Advertisement

ކަނދޮޅުދޫން؛ ފަނޑުނުވި ހަނދާންތަކެއް، މަސްހުނި އިހުސާސްތަކެއް

26 ޑިސެންބަރު 2023 - 10:00 0

ރ. ކަނދޮޅުދޫ

މަރިޔަމް އަފާ ނިޒާމް

އަދި

މުހައްމަދު އުޝާމް

މަރިޔަމް އަފާ ނިޒާމް
މުހައްމަދު އުޝާމް


ކަނދޮޅުދޫން؛ ފަނޑުނުވި ހަނދާންތަކެއް، މަސްހުނި އިހުސާސްތަކެއް

26 ޑިސެންބަރު 2023 - 10:00 0

މަރިޔަމް އަފާ ނިޒާމް
މުހައްމަދު އުޝާމް

މަރިޔަމް އަފާ ނިޒާމް

އަދި

މުހައްމަދު އުޝާމް

ރ. ކަނދޮޅުދޫ

އެއީ ރ. ދުވާފަރު މީހުންގެ އިހުގެ ވަޒަނެވެ. ދުވާފަރުން ބައި ގަޑިއިރެއްހާއިރުން ލޯންޗެއްގައި ދުއްވައިގެން ދެވޭ، އެ އަތޮޅު ކަނދޮޅުދޫ އެވެ. ބައި އަކަ ކިލޯ މީޓަރު ވެސް ހަމަނުވާ އެ ކުޑަ ރަށުގެ މަލަމަތި ސާފުވަމުން ދިޔަ ވަރަކަށް، މީގެ ކުރިން އަޑު އިވިފައިވާ އެ ރަށުގެ ވާހަކަތައް ކިތަންމެހާ ވެސް ރަނގަޅަށް ސިފަވަމުން ދިޔަ އެވެ.

ކުލަ ފަނޑު ގޮތަކަށް ހުދާއި ކަޅުން ފެންނަން ހުރި އިމާރާތްތަކުުގެ ތެރެއިން ލޯމައްޗަށް ކުލަގަނޑެއް ފެންނަނީ އިމާރާތްތަކުގެ ތެރެއާއި ވަށައިގެން ހުރި ފެހި ބިޔަ ގަސްތަކުންނެވެ. ހިނގާބިނގާވެ އޭރު އުޅުނު ކުދިކުދި ގޯޅިތައް ވެސް ވަކިނުކުރެވޭހާ ވަރަށް ގަސް ފަޅާފައި ހުއްޓެވެ. ބަނދަރު މަތިން ރަށަށް އެރި އިރު އެހެން ގެތަކަށް ވުރެ މާ އުސްކޮށް ހުރި ދެތިން އިމާރާތެއް ހުއްޓެވެ. ބަނދަރާ ވަރަށް ކައިރިން ހުރި އެ އިމާރާތްތައް ފެނުމުން ވެސް އެއީ ސަރުކާރު އިމާރާތްތަކެކޭ ހިތަށް އެރި އެވެ.

"ކުރިމަތިން ފުރަތަމަ ފެންނަން ތި ހުރީ ރަށުގެ ސިއްހީ މަރުކަޒު، ތިން ބުރިއަށް، ދެން ސިއްހީ މަރުކަޒާ ޖެހިގެން ކުޑަތަންކޮޅެއް ފަހަތުން އެ ފެންނަނީ ރަށު ސްކޫލް، އެއީ ސުނާމީ އެރުމުގެ މަދު އަހަރުތަކެއް ކުރިން، ދެހާހުގެ އަހަރުތަކަށް އަޅަނިކޮށް ހެދި ސްކޫލެއް, ސްކޫލާ އިންވެގެން އެ ހުރީ ކުރިން ހުރި ސްކޫލް،" ރަށުގެ ބަނދަރުމަތީ ހުރެ، ކަނދޮޅުދޫއަށް އުފަން އަބްދުއްސަލާމް މުހައްމަދު، 40އ، ބުންޏެވެ.

ޑިސެމްބަރު 26، 2004 ގައި ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖޭން ކިޔައިދޭން އޮތް އެންމެ ބޮޑު ވާހަކައަކީ މިއީ އެވެ.

ދިރިއުޅެމުން ދިޔަ އިމާރާތްތަކާއި ހިފައި ގެންގުޅޭ އެތައް ތަކެތި ހިމެނޭހެން މުޅި ދިރިއުޅުން ސުންނާފަތިވެ، ތިން މީހަކު ވެސް ދުނިޔެ ދޫކޮށްލި އެ ހާދިސާއަށް މިއަދު 19 އަހަރު ފުރުނީ އެވެ. ކަނދޮޅުދޫ ދޫކޮށް، އަތޮޅުގެ އެހެން ރަށްރަށަށް ހިޖުރަކޮށްގެން ހަތަރު އަހަރެއްހާ ދުވަހު އުޅެން ޖެހުނެވެ. މިއަދު އުމްރާނީ ގޮތުން ކުރިއެރުންތަކެއް ވެސް ލިބިފައިވާ ދުވާފަރުގައި ހަޔާތް ވޭތުކުރަމުން ދިޔަ ނަމަވެސް ކަނދޮޅުދޫ މީހުން އެ ދިރިއުޅުމަށް ކުރީ ފަސޭހަ ދަތުރެއް ނޫނެވެ.

ކަނދޮޅުދޫއަށް އުފަން، އެ ރަށުގައި ވިހި އަހަރަށް ވުރެ ގިނަ ދުވަހު އުޅެ، އެ ހަނދާންތަކާއެކު މިއަދު ދުވާފަރުގައި ދިރިއުޅެމުންދާ ތިން މީހަކާ އެކު މި ދަތުރު ކުރީ އެ މީހުންގެ ހަނދާންތައް ތާޒާކޮށްލުމުގެ އިތުރަށް ތާރީހަށް ޓަކައި މި ވާހަކަ ރެކޯޑު ކުރުމަށެވެ.

ކަނދޮޅުދޫ މީހުން އެ ހަނދާންތައް ކިޔައިދެމުން ދިޔައީ އުފާވެރިކަމާއި އަދި ދެރަވުމުގެ އިހުސާސްތަކުގެ އިތުރުން ބަޔާންކުރަން ދަތި ހިތްވަރެއް ވެސް ހުރެގެނެވެ. ބުނެވޭނީ، އުފަލާއި ހިތާމައިގެ "މަސްހުނި" އިހުސާސްތަކެއް އެކުލެވިފައިވާ އެތައް ހަނދާންތަކެއް ކަމަށެވެ.

ރ. ކަނދޮޅުދޫ މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: މިރާން ނާޝިމް / އަދަދު


ސުނާމީގެ ކުރިއަށް ކަނދޮޅުދޫ ހަޔާތް

ދަތުރުގެ އެއް ބައިވެރިޔާ، ޝަމްލާ އަހުމަދު، 49އ، އަކީ ކަނދޮޅުދޫގައި ދިރިއުޅުނު އިރު ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފެކެވެ. ލޯންޗު ބަނދަރާ ގާތް ކުރި ސަރަހައްދުން، ކުރިމަތިން ފުރަތަމަ ވެސް ފެންނަން ހުރީ ތިން ފަންގިފިލާގެ އެ އިމާރާތެވެ. ވިލު ނޫ ކުލައެއްގެ ތަށިމުށިތަކެއް ފެނުނަސް، ވީރާނާވެ ބިމާ ހަމަ ނުވާ ވަރަށް ކިރިޔަކިރިޔާ ހުރި އެ އިމާރާތް ބަލައިލަން ޝަމްލާ އަވަސްވެގަތެވެ.

"މިހާރު މި ހުރި ތަން ބުނެދޭން ވެސް ނޭނގެ، އެއީ ކޮން ރޫމެއް ކަމެއް، މިއީ ކީއްކުރަން ހުރި ރޫމެއް ކަމެއް، ގިނަ ރޫމުތައް އޭރު ހުންނަނީ ވެސް ހުސްކޮށް، ތިންބުރި އިމާރާތެއް ކަމަކު ލިބެނީ މަދު ހިދުމަތެއް،" ޝަމްލާ ބުންޏެވެ.

މި ދަތުރުގައި ދެން ބައިވެރިވި ސަލާމަކީ، ކަނދޮޅުދޫގައި ދިރިއުޅުނު ދުވަސްވަރު އެ ރަށު ސްކޫލުގެ ޓީޗަރެކެވެ. މިއަދު ވެސް އޭނާގެ ވަޒީފާއަކީ އެއީ އެވެ. ރަށަށް އުފަން ދަރިންނަށް އިލްމު އުނގަނައިދިނުމަށެވެ. ތަފާތަކީ މިއަދު ވަޒީފާ އަދާކުރަނީ ދުވާފަރުގައި ހުންނަ ރ. އަތޮޅު މަދަރުސާ އެވެ. އެ ނަމަކީ، ކަނދޮޅުދޫގެ ޒަމާނުގައި ވެސް ރަށުގެ ސްކޫލަށް ކިޔައި އުޅުނު ނަމެވެ.

މާ ލަސްކުރަން ނުހަދާ ސަލާމް އަމިއްލައަށް އޭނާގެ ހިތުގައި ހާއްސަ ލޯތްބެއް ދެ ސްކޫލް އިމާރާތެއް ދެއްކުމަށް ހިނގައިގަތެވެ. ސަލާމްގެ ފަހަތުން ދަތުރުގެ އެހެން ބައިވެރިން ވެސް ހިނގަމުން ދިޔަ އެވެ. ދާންވީ ގޮތުގެ މަގުޗާޓު އޭނާ ހިތުދަހެވެ. ވަށައިގެން ގަސް ފަޅާފައި އޮތް އިރު، ދެވޭނެ އެންމެ ފަސޭހަ މަގު ކިޔައިދެމުން ހިނގަމުން ދިޔަ އެވެ. ދޭތެރެއަކުން ކަނދޮޅުދޫއަށް އަންނަ ކަން ވެސް އެނގެ އެވެ.

ހަތަރު ފަންގިފިލާގެ އެ އިމާރާތުގެ ތެރެއަށް ވަދެގެން، ސިޑިން ފަހަރަކު ފަންގިފިލާއަކަށް އަރަން ފެށީމެވެ. ކޮންމެ ކްލާސް ރޫމެއް ކައިރިއަށް ހިނދުކޮޅަށް ސަލާމް މަޑުކޮށްލަ އެވެ.

"މި [މަޑުކޮށްގެން ތިބި] އާ އިމާރާތުގަ ކިޔެވުމުގެ ފުރުސަތެއް [އަޅުގަނޑަކަށް] ނުލިބޭ. އެކަމަކު، މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު. މި ފެންނަ ކްލާސް ރޫމުތަކަކީ އަޅުގަނޑު ކިޔަވައިދޭން ވަދެ ނުކުމެ ހެދި ތަންތަން. [އެ ދުވަސްވަރުގެ މަންޒަރުތައް] ކުލަކޮށް އަޅުގަނޑަށް ހަމަ ފެންނަ ކަހަލަ،" ތައުލީމީ ދާއިރާއަށް ހިތް ޖެހި އެ ހިދުމަތުގައި ވިއްސަށް ވުރެ ގިނަ އަހަރު ދެމިހުރި ސަލާމް ބުންޏެވެ.

ކަނދޮޅުދޫ ސަލާމް، 40 އ، އަދަދުގެ ޑޮކިއުމަންޓްރީއަށް އިންޓަވިއު ދެމުން - ފޮޓޯ: މިރާން ނާޝިމް / އަދަދު


ސަލާމް ބުނި ގޮތުގައި އެ ސްކޫލް އިމާރާތަކީ އޭނާ ކިޔެވި ދުވަސްވަރު ހުސް ބިމެކެވެ. ރަށު މީހުން އެކި ކުޅިވަރު ކުޅެން ނުކުމެ އުޅުނު ތަނެވެ. ވޮލީ ބޯޅަ ދަނޑެއް ހުރި ހަނދާންވާ ކަމަށް ބުންޏެވެ. އޭނާ ވެސް ރައްޓެހިންނާ އެކު އެ ބިމަށް ގޮސް އެކި ސަކަރާތްތައް ޖެހި ހަނދާންވެ އެވެ. އޭގެ ކުރިން ރަށު ކުދިން ކިޔަވަން ގޮސް އުޅުނު އިމާރާތް، ސްކޫލުގެ އިމާރާތާ ޖެހިގެން ހުއްޓެވެ.

"ސްކޫލުގެ ބެލްކަނީގަ ހުރެ ކުރިމައްޗަށް ބަލާއިރު ތިޔަ ފެންނަނީ އަޅުގަނޑު ކިޔެވި ސްކޫލް، މިހާރު ފެންނަ ގޮތަކަށް ނޫން އެ ސްކޫލް ހުންނާނީ އޭރު، ފުރާޅުގަ ނޫ ކުލައިގެ ޓިނު ޖަހައިފަ، ފުރަތަމަ ފްލޯގަ ހުންނާނީ ފިލާ ޖަހައިފަ. އެ ފިލާގެ މަތީގަ ދެ ކުދިންނަށް ތިބެވޭ ކަހަލަ ކުދިކުދި ޑެސްކްގަ ކިޔަވަމުން ދިޔައީ،" ސަލާމުގެ ސްކޫލް ދުވަސްވަރުގެ ހަނދާންތައް ތާޒާކުރަމުން ބުންޏެވެ.

ސްކޫލް އިމާރާތުގެ ތެރެ ބަލަމުން ދަނިކޮށް، ދަތުރުގެ ތިންވަނަ ބައިވެރިޔާ އާމިނަތު ސޮލާހު ކިޔެވި ކްލާސް ރޫމާ ހަމައަށް ދެވުނެވެ.

"ގްރޭޑް ހަޔަކުން ގްރޭޑް 10 ނިންމީ މި އާ އިމާރާތުގައި، މި ވަގުތު ހުއްޓިލައިގެން މި ހުރެވުނީ އަޅުގަނޑު ކިޔެވި ކްލާސް ރޫމު ކުރިމަތީގައި، ވަރަށް ހަނދާންވޭ، މިހެން ކްލާސް ރޫމު ފެނުނީމަ، އޭރު ރައްޓެހިންނާއެކު، ކްލާސް ކުދިންނާ އެކު ކުރި މަޖާ ކަންކަން، ދަސްކުރި އާ ކަންކަން،" މިހާރު ރަށު ކައުންސިލް މެންބަރެއްގެ ގޮތުގައި ދުވާފަރަށް ހިދުމަތް ކުރައްވަމުން ގެންދަވާ އާމިނަތު ވިދާޅުވި އެވެ.

ސްކޫލް ދުވަސްވަރު ބައެއް ހަނދާންތައް ވެސް އޭނާ ހިއްސާކޮށްދެއްވި އެވެ. އެންމެ ހަނދާންވާ އެއް ދުވަހަކީ އިސްތަށިގަނޑު ގަތައިގެން އަންހެން ދަރިވަރުން އައުމަށް ސްކޫލުން އިރުޝާދު ދީފައިވީ ނަމަވެސް ނުގަތާ ސްކޫލަށް އައި ދުވަހެއްގައި ލިބުނު އަދަބެވެ. އެއީ ސިޑި މަތީ ބަހައްޓައިގެން ހުރެ އޭނާގެ އިސްތަށިގަނޑު ގަތަން ބެއިންދުމެވެ.

"އޭގެ ކިތަންމެ ދުވަހެއް ހަނދާންވޭ، މިހާރު މިހެން އަންނަ ދަތުރުގައި ވެސް، ސްކޫލް މައްޗަށް އަރާ ފޮޓޯ ނަގާލާ، އަޅުގަނޑުގެ ދަރިންނަށް ވެސް، މިއީ މަންމަ ކިޔެވި ސްކޫލޭ، އެ ސްކޫލުގަ ވެސް ކިޔެވީމޭ، ކުޑަކުޑަ ތަންކޮޅުތަކުގަ ވެސް ބަށި އެއްޗެހި ކުޅުނޭ، ވޮލީ ކުޅުނޭ، ދައްކާލާ ހަދަން،" އާމިނަތުގެ އިހުސާސްތައް ކަނދޮޅުދޫއާ ގުޅިފައިވާ މިންވަރު ބަޔާންކޮށްދެއްވަމުން ވިދާޅުވި އެވެ.

ކައުންސިލަރު އާމިނަތު ސޮލާހު، 40 އ، އަދަދުގެ ޑޮކިއުމަންޓްރީއަށް އިންޓަވިއު ދެމުން - ފޮޓޯ: މިރާން ނާޝިމް / އަދަދު


ބާ އިމާރާތުގެ ކިޔެވި ދުވަސްވަރާއި އާ އިމާރާތް އަޅަމުން ދިޔަ ދުވަސްވަރުގެ ހަނދާންތައް ދަތުރުގެ ތިން ބައިވެރިން ވެސް ކިޔައިދެމުން ގެންދިޔަ އެވެ. އާ އިމާރާތަކީ، އެއީ އެ އެންމެން ވެސް އެ ދުވަސްވަރު ވަރަށް އިންތިޒާރު ކުރަމުން ދިޔަ ކަމަކެވެ. ޝަމްލާ ބުނި ގޮތުގައި އާ އިމާރާތަށް އޭނާއަށް ވަދެވުނީ ފުރަތަމަ ދަރިފުޅުގެ ބެލެނިވެރިޔެއް ގޮތަށެވެ.

"ވަރަށް އިންތިޒާރު ކުރި އިމާރާތެއް އެއީ، ރަށުގެ ޖާގަ ނެތް ހެން ސްކޫލުގަ ވެސް ނެތް މާ ޖާގައެއް އެއިރަކު، މި ސްކޫލަށް އާދެވުނީ ބެލެނިވެރިޔެއް ގޮތަށް، އަޅުގަނޑުގެ ފުރަތަމަ ދަރިފުޅު ގްރޭޑް 1 އަކަށް ވައްދަން، އޭރު ހިތަށް އެރި އަޅުގަނޑުމެން ކިޔެވީ މިހާ ރީތި ސްކޫލަކު ނޫނޭ، ދަރިފުޅަށް އެ ނަސީބު އެބަ ލިބެއޭ،" ޝަމްލާ ބުންޏެވެ.

ސްކޫލް އިމާރާތް ބަލައި ނިމުމުން، ކޮންމެ ބައިވެރިއެއްގެ ގެއާ ދިމާއަށް ދެން ދިޔައީމެވެ. ކަނދޮޅުދޫއަށް މިހެން އައިސް އުޅުނު ނަމަވެސް އެ ދުވަސްވަރު ދިރިއުޅުނު ގެއާ ދިމާއަށް ވަރަށް ނުދާ ކަމަށް ދަތުރުގެ ބައިވެރިން ބުންޏެވެ. އެއް ކަމަކީ ގަސްގަސް ހެދިފައި ހުރި ގޮތުން މިހާރު ގެއާ ހަމައަށް ދިއުން އުނދަގޫ ވުމެވެ. ނަމަވެސް މި ދަތުރުގައި އެ ހަނދާންތައް ތަޒާކޮށްލަން ބޭނުންވެ، ދިރިއުޅޭ ގެ ބަލައިލަން ދިޔައީ އެވެ.

"ފުރަތަމަ ފަހަރަށް، ސުނާމީއަށް ފަހު ދިރިއުޅުނު ގެއަށް މި އާދެވުނީ، ވަރަށް އުފާ ވެސް ވޭ މިހެން ދަތުރެއްގައި އާދެވުނީމަ،" ކައުންސިލަރު އާމިނަތު ދިރިއުޅުއްވި ކޮޓަރީގެ ދޮރާ ހަމައަށް ވަޑައިގެން ވިދާޅުވި އެވެ.

ސުނާމީ އެރި ދުވަހު އާމިނަތު އުޅުއްވީ އޭނާގެ މަންމަގެ ގޭގަ އެވެ. އެއީ އޭނާ އާންމު ގޮތެއްގައި އުޅުއްވި ފިރިމީހާގެ ގެއާ މާ ދުރެއް ނޫނެވެ. އެ ގޭގައި އަދިވެސް އޭރު ހިފައި ގެންގުޅުނު ބައެއް ތަކެތި ހުއްޓެވެ. އެ ތަކެތީގެ ތެރެއިން ހަނދާނުން ފިލަން ދަތިވާ، ކާ ތަށްޓެއް ފެނިގެން، ހަނދާނެއްގެ ގޮތުގައި ބައިންދަން ވެގެން އެ ތަށި އޭނާގެ ދަބަހަށް ލި އެވެ.

"މިއީ ދެން ވަރަށް ހާއްސަ ތަށްޓެއް، ގޭގަ އުޅުނު އެންމެން ވެސް އޮޅުލާނީ މި ތަށިން ކާން، މި ތަށި ގެންދާނަން، ދުވާފަރަށް ދާއިރު، މަންމައަށް ދައްކާލަން، ދެން ހަނދާނަކަށް ވެސް ބައިންދަން،" އަހަރުތަކަކަށް ފަހު މަންމަގެ ގެއަށް އައުމުން ލިބުނު ހިތްހަމަޖެހުމާއެކު، ތަށި ނަގަމުން އޭނާ ވިދާޅުވި އެވެ.

ކުޑަކުޑަ ރަށެއްގައި އޭރު ތިންހާހެއްހާ މީހުން ތޮއްޖެހިފައިވާ ތުރާލުގެ އެތައް ކަމެއް ހަޔާތުގައި އޮތް ނަމަވެސް ރަށު މީހުނަކީ މަސައްކަތްތެރި، ހަރަކާތްތެރި، އަދި ހިތްވަރުގަދަ ބަޔެކެވެ. ކަނޑުމަހުގެ މަސްވެރިކަމުން ފާނަ މަސްވެރިކަމާއި ލަނޑާ މަސްވެރިކަމަށް އޭރު ވެސް މަޝްހޫރު ރަށެކެވެ. ހަވާދު ހެދުމާއި، ކެއްކުމަށް ވެސް ފޯރި ހުރި ރައްޔިތަކު އުޅޭ ރަށެކެވެ.

ހިތްހަމަޖެއްސުމަށް ރަށުގެ ކުދި ޖާގަތަކުގައި ކުޅިވަރު ކުޅެ ހެދިއިރު، އާންމު ބައެއް ކުޅިވަރުތައް ކުޅެލަން ކޮންމެ ދުވަހަކު ގޮތަކަށް ކައިރީ އޮންނަ ފަޅު ރަށްރަށަށް ވެސް ގޮސް ހެދި ބަޔެކެވެ. އެންމެ ކައިރީގައި އޮންނަ ބަނޑަވެރި އާއި އެ ރަށުގެ އުތުރަށް އޮންނަ ފަޅެއްގައިވާ ވަށްފަރަށެވެ. އެހާ ވެސް ހިތްވަރުހުރި ހަރަކާތްތެރި ރައްޔިތުންތަކެކެވެ.

ޝަމްލާގެ ގެއާ ހަމައަށް ދިޔައިރު މި ހަނދާންތަކުގެ ވާހަކައަށް ދިޔައީ، ހުޅަނގު މޫސުންތަކުގައި އޭނާ އުޅޭ ގެއަށް އުދަ އަރާ ވާހަކަ ވެސް ހިއްސާކުރި ހިސާބުންނެވެ. ހުޅަނގު މޫސުމުގައި ހުޅަނގު ބިތުގެ ގެތަކަށް އުދައިގެ އަސަރު ކުރާ ކަމަށް ބުންޏެވެ. އިރުވައި މޫސުމުގައި އިރުމަތީ ގެތަކަށް އޭގެ އަސަރު ކުރެ އެވެ. ގެއަށް ފެން ވަދެދާނެތީ، ގެންގުޅޭ ތަކެތި އުސް ތަނެއްގައި ބަހައްޓާ އުޅުނު ހަނދާންތައް ހިއްސާކުރި އެވެ.

"ދޮން ހަންތަކަށް ފެން އަޅައިގެން ކަރަންޓު އެއްޗެހި މެޝިނު ވެސް ދެން ހުރި އެއްޗެހި މަތިކުރަން ވެގެން އުޅޭނެ، އެހެން އުދަ އަރާ ކޮންމެ ފަހަރަކު، އަބަދުވެސް އުޅެމުން އައި ހާލު އެއީ،" ޝަމްލާ ކިޔައިދިނެވެ.

ޝަމްލާގެ ގެއަކީ، އަނެއް ދެ ބައިވެރިންގެ ގެ ގޮތަށް ސިމެންތި ގަލުން މުޅި ގެ ރާނާފައިވާ ގެއެއް ނޫނެވެ. ވަށާފާރު ހުރީ ވަރަށް ވެސް ތިރިކޮށެވެ.

"ދެ ފޫޓު ތިން ފޫޓާ ހިސާބަށް ރާނާފައި، ދަގަނޑު ހޮޅިން ޖަހާ ސިމެންތި ޓިނު ނޫނީ ފިލައިން ގޭގެ އެކި ތަންތަން ބައިކޮށްފަ. އަނެއްހެން، ސިމެންތި އެޅި ގަލުން ރާނާފައެއް ނޫން،" ޝަމްލާ ބުންޏެވެ.

ސަލާމުގެ ގެއަކީ ތިން ކޮޓަރިއާއި ގޭތެރެއިން ވަންނަ އިރު ބޮޑު ހުސް ޖާގައެއް ވެސް ހުރި ގެއެކެވެ. ކޮންމެ ކޮޓަރިއެއްގައި ފާހަނާއެއް ހުރި އިރު ބޭރުގައި ވެސް ފާހަނާއެއް ހުއްޓެވެ. މިއީ ސަލާމު ކައިވެނި ވެސް ކުރި ފަހުން، ދިރިއުޅެން ފެށި ގެއެކެވެ. ކަނދޮޅުދޫގެ ފަހުގެ ތާރީހެއްގައި ހަދާފައި ހުރި ގެއެއް ކަން، ބަލައިލުމުން ވެސް ވަޒަން ކޮށްލެވުނެވެ.

ކަނދޮޅުދޫ މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: މިރާން ނާޝިމް / އަދަދު


ރާޅުގެ ތަޖުރިބާއާއި އެ ހަނދާންތައް

ސުނާމީގެ ތަޖުރިބާ ހިއްސާކުރަމުން އެންމެން ވެސް ވާހަކަ ފަށަނީ އުދައިގެ ތަޖުރިބާ ބުނެދެމުންނެވެ. އަބަދުވެސް ކޮންމެ ވެސް ހިސާބަކަށް އުދަ އަރާ ރަށަކަށް ވާތީ، ސުނާމީ ދުވަހު ވެސް ފެންގަނޑު ފެނިގެން އެންމެން ވެސް ހީކޮށްގެން ތިބީ އެ ގޮތަށެވެ. ހުޅަނގުގެ މޫސުމަށް ވީތީވެ ޝަމްލާ ވެސް ގަބޫލުކޮށްގެން ހުރީ އެ ގޮތަށެވެ.

"ކަރަންޓުން ބޭނުންކުރާ އެކި ސާމާނުތައް މަތީގައި ބަހައްޓަން، ފެނުގެ އަސަރު ނުކުރާ ހިސާބަށް، އެ ކަން ކުރަން ގޭގަ އެހެން ހުއްޓަ ބޭބެ މަގުން ދަމުން ގޮވާލާފައި ބުނީ އަވަހަށް ގެއިން ނުކުންނާނީ، ސުނާމީ އަރަނީއޭ، ދެން އަޅުގަނޑު ބުނިން ކޮން ސުނާމީއެއް ހެއްޔޭ، މިއީ އުދައޭ، އަޅުގަނޑަށް ދޭހަވާނީ އެހެންތާ،" ޝަމްލާ ބުންޏެވެ.

ސުނާމީގެ ފުރަތަމަ ރާޅު އެރި ވަގުތު އާމިނަތު ހުންނެވީ މަންމަގެ ގޭގަ އެވެ. އޭނާ ވެސް ފުރަތަމަ ހީކުރީ އެއީ އުދަ ކަމަށެވެ.

"އަޅުގަނޑުގެ ކޮއްކޮއެއް އުޅޭ ދޮށި ހިފައިގެން މަސް ބާނަން ވާޓަރު މައްޗަށް ގޮސް. އޭރު އިރުކޮޅަކުން އޭނަ ގެއަށް އައިސް އެބަ ބުނޭ މަންމާއޭ ބޮޑު ރާޅެއް އަރައިފިއޯ. މަންމަ ބުނެފި، ވަރަށް ކަނޑު ވެސް މަޑޭ، ދެން ކުޑަ ދަރިފުޅު ގޮވައިގެން ބޭރަށް ނުކުމެ ބެލި އިރު ހުރިހާ މަގެއްގަ ފެން ބޮޑުވެފަ. އަޅުގަނޑު ވެސް ހީކުރީ އުދަ އެރީއޭ." ފުރަތަމަ ރާޅު އެރި ވަގުތު އައިމިނަތު ހުންނެވި ގޭގެ ތެރެއަށް ވަންނަވަމުން ވިދާޅުވި އެވެ.

ޝަމްލާ ބުނި ގޮތުގައި ފެންގަނޑު އައި ދިމާއެއް ވެސް އޭނާއަކަށް ނޭނގެ އެވެ. މުޅި ގޭތެރޭގައި ފެން ބޮޑު ވެއްޖެ އެވެ. ސަލާމަތް ވާން ވެގެން ފުރަތަމަ ހިފީ ފަންކާގަ އެވެ. އިރުކޮޅެއް ފަހުން ދޯންޏެއް ވެސް ގޭތެރެއަށް ބީއްސަލާއި އެތައް ހާނިކައެއްވީ ފަހުން، ހިފުނީ ގޭގެ ދިޔަދޮވީގަ އެވެ. ބޭރުން ބަޔަކު ފެންނަން ދެން ކެތްތެރިކަމާއެކު އޭގައި ހިފަހައްޓައިގެން އޭނާ އޮތީ އެވެ.

"އަލިބެ ހުރި ފުރާޅު މަތީގައި. ދެން ހަނދާންވީ ދަރިން މަތިން. އަލިބެ ކައިރީގައި އެހީމަ ބުނި ދޮންބޭބެމެން ގޭގައޭ ތިބީ. ފުރަތަމަ ރާޅާއެކު ގެންގޮސްފިއޭ. ހިއެއް ނުވެއޭ ދެން ކުދިން ސާލަމަތްވާނެ ހެނެއް." ހިތާމަވެރި އިހުސާސްތަކާއެކު ވެސް ބޭރުފުށަށް ގަދަ ހިތްވަރު ދައްކައިގެން ހުރެ ޝަމްލާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ދަރިން ތިބީ އޭނާގެ ދޮންބޭބެގެ ގޭގަ އެވެ. އެހެންވެ އެކި ގޭގޭގެ ފުރާޅު މަތީން ދަރިން ހޯދަން ދުވީ އެވެ. އޭރު ފުރާޅުމަތިން އޭނާއަށް ފެނުނު މީހާއާ އެކީ އެވެ. އަދި ދޮންބޭބެގެ ގޭގެ ތެރެއަށް އެ މީހަކު ވަދެ ބެލި ވެސް މެ އެވެ. އެކަމަކު ދަރީންނެއް އެ ތަނަކު ނެތެވެ. އެ ވަގުތު މުޅި ހިތަށް ވެރިވީ ބިރުވެރިކަމާއި ހާސްކަމާއި މޮޅިވެރިކަމެވެ. އެ އިހުސާސްތައް ބުނެދޭން ވެސް އޭނައަށް ދައްޗެވެ.

"މީހުންތައް މިސްކިތް ދޮށަށް ދާތީވެ އަޅުގަނޑު ދިޔައީ މިސްކިތް ދޮށަށް. މިސްކިތުގެ ކައިރީގައި މި ތިބީ ތިން ކުދިން އެކުގައި. ކުޑަ ދަރިފުޅު ވެއްޓެން ވެސް ވެއްޓުނީ. މާ ބޮޑަށް ދެރަވީ. މަންމަ ނުފެނުނީމަ." ޝަމްލާ ބުންޏެވެ.

ޝަމްލާ، 49 އ، އަދަދުގެ ޑޮކިއުމަންޓްރީއަށް އޭނާ ދިރިއުޅުނު ގެ ކައިރީ މަޑުކޮށްލައިގެން - ފޮޓޯ: މިރާން ނާޝިމް / އަދަދު


ފުރަތަމަ ރާޅުން، އެރި ފެންގަނޑު ހިނދުމުން އާމިނަތު ވަޑައިގަތީ ބަނދަރު ކައިރިއަށެވެ. އޭނާގެ ކުޑަ ދަރިފުޅު ވެސް ގޮވައިގެންނެވެ. އެ ތަނުގައި އޭނާގެ މައިދައިތަ ވެސް ގޮސް ހުއްޓެވެ. ބަނދަރުގައި އޭރު ޖަހާފައި ހުރި މަސް ކައްކަން ބޭނުންކުރާ މަށިގަނޑަށް މަސްތައް އަޅާށާ ވެސް އެކުގަ އެވެ. އެ ދަނޑިވަޅު ރާޅު އާރާ ތަން ފެނި، ރައްކާތެރި ހިސާބަކަށް ދިޔުމަށް އެންމެން ވެސް އަވަސް ވެގަތް ކަމަށް ވިދާޅުވި އެވެ.

"މިސްކިތާ ހަމައަށް ދާން ފެންގަނޑު ތެރޭގައި ހިނގަމުން ފަތަމުން ދިޔައީ، ދަރިފުޅު ކޮނޑަށް ލައިގެން، ނޭފަތާ ހަމައަށް ފެން ހުރީ، މި ދެވެނީ ކޮންތާކަށް ކަމެއް ވެސް ނޭނގެ ފަހުން ފަހުން،" ލޮލުން ކަރުނަ އައި ނަމަވެސް ހިފެހެއްޓުމަށްފަހު، އެ ހިތްދަތި ވަގުތުކޮޅު އާމިނަތު ސިފަކޮށްދެއްވަމުން ގެންދެވި އެވެ.

އެހެން ދަމުން ގާގަނޑެއްގައި މަންމަ އާއި އާއިލާގެ އެހެން ތިއްބައި އާމިނަތަށް ފެނުނު ވާހަކަ ވެސް ވިދާޅުވި އެވެ. އެކަމަކު އޭރު ދެ ކުދިންނާއެކު އަންހެނަކު ބަންޑުން ވެއްޓުމުންނާއި ކޮއްކޮއަކު ވަޅަކަށް ވެއްޓުމުން އާމިނަތަށް އުޅެވުނީ އެ މީހުން ވެސް ސަލާމަތް ކުރެވޭތޯ އެވެ.

"ދެން ކޮންމެ ވެސް ބާރެއް ﷲ އަޅުގަނޑުމެންނަށް ދެއްވާފައި އޮތީ، އެކަލާނގެއަށް ހަމްދު ކުރަން، އެންމެން ވެސް ސަލާމަތްކޮށް ފެންގަނޑު ތެރޭގައި އެބަ ދެވޭ،" އާމިނަތު ވިދާޅުވި އެވެ.

އާމިނަތު ވިދާޅުވި ގޮތުގައި ސުނާމީ އެރި ވަގުތު ކޮންމެ ވެސް އެއް ގެއަކަށް މާ ބޮޑު އަސަރެއް ނުކުރެ އެވެ. ފެންގަނޑު ހިދެން ދެން އޭނާ އާއި އޭނާގެ އާއިލާގެ އިތުރަށް އަދިވެސް ރަށުގެ ބައެއް މީހުން މަޑުކޮށްގެން ތިބީ އެ ގޭގަ އެވެ.

"އެހެން ދަނިކޮށް ފިރިހެނަކު އަތުގަ ހިފައިގަ ގެއަކަށް މި ވެއްދީ. ވެއްދި ގަޑީގަ މަންމަމެން ވެސް ފެނުނީ އެ ތަނުން. ފެނުނީމަ ކުޑަކޮށް ހިތްހަމަނުޖެހުނު. މި ތަނުގަ މި މަންޒަރުތައް ކިޔައިދޭ އިރު ލޯ މައްޗަށް ހަމަ ސިފަވާހެން ހީވަނީ،" ރަށުގެ ބޮޑު މަގުގައި މިހާރު ފަޅާފައި އެތައް ގަހަކާ ދިމާއަށް ބައްލަވަން ހުންނަވާ، އެ ދުވަހުގެ ހަނދާންތައް އާމިނަތު އިތުރަށް ކިޔައިދެއްވަމުން ވިދާޅުވި އެވެ.

ކައުންސިލަރު އާމިނަތު އޭނާގެ ދިރިއުޅޭ ގެ ކައިރީ މަޑުކޮށްލައިގެން - ފޮޓޯ: މިރާން ނާޝިމް / އަދަދު


އެ ވަގުތު ސަލާމަށް ވެސް ހުރެވުނީ އޭނާގެ ގޭގަ އެވެ. ގޭގެ ދޮރު ކުރިމަތީގަ އެވެ. އޭނާގެ ކޮއްކޮއާއެކު އެކި ވާހަކަ ދައްކަން އެ ވަގުތު ތިބީ އެވެ. ކުއްލިއަކަށް ފެންގަނޑު އެރުމާއެކު ކޮއްކޮ ބޭރަށް ދަމާލި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ހިތްވަރާއެކު ކުރި މަސައްކަތުން ކޮއްކޮ ގޭގެ އެތެރެއަށް ގެނެވުނެވެ. އޭނާ ކިޔައިދިން ގޮތުން ނަމަ، އޭނާގެ އާއިލާ ވެސް ސަލާމަތްވުމުގައި ނަސީބު ދައުރެއް އަދާ ކުރި އެވެ.

"އަޅުގަނޑު ދެން ދޮރުގެ ކަނީގަ އަތް އަޅައިފަ، އެރީ މައްޗަށް، ޝީޓު މައްޗަށް، ނަސީބަކުން ހަރުގަނޑެއް ހުންނާނެ ގޭ ތެރޭގަ، އެ ހަރުގަނޑުން އެރޭނެ ޝީޓު މައްޗަށް، އާއިލާގެ ބާކީ ތިބި މީހުނަށް އަޅުގަނޑު އިރުޝާދު ދެމުން ދިޔައިން އެ ގޮތަށް ޝީޓު މައްޗަށް އަރާށޭ،" ސަލާމް ބުންޏެވެ.

ފެންގަނޑުން ހިނދެން ދެން ސަލާމްގެ އާއިލާ ތިބީ ޝީޓު މަތީގައި ކެތްތެރިކަމާއެކުގަ އެވެ. ސަލާމް ބުނި ގޮތުގައި އާއިލާގެ އެންމެނަށް ވެސް މިނެޓަކަށް ފަހު މިނެޓަކު، ފެންގަނޑު ކުރިން ހުރި ވަރަށް ތިރިވަމުން އަންނަކަން ފާހަގަވި އެވެ. ކެތްތެރިކަމާއެކު ފުރާޅުގެ ޝީޓު މަތީ ތިބީ އެހެން ވެގެނެވެ.

ސަލާމް، އޭނާ ކަނދޮޅުދޫގައި ދިރިއުޅެމުން ދިޔަ ގޭގެ ތެރޭގައި މަޑުކޮށްލައިގެން ވާހަކަ ދައްކަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު


ދެވަނަ ރާޅުގެ ފެންގަނޑު ހިނދުމާއެކު ރަށުގެ އެންމެން ވެސް ގޮސް ތިބީ މިސްކިތުގަ އެވެ. އިތުރު ރާޅެއް އައިސްދާނެ ކަމަށް ދެކި، ދެ ރާޅުން ވެސް އެއްވެސް އަސަރެއް ނުކޮށް ހުރި ރަށުގެ ހުކުރު މިސްކިތަށް ޖަމާވާން ރަށު އޮފީހުން ވެސް ދިޔައީ އަންގަމުންނެވެ. ރަށުން ފޭބުމުގެ ވިސްނުން ނޫން ވިސްނުމެއް ދެން ނަ އެވެ. މިސްކިތުގައި ތިބި އެންމެން މަސައްކަތް ކުރީ ދެން އެ ކަމަށެވެ.

ނަސީބު ދިމާކުރި ގޮތުން އެންމެ އަވަހަށް ރަށުން ފާބައިގެން ދިޔަ އެކަކަކީ ޝަމްލާ އެވެ. އޭނާ މިސްކިތަށް އާދެވުނު އިރު މިސްކިތް ދޮރު މަތީ ތިބީ އޭނާގެ ތިން ދަރިންނާއި މައިންބަފައިންނާއި އާއިލާ މީހުން ތިބި ތަނެއް އެ ވަގުތު ނޭނގި ތިބި އެތައް ކުދީންނެކެވެ.

ޝަމްލާ ދިޔައީ ދަރީންނާއި އެ ވަގުތު ދިމާވި އެ ކުދިންނާ ވެސް އެކު ބަނދަރު މައްޗަށެވެ. ފީވަކުގައި އުޅޭ ޝަމްލާގެ ގާތް އެކުވެރިންތަކެއް ދޯންޏެއްގައި ދަނިކޮށް ފެނިގެން އެހީއަކަށް ގޮވަން ފެށީ އެވެ. ދޯނީގައި ތިބި މީހުނަށް ޝަމްލާ ފެނި ބަނދަރާ ދޯނި ގާތްކޮށްފި އެވެ. ރަށުން ފައިބައިގެން ދާން ކުދިންތައް އާދޭސް ކުރާތީ، ޝަމްލާ ދިޔައީ އެ ކުދިންތައް ގޮވައިގެން އޭނާ އެ އަތޮޅު މީދުއަށް ދިޔައީ އެވެ.

"ފީވަކަށް ދާން ހިނގާށޭ ބުނީމަ އަޅުގަނޑު ބުނި އެ މާ ދުރޭ. ގެންގޮސްދޭށޭ މީދޫއަށް، އެކުވެރިން ވެސް ތިބޭނޭ، ދެން ގެންގޮސްދީފި، އޭރު ވަރަށް ގިނަ ކުދިން ދިޔަ، އެ މީހުނަށް އެ މީހުންގެ މަންމަ ބައްޕަ އާއިލާ އެހެން މީހުން ތިބި ތަނެއް ނޭނގެ، ކަމެއް ވެގެން އުޅޭ ކަން މީދޫ މީހުނަށް ވެސް އެނގުނީ ދެން، އެ ރަށުން މަޑުއްވަރީ ކަތީބާ ވެސް ދިމާވި، މަޑުއްވަރީއަށް ވެސް ދެން ކަނދޮޅުދޫގެ ހަބަރު ގޮސްފި،" ޝަމްލާ ބުންޏެވެ.

ރ. ދުވާފަރުގެ ހިތްފަސޭހަ މާހައުލެއްގައި އިސް ރަށްވެއްސަކު ހިނގާފައި ދަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު


ރަށުގެ ތިންހާހެއްހާ މީހުން މިސްކިތުގައި ތިބި ދުވަސްވަރު، ޒުވާން ބައެއް ފިރިހެނުންނާއި ހަކަތަ ހުރި ދޮށީ ބައެއް ފިރިހެނުން މަސައްކަތް ކުރަމުން ދިޔައީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ނިދަން ބޭނުންވާނެ ކުނަލާއި ގޮދަޑި އާއި ބާލީހުގެ އިތުރަށް ކާން ބޭނުންވާނެ އެކި ތަކެތި ގެނެސްދިނުމުގަ އެވެ. ކަނދޮޅުދޫ ސަލާމް ސޯއަކީ އެ ކަމަށް އިސް ނެގި އެކަކެވެ.

"ފުދޭ ވަރަކަށް އެހީތައް ވެސް ލިބެމުން އައީ އަޅުގަނޑުމެންނަށް، ކައިރި ރަށްރަށުން ވެސް، ފެނާއި އެކި ކަހަލަ ބުއިމުގެ ފުޅިއާއި، ބިސްކޯދާ، އަޅުގަނޑުމެން އުޅުނީ އެ އެއްޗެހި މި ތަނަށް ގެނައިމަ، އެކިއެކި އާއިލާތަކަށް ދޭން، ކޮންމެ އާއިލާއަކަށް، ކޮންމެ މީހަކަށް ވެސް ލިބޭ ކަން ޔަގީން ކުރަން، ގޭގެއިން އެ މީހުންގެ ތަކެތި މިސްކިތާ ހަމައަށް ގެނެސްދޭން ވެސް އެހީތެރިވަމުން ދިޔައިން،" ސަލާމް ބުންޏެވެ.

ސަލާމް ބުނި ގޮތުގައި ވަރަށް ބަލި ހާލަތު ދެރަވެފައި އެއް ބަޔަކު ތިބި އިރު، ބޮޑެތި ޒަހަމްތަކާއެކު ވެސް ބައެއް މީހުން މިސްކިތުގެ ތެރޭގައި އެ ދުވަހު ތިއްބެވެ. ސަލަމާއި އަދިވެސް ޒުވާން ބައެއް މީހުނަށް "ފަސްޓް އެއިޑް" ގެ ހިދުމަތް ދޭން ތަމްރީނުވެފައި ވާތީ އެ މަސައްކަތް ވެސް ކުރި އެވެ.

"ވަރަށް ހާލު ބޮޑު މީހަކާ އަޅުގަނޑު ދިމާވި، އޭނާގެ އުނަގަނޑު މަތިން ވަރަށް ބޮޑަށް ކަފައިގެން ގޮސްފަ ހުރީ، އަޅުގަނޑާއި އަޅުގަނޑުގެ ރައްޓެސަކާ އެކު އޭނައަށް ފަސްޓް އެއިޑް ދިން ހަނދާން ވެސް އެބަ ހުރި،" އޭނާ ބުންޏެވެ.

ދުވާފަރު މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: މިރާން ނާޝިމް / އަދަދު


ކަނދޮޅުދޫ މީހުން އެ ދުވަސްތައް ވޭތުކުރަމުން ދިޔައީ އެއްވެސް ހިދުމަތެއް ނުލިބި އެވެ. ކަަރަންޓުގެ ހިދުމަތް ވެސް ނެތި، ކަނު އަނދިރިކަމެއްގެ ތެރޭގަ އެވެ. ރަށުގެ އެންމެން ކައިރި އެހެން ރަށްތަކަށް ބަދަލުވެ ނިމެން ހަތަރު ދުވަސް ނެގި އެވެ. އެކި އާއިލާތައް އެކި ދުވަސް މަތިންނެވެ. އެ އަތޮޅު ހުޅުދުއްފާރު، އުނގޫފާރު، އަލިފުށި، މީދޫ، މިހެން ގޮސް އެކި ރަށްތަކުން ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނެވެ.

އޭރުގެ ސަރުކާރުން ކަނދޮޅުދޫ މީހުނަށް ތައްޔާރުކޮށްދިން، ޒަމާނީ ފެންވަރަކަށް މިއަދު އުމްރާނީ ތަރައްގީ ލިބިގެން ހިމޭން ޖައްވެއްގައި އެ އަތޮޅު ދުވާފަރުގައި އެ ރަށު މީހުން ދިރިއުޅެމުން މިއަދު އައި ނަމަވެސް، ކަނދޮޅުދޫގެ އެ ހަނދާންތަކާއި އެ ރަށަށް އޮތް ލޯބި އެ ހިތްތަކުން ފިލައެއް ނުދެ އެވެ. އޭގެ ހެއްކަކީ، މިހެން ލިބޭ ފުރުސަތެއްގައި، އެ މީހުން ޒިޔާރަތްކުރާ އުފާވެރި މަންޒިލަކަށް އޮންނަނީ ކަނދޮޅުދޫ އެވެ.

ރާއްޖޭގައި އެއްބައިވަންތަ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ މި ދުވަހު މިއީ އޭގެ އެންމެ ބޮޑު ވާހަކަ އޮތް އެއް ރަށެވެ. މި ރަށް، ރަށުގެ މީހުނަށް ޓަކައި، ހަނދާނެއްގެ ގޮތުގައި ބާއްވަން ޖެހެ އެވެ. މާ ބޮޑު އެއްވެސް ބަދަލެއް ނުގެނެސް އަތޮޅަށް ޒިޔާރަތްކުރާ ދިވެހީންނާއި ބޭރުގެ ފަތުރުވެރީންނާއި އަންނަން އޮތް އެތައް ޖީލަކަށް، މި ފުރިހަމަ މިނުގައި އެ ވާހަކަތައް ކިޔައިދީ، ދައްކައިދޭން މިއީ ތާރީހީ ތަރިކައެކެވެ.