31 ޑިސެންބަރު 2023 - 07:29 0
މުހައްމަދު ޝަހްޒާން
31 ޑިސެންބަރު 2023 - 07:29 0
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދަނީ އިންސާނިއްޔަތާ ދެކޮޅު ގަތުލުއާއްމުތަކެއް ކަމަށް ބުނެ ސައުތު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) ގައި އިޒްރޭލާ ދެކޮޅަށް ދައުވާ އުފުލައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ސައުތު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އިޒްރޭލުން މަސައްކަތް ކުރަމުން ދަނީ ފަލަސްތީނުގެ ގައުމިއްޔަތާއި ނަސްލު އަދި އެމީހުންގެ ދަރިފަސްކޮޅު ނައްތާލުމަށް ކަމަށާއި އެ އަމަލުތައް ހަނގުރާމައިގެ ޖަރީމާ ނުވަތަ ގަތުލުއާއްމު ކެޓެގަރީއަށް ފެތެނީ އެހެންވެ ކަމަށެވެ.
"މި ފާހަގަކުރާ އަމަލުތަކުގެ ތެރޭގައި ގާޒާގެ ރައްޔިތުން މެރުމާއި އެމީހުންނަށް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ކުރިމަތިކުރާ ހާލަތާއި އެ މީހުންގެ ވަސް ފުހެލުމާ އެއްފަދަ ހާލު އެ މީހުންގެ ދިރިއުޅުމަށް ޖެއްސުން ހިމެނޭ،" ސައުތު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައިގެ ކަރުދާހުގައި ބުނެފައިވެ އެވެ.
ފަލަސްތީނު ހަނގުރާމަ ފެށުނު ފަހުން ތިން މަސްދުވަސް ވާން ކައިރިވެފައި ވާއިރު، އިޒްރޭލުން މިހައިތަނަށް ވަނީ ފަލަސްތީނުގެ 21،500 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ. ހަނގުރާމައިގެ ސަބަބުން 2.4 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގާޒާގެ 1.9 މިލިއަން މީހުން ވަނީ ގެދޮރު ގެއްލި މަގުމަތިވެފަ އެވެ.
ދުނިޔޭގެ ކޯޓުގެ ނަމުން ވެސް ނަން ކިޔާ އައިސީޖޭއަކީ ގައުމުތަކުގެ މެދުގައި އުފެދޭ މައްސަލަތައް ހައްލުކޮށް އިންސާފު ގާއިމުކޮށްދޭ އދ ގެ މަދަނީ ކޯޓެކެވެ. އައިސީޖޭއަކީ އާންމު ފަރުދުން ނުވަތަ ޖަމާއަތްތަކުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ބަލާ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓާ ތަފާތު ކޯޓެކެވެ. އދ ގެ މެންބަރު ދެ ގައުމުގެ ގޮތުގައި ތިބި އިޒްރޭލާއި ސައުތު އެފްރިކާއިން ވެސް އައިސީޖޭގެ ހުކުމަށް ތަބާވާން ޖެހޭނެ އެވެ.
ސައުތު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ ވަނީ އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކަކީ ސައުތު އެފްރިކާގެ ތާރީހުގައި ކަޅު މީހުންނާ ދެކޮޅަށް 1994 ގެ ކުރިން ހިންގި ބާވަތުގެ ނަސްލު ނައްތާލުމުގެ ހަރަކާތެއް ކަމަށް ސިފަ ކުރައްވައިފަ އެވެ.
ސައުތު އެފްރިކާގެ އިތުރުން އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ވަނީ އިޒްރޭލުގެ އަމަލުތަކަކީ ގަތުލުއާއްމުތަކެއްގެ ގޮތުގައި ސިފަކޮށް އެކަމާ ދެކޮޅަށް އަޑު އުފުލައިފަ އެވެ.
އައިސީޖޭއަށް ސައުތު އެފްރިކާއިން ހުށަހެޅި މައްސަލައިގައި ވަނީ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދަނީ އދ ގެ ޖެނޮސައިޑް ކޮންވެންޝަނާ ހިލާފުވަމުން ކަމަށް ބުނެ އަވަސް އަޑުއެހުމެއް ބާއްވައި ދިނުމަށް އެދިފަ އެވެ. އެ ހުށަހެޅުމުގައި ސައުތު އެފްރިކާއިން ވަނީ ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް ލިބޭ އިއާދަނުކުރެވޭ ބޮޑެތި ގެއްލުންތަކުން އެމީހުން ސަލާމަތް ކޮށްދީ ރައްކާތެރި ކޮށްދިނުމުގެ ފިޔަވަޅުތަކެއް އަޅައި ދިނުމަށް އެދިފަ އެވެ.
އިޒްރޭލާ ދެކޮޅަށް ސައުތު އެފްރިކާއިން އައިސީޖޭއަށް މައްސަލައެއް ވައްދާފައިވާއިރު، ހަނގުރާމަ ހުއްޓައިލުމަށް ބައިނައްލައަގުވާމީ މައިދާނުގައި އެކި ގައުމުތަކުންނާއި ޖަމާއަތްތަކުން ގޮވާލި ގޮވައިލުންތަކަށް އިޒްރޭލުން ދިނީ ބީރު ކަންފަތެކެވެ. އިޒްރޭލުން ބުނީ ހަނގުރާމަ ހުއްޓައިލާނީ ހަމާސްގެ ވަސް އެއްކޮށް ފުހެލުމަށް ފަހު ކަމަށެވެ.
ހަމާސްއާ ދެކޮޅަށް އިޒްރޭލުން ހަނގުރާމަ އިއުލާނު ކުރީ އޮކްޓޯބަރު 7 ވަނަ ދުވަހު އިޒްރޭލަށް ކުއްލި ހަމަލާއެއް ދީ 1200 އަށްވުރެ ގިނަ ޔަހޫދީން މަރާލައި 250 މީހުން ރަހީނު ކުރުމުންނެވެ. ހަމާސްއިން ބުނީ އެ ހަމަލާ ދިނީ ފާއިތުވި 16 އަހަރު ގާޒާ ހިސޯރުކޮށްގެން ތިބެ ގަދަކަމުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިމުގެ ސަރަހައްދު ބޮޑު ކުރުމަށް އިޒްރޭލުން މަސައްކަތް ކުރަމުން ދާތީ ކަމަށެވެ.
ސައުތު އެފްރިކާއަކީ ހަނގުރާމަ ފެށުނުފަހުން މިއަދާ ހަމައަށް ވެސް އެންމެ ބޮޑަށް އިޒްރޭލާ ދެކޮޅަށް އަޑުއުފުލާ އެއް ގައުމެވެ. އެގައުމުން ވަނީ ހަނގުރާމަ ހުއްޓައިލުމާ ހަމައަށް އެގައުމުގައި ހުންނަ އިޒްރޭލު އެންބަސީ ވެސް ބަންދުކޮށް އިޒްރޭލާ އެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން ވެސް ކަނޑައިލާފަ އެވެ.
Comment