29 ޑިސެންބަރު 2023 - 12:17 0
އަޒްލިފާ އަބްދުﷲ
ދިވެހިރާއްޖޭގެ ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމުގައި ރައީސް މުއިއްޒާއި އަނބިކަނބަލުން ސާޖިދާ. -- ފޮޓޯ: ރައީސް އޮފީސް
29 ޑިސެންބަރު 2023 - 12:17 0
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމުގެ ދަތުރުތައް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށާއި އުއްމީދަކީ ރޯދައިގެ ކުރިން ދެ ބައިކުޅަ އެއްބައި ރަށަށް ނުވަތަ 100 ރަށަށް ވަޑައިގަތުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުގެ "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމުގައި ރައީސް މުއިއްޒު ވިދާޅުވީ އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ތ. އަތޮޅު ގުރައިދޫ އަށް ކަމަށެވެ. ފެށޭ ހަފުތާގެ ތެރޭގައި އެ ރަށަށް ވަޑައިގެންނެވިދާނެ ކަމަށާއި ނަމަވެސް އެކަން މުޅިން ނުނިންމަވާ ވިދާޅުވި އެވެ.
އެންމެ ފުރަތަމަ ރަށެއްގެ ގޮތުގައި ގުރައިދޫ ހިޔާރުކުރީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އެއް ރަށަކުން އެންމެ ގިނަ ވޯޓު އެ މަނިކުފާނަށް ލިބިވަޑައިގަތީ އެ ރަށުން ކަމަށް ވާތީ އެވެ.
ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އޭރު ޕީއެންސީގެ ކެންޑިޑޭޓު އަދި މިހާރު ރައީސް މުއިއްޒަށް، ގުރައިދޫގައި ބެހެއްޓި ދެ ފޮށީގެ ތެރެއިން އެއް ފޮށިން 75.6 ޕަސެންޓު، އަނެއް ފޮށިން 72.4 ޕަސެންޓު ވޯޓު ލިބިފައިވެ އެވެ.
"ގުރައިދޫ އަށް އަޅުގަނޑުގެ އެންމެ ފުރަތަމަ ދަތުރު އޮންނާނީ. އެއީ ހަމަ ރަސްމީ ދަތުރެއް. އަޅުގަނޑު ނިންމާފައި އޮތީ ރާއްޖޭގެ ހުރިހާ ރަށަކަށް މަގާމުގެ ހައިސިއްޔަތުން ރައްޔިތުންނާ ބައްދަލުކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ގުރައިދޫގެ ދަތުރަށް ފަހު ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން ހުރިހާ ރަށަކަށް ވަޑައިގަތުމަށް ދަތުރުތައް ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ރާއްޖޭގައި މީހުން ދިރިއުޅެނީ 187 ރަށުގަ އެވެ. އުއްމީދަކީ ކޮންމެ ރަށަކަށް މަދުވެގެން ދެ ފަހަރު ވަޑައިގަތުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment