތުގައި ގާނޫނުގައި ބަޔާން ކުރަނީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ދައުލަތުގެ ފަރާތުން އެދުނީ ފަސް އަހަރަށް ޖަލަށް ލުމަށެވެ. އަލިމަނިކުގެ ފަރާތުން އެދުނީ ތިން އަހަރަށް ޖަލަށް ލުމެވެ.

ގާޒީ ބުރަވީ ދައުލަތުގެ ނުކުތާއަށެވެ. އެއީ އަލި މަނިކު ކުށުގެ ވެށީގައި މިވީހާ ތަނަށް ދެމިހުރުމާއި އެ ކުށުގެ ސީރިއަސް ކަމަށް ރިއާޔަތްކޮށްފަ އެވެ. ފަސް އަހަރު ދުވަހު ޖަލަށް ލުމަށް އަދަބު ކަނޑައެޅިއިރު މި މައްސަލާގައި އޭނާ ބަންދުގައި ހުންނަތާ ދެ އަހަރާއި ދެ މަހާއި އެއް ދުވަސް ވަނީ ހޭދަވެފަ އެވެ. އެހެންކަމުން ޖަލު ހުކުމުން ތަންފީޒު ކުރަން ޖެހޭނީ ދެ އަހަރާއި ނުވަ މަހާއި 29 ދުވަހުގެ މުއްދަތެކެވެ.

އޭނާއަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ފުލުހުންނާ ސިފައިންނާ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކާ ހިނގައިދިޔަ ކުރިމަތިލުންތަކެއްގައި އިސްކޮށް އުޅުނު މީހެކެވެ. އަލިމަނިކު އެ މައްސަލައިގަ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ޖަލުން ވެސް ފިލާފައިވެ އެވެ.