27 ޑިސެންބަރު 2023 - 07:47 0
މުހައްމަދު ޝަހްޒާން
27 ޑިސެންބަރު 2023 - 07:47 0
މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދޭ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިރާގަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް އެމެރިކާއިން ދީފި އެވެ.
އިއްޔެ ހެނދުނު އެމެރިކާއިން ވައިގެ ހަމަލާ ދީފައި ވަނީ ކަތާއިބް ހިޒްބުﷲ ޖަމާއަތުގެ ސައިޓަކަށެވެ. އެ ހަމަލާގައި އިރާގު ސެކިއުރިޓީ ފޯސަސްގެ އެކަކު މަރުވެ އާންމުން ވެސް ހިމެނޭހެން 18 މީހުން ޒަހަމުވެފައިވެ އެވެ.
ކަތާއިބު ހިޒްބުﷲ އަކީ 2003 ވަނަ އަހަރުން ފެށިގެން އިރާގުގައި ހަރަކާތްތެރިވަމުން ދާ ޝިއައީ ޖަމާއަތެކެވެ. އެ ޖަމާއަތުން ހަނގުރާމަ ކުރަމުން ދަނީ އިރާނުގެ ބާރު ހިނގާ ވެރިކަމެއް އިރާގުގައި ގާއިމު ކުރުމަށެވެ. އިރާގު ހަނގުރާމައިގައި ވެސް އެ ޖަމާއަތުން އެމެރިކާ އާއި ގުޅިފައިވާ ލަޝްކަރުތަކާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކޮށްފައިވެ އެވެ.
އެމެރިކާއިން އެ ޖަމާއަތުގެ ސައިޓުތަކަށް ހަމަލާދީފައި މިވަނީ އިރާގުގެ އާބިލް އެއާބޭސްއަށް ހަމަލާއެއް ދީ އެމެރިކާގެ ތިން މީހަކު ޒަހަމުކޮށްލި ހަމަލާއަށް ބަދަލު ހިފުމުގެ ގޮތުންނެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް ލޮއީޑް އޮސްޓިން ވިދާޅުވީ އިރާގަށް ހަމަލާ ދިނީ އެމެރިކާގެ އަސްކަރީ ސިފައިންނަށް އަމާޒުކޮށް ދޭ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށާއި އެ ހަމަލާއިން އިރާނުން ވާގިވެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ނާގާބިލުކަން ހާމަވާނެ ކަމަށެވެ.
ނަމަވެސް އެ ހަމަލާއަކީ އެ ސަރަހައްދުގެ މަސްލަހަތު އިތުރަށް ގެއްލުވައިލާ މެދުއިރުމަތި ހަލަބޮލި ކުރުމުގެ ވިސްނުމުގައި ދިން ހަމަލާއެއް ނޫން ކަމަށް އޮސްޓިން ވިދާޅުވި އެވެ.
އިރާގާއި ސީރިއާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުން އާންމުވެފައި ވަނީ އިޒްރޭލުން ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރުމާ ގުޅިގެންނެވެ. އޮކްޓޯބަރު 7، ވަނަ ދުވަހުން ފެށިގެން އިރާގާއި ސީރިއާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް 103 ހަމަލާ ހަމަލާދީފައިވެ އެވެ.
އެމެރިކާއިން ވަނީ އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށް ދޭ ހަމަލާތަކަށް ކުރިއަށް އޮތް ތަނުގައި ވެސް ރައްދު ދޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
Comment