Advertisement

ޝަރީފު އެމްޑީޕީން ވަކިވެވަޑައިގެންފި

25 ޑިސެންބަރު 2023 - 23:35 3


ޝަރީފު އެމްޑީޕީން ވަކިވެވަޑައިގެންފި

25 ޑިސެންބަރު 2023 - 23:35 3

ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ.

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީ، އަދި ޕާޓީ ނިޒާމާއެކު ޝަރީފުގެ ސިޔާސީ ހަޔާތުގެ ވެސް ފުރަތަމަ ޕާޓީން ވަކިވެވަޑައިގެންނެވިކަން އެ ޕާޓީ މެންބަރުން ތިބޭ ގްރޫޕެއްގައި މިރޭ އޭނާ ހިއްސާ ކުރެއްވެވި އެވެ.

ނަމަވެސް އެކަމުގެ ސަބަބެއް ހާމައެއް ނުކުރައްވަ އެވެ. އޭނާ ފޯނަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި އެމްޑީޕީން ޝަރީފު ވަކިވެވަޑައިގަތުމަށް އެދި ޕާޓީއަށް ސިޓީ ހުށަހެޅުއްވީ މިއަދުގެ ވަގުތެއްގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ޝަރީފު ޕާޓީން ވަކިވެވަޑައިގަތީ ސިޔާސީ ކަންކަމުން ދުރަށް ޖެހިވަޑައިގަތުމަށް ބޭނުންވާތީ އެވެ. އެއީ ކީއްވެގެން ކަމެއް އެ މެންބަރުންނަށް ކަށަވަރެއް ނުވެ އެވެ.

ޝަރީފުގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވީ އޭނާ އެމްޑީޕީ ދޫކޮށްލީ ކުރީގެ ސަރުކާރުން މަރަދޫގައި ފަށާފައިވާ މަޝްރޫއުތައް ނުހުއްޓި ކުރިޔަށް ގެންދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ ބޭނުމުގަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

ސިޔާސީ ޕާޓީތަކުގެ ނިޒާމާއެކު ޝަރީފު އެންމެ ފުރަތަމަ ގުޅިވަޑައިގަތީ އެމްޑީޕީއާ އެވެ. ނަމަވެސް އެ ޕާޓީން ވަކިވެވަޑައިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިންގެވި ޑީއާރުޕީއާ ގުޅިވަޑައިގެން އެ ޕާޓީގައި ވެސް އިސް ދައުރެއް ޝަރީފު އަދާކުރެއްވެވި އެވެ. އެއަށް ފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަހު މެންބަރު ކަމުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ޝަރީފު ހިމެނިވަޑައިގަންނަވަ އެވެ. އޭނާއަކީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ މެންބަރުންގެ ތެރެއިން ވެސް މެންބަރެކެވެ.

ޝަރީފު އެމްޑީޕީން ވަކިވެވަޑައިގަތުމާއެކު އެ ޕާޓީ ތަމްސީލު ކުރައްވަން ތިއްބަވާނީ 55 މެމްބަރުންނެވެ.