28 ޑިސެންބަރު 2023 - 12:03 0
ސާއިފް ޝިޔާދު
28 ޑިސެންބަރު 2023 - 12:03 0
ސަރުކާރަށް ފާޑުކިޔާފައިވާ ލިޔުންތައް ޝާއިއުކުރާ ދެ ވެބްސައިޓް ކަމަށްވާ 'ކުރުސީ.ކޮމް" އާއި "ދިޔަވަރު.ކޮމް" ބްލޮކްކޮށްފައި އޮންނަތާ ހަފްތާއެއްހާ ދުވަސް ފަހުން އަނެއްކާ ވެސް އެ ދެ ވެބްސައިޓަށް ވަދެވޭ ގޮތް ސަރުކާރުން ހަދައިފި އެވެ.
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން މި ދެ ވެބްސައިޓަށް ނުވަދެވެ އެވެ. އޭގެ އިތުރުން, ޖެހިގެން އައި ހުކުރު ދުވަހު "ފުރަތަަމަ" ނަމަކަށް ކިޔާ ރެޖިސްޓްރީ ކޮށްފައިވާ ނޫހެއް ވެސް އެއްވެސް ތަފްސީލެއް ސަބަބެއް ހާމަކުރުމެއް ނެތި ސަރުކާރުން ބްލޮކް ކުރި އެވެ.
ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާ ކަމަށް ބުނެ އާންމުންނާއި ބައެއް ޖަމިއްޔާތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ. އެކަމުގެ ސަރުކާރުން ގެންގުޅޭ ސިއްރު ސިޔާސަތުތަކެއް މިއަދާ ހަމައަށް ވެސް ހާމަކޮށްފައި ނުވެ އެވެ.
މިއަދުގެ ވަގުތަކުން ފެށިގެން ވެސް އެ ދެ ވެބްސައިޓަށް ވަދެވޭއިރު "ފުރަތަމަ" އަންބްލޮކް ކުރީ ޑިސެމްބަރު 22, 2023 ގަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ސަރުކާރުން ވެބްސައިޓްތައް ބްލޮކް ކުރުމާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަނުކުރެ އެވެ. ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ.
ތަރުޖަމާނު މުހައްމަދު ޝަހީބު ވަނީ ރެޖިސްޓްރީ ކޮށްފައިވާ ނޫހެއް ބްލޮކް ނުކުރާ ކަމަށް ބުނެ ތަކުރާރުކޮށް ސަރުކާރު ދިފާއު ކުރައްވާފަ އެވެ.
"ވެބްސައިޓުތައް ބަންދުކުރުމަކީ ކުރީ ސަރުކާރުތަކުން ވެސް ކޮށްފައި ހުރި ކަމެއް. އާ ކަމެއް ވެގެނެއް ނޫން އެއީ. ބަންދުކޮށްފައި ވެސް އެބަ ހުރި ވެބްސައިޓުތައް. މި ސަރުކާރު ވެސް އައިސް ނިޒާމުގެ ތެރެއިން ގާއުމީ ސަލާމަތާ އާންމުންގެ ސަލާމަތާ ރައްކާތެރިކަމަށް ކުރަމުންދާ ކަންތައްތަކެއް ގަވާއިދުން ކުރާނެ," އޭނާ ވިދާޅުވި އެވެ.
މިއީ ދައުލަތެއް ކަމަށާއި ދައުލަތެއްގެ ކަންކަން ވަކި އުސޫލަކުން ހިނގާނެ ކަމަށް ވިދާޅުވެ ބްލޮކް ކުރުން ޝަހީބު ދިފާއު ކުރެއްވި އެވެ.
"އެއްވެސް ރެޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ވެބްސައިޓެއް ސަރުކާރުން ބަންދުކޮށްފައި ނުވާނެ. ސަރުކާރަށް ފާޑުކިޔާތީއޭ ވެބްސައިޓުތައް ބަންދުކުރަނީ. ސަރުކާރަށް ފާޑުކިޔަނީ އެ ދެ ވެބްސައިޓުން އެކަނިތޯ. ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ މީޑިއާތަކަށް އެބައޮތެއް ނޫންތޯ މިނިވަންކަން. ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި," ޝަހީބް ވިދާޅުވި އެވެ.
މި ދެ ވެބްސައިޓަކީ ވެސް ރައީސް މުއިއްޒު ހުވާ ކުރެއްވި ފަހުން އެމަނިކުފާނަށް ފާޑުކިޔައި އެކި ތުހުމަތުތައް އަމާޒުކޮށް ލިޔުންތައް ޝާއިއު ކުރަމުންދާ ވެބްސައިޓުތަކެކެވެ. ކުރިން ވީޕީއެން ބޭނުންކޮށްގެން މި ވެބްސައިޓަށް ވަދެވުނު ނަމަވެސް މިހާރު އެއްވެސް ހުރަހެއް ނެތި ވަދެވެ އެވެ. އަންބްލޮކް ކުރި ސަބަބެއް ސަރުކާރުން ހާމަނުކުރެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި މިއީ ކުރިމަތިވި ފާޑުކިޔުންތަކާއި ޕްރެޝަރުގެ ސަބަބުން ސަރުކާރުން ނިންމި ނިންމުމެކެވެ.
އިންޓަނެޓުގެ ހިދުމަތް ރާއްޖޭގައި ދެނީ ތިން ކުންފުންޏެކެވެ. އެ ކުންފުނިތަކުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވަކި ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެންގުމުންނެވެ. އެ އޮތޯރިޓީ މިވަގުތު އޮންނަނީ މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގަ އެވެ.
އެހެންކަމުން, މިއީ ސަރުކާރަށް އެނގިގެން ކުރި ކަމެއްކަން ކަށަވަރުވެ އެވެ. ނަމަވެސް, ރައީސް އޮފީހުން ނުވަތަ ރައީސް މުއިއްޒު އެގޮތަށް އަންގާފައި ނުވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment