28 ޑިސެންބަރު 2023 - 12:22 1
ސާއިފް ޝިޔާދު
ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ އެންމެ އަރިސް ބައެއް ސިޔާސީ ބޭފުޅުން. އިދިކޮޅު އެމްޑީޕީ މެމްބަރުންނަށް ހުށަހެޅުންތައް ލިބެމުންދާ ކަމަށް އެ މެމްބަރުން ބުނޭ --- ފޮޓޯ: ރައީސް އޮފީސް
28 ޑިސެންބަރު 2023 - 12:22 1
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވެރިކަން ކުރާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނަށް ސޮއިކުރަން ރިޝްވަތު ދެމުންދާ ކަމަށް ބުނެ ކުރަމުންދާ ތުހުމަތުތައް ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.
އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ މަޖިލީހުގައި ތަމްސީލު ކުރައްވާ މެމްބަރުންތަކެއް ވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި މިފަދަ ތުހުމަތުތަކެއް ކުރައްވާފަ އެވެ. ޕީއެންސީއަށް ބަދަލުވުމަށް ފައިސާ ހުށަހަޅަމުންދާ ކަމަށް "އަދަދު" އާ ވާހަކަ ދައްކަމުން ބައެއް މެމްބަރުން ވެސް ވަނީ ބުނެފަ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބުއަށް "އަދަދު" އިން އަމާޒުކުރީ އެފަދަ ހުށަހެޅުންތަކެއް ހުށަހަޅާފައިވާނެތޯ އަދި އެއީ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ މަސައްކަތް ހުއްޓުވުމަށް ކުރާ ކަމެއްތޯ އެވެ.
އެ ސުވާލަށް އޭނާ ޖަވާބު ދެއްވަމުން ވިދާޅުވީ "އެ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.
މި ނޫހާ ވާހަކަ ދެއްކެވި މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވީ ޕީއެންސީއާ ގުޅުމަށް ފައިސާ އާއި ސަރުކާރުގެ ވަޒީފާ ހުށަހަޅަމުންދާ ކަމަށެވެ.
"އަގެއްގެ ގޮތުގައި ހުށަހެޅީ 1.5 މިލިއަން ރުފިޔާ. އަންނަ އަހަރުގެ އިންތިހާބުގައި ވާދަނުކޮށްފިނަމަ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެއް ދޭން ވެސް ހުށަހެޅި. އަދި, އާއިލާ އާއި ބޭނުންވާ އެހެން މީހުންނަށް ވަޒީފާތައް ޔަގީންކޮށްދީ ހަމަޖެއްސުމަށް ވެސް ހުށަހެޅި," ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހާ ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރަކު ވިދާޅުވި އެވެ.
އޭނާ އަށް ތިން މީހަކު ގުޅިކަމަށް ވިދާޅުވި އެވެ. އެ ތިން ބޭފުޅުންގެ ހުށަހެޅުން ވެސް ގާތްގަނޑަކަށް އެއްގޮތް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
މެމްބަރުން ގަތުމުގެ މާކެޓުގައި ހުށަހަޅަމުންދަނީ ފައިސާ އާއި މަގާމާއި އަދި އާއިލީ މީހުންނަށް ބޭނުންވާ ވަޒީފާކަން ވާހަކަ ދެއްކި ކަމަށް އިތުރު ބައެއް މެމްބަރުން ވެސް "އަދަދު" ނޫހަށް އެކަށް ކަށަވަރުކޮށް ދެއްވި އެވެ. އަދި ވާހަކަ ދެއްކެވި ބައެއް ބޭފުޅުންގެ ނަންތައް ވެސް ވިދާޅުވި އެވެ.
މެމްބަރުން ސޮއިކުރުން ފާހަގަކުރުމަށް މިރޭ ހާއްސަ ޖަލްސާއެއް ޕީއެންސީން ބާއްވާނެ އެވެ. ދަރުބާރުގޭގައި މިރޭ ބާއްވާ ޖަލްސާގެ ދައުވަތު އެ ކޯލިޝަނުން މިހާރު ފޮނުވާފައިވާއިރު މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އިދިކޮޅު މެމްބަރުންތަކެއް ޕީއެންސީއާ މި ގުޅެނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރުމާ ގުޅޭ މާއްދާތަކަށް ބަދަލުގެނެސްފައިވާ ދަނޑިވަޅެއްގަ އެވެ.
މެމްބަރުން ގަނެގެން ގެންދާކަމަށް ޕީޕީއެމް/ޕީއެންސީގެ އާންމު މެމްބަރުންނާއި ބައެއް ސަޕޯޓަރުން ވެސް ތުހުމަތުކުރެ އެވެ. އަދި އެކަމާ ހިތްހަމަ ނުޖެހިގެން ބައެއް ގްރޫޕުތަކުގައި ހިޔާލުފާޅުކޮށްފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment