28 ޑިސެންބަރު 2023 - 08:48 2
ހަސަން މުހައްމަދު
28 ޑިސެންބަރު 2023 - 08:48 2
މި އަހަރު ތެރޭ ދިވެހިރާއްޖެއަށް އައި އެންމެ ބޮޑު ބަދަލަކީ ގައުމުގައި ވެރިކަން ކުރާނެ ވެރިޔާ ބަދަލުވުމެވެ. ފަސް އަހަރަށްފަހު، ވެރިކަން ކުރާނެ ބޭފުޅަކު ހޮވުމަށް ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި އާންމުންނަށް ފެނުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ހޮވުމަށެވެ.
ތަފާތު ނަޒަރިއްޔާތުތަކުން ބެލި ނަމަވެސް ރައީސް މުއިއްޒު ހޯއްދެވީ ތާރީހީ ކާމިޔާބީއެކެވެ.
އެއް ކަމަކަށް، ޕާޓީގެ ތާއީދު ހޯއްދެވުމެވެ. ހަނި ގޮތަކުން ވެސް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ/ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޓިކެޓު ހޯއްދެވުމެވެ. ދެ ވަނަ ކަމަކަށް ފުރިހަމަ އާރާއި ބާރުގައި ފަސް އަހަރު ވެރިކަން ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގައި ބަލި ކުރެއްވުމެވެ.
ގޮންޖެހުންތަކާ ކުރިމަތިލެއްވުމަށްފަހު، ހުރަސްތައް ގިރާކުރެއްވުމަށްފަހު އުމުރުފުޅުން 45 އަހަރުގައި ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިއިރު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަތީ އެންމެ 12 އަހަރެވެ.
ހަމަ ގައިމު ވެސް 2023 ވަނަ އަހަރު ރާއްޖޭގައި އެންމެ ވިދާލި ނަމަކީ ރައީސް ޑރ. މުއިއްޒެވެ. އެންމެ ބޮޑު ކުރިއެރުމެއް ހޯއްދެވީ އެމަނިކުފާނެވެ. މި ލިޔުމުގައި މި ބަލައިލަނީ ގައުމުގެ އެންމެ އުހަށް ރައީސް މުއިއްޒު ވަޑައިގަންނަވާ މި ހިނގާ 2023 ވަނަ އަހަރުގެ އެންމެ މަގުބޫލު ޝަހުސިއްޔަތަކަށް ވެވަޑައިގެންނެވި ގޮތުގެ މައްޗަށެވެ.
ރާއްޖޭގައި ވެސް އަދި ގިނަ އެހެން ގައުމުތަކުގައި ވެސް ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް އެ މަގާމަށް އާދެވެނީ، ލައްކަ ގިނަ ދުވަހުގެ މަސައްކަތުންނެވެ.
ރައީސް މުއިއްޒު ވެސް އެ މަސައްކަތް ފެށިތާ ދުވަސްތަކެއްވެއްޖެ އެވެ. އެމަނިކުފާނު ސިޔާސީ ކަންކަމުގައި އުޅުއްވާތީ ފެންނަން ފެށީ 2011 ވަނަ އަހަރު އަދާލަތު ޕާޓީގެ ތެރެއިންނެވެ. އެހެންކަމުން އެ މަނިކުފާނުގެ ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ ދާއިރާގައި 12 އަހަރު މަސައްކަތް ކުރެއްވުމަށްފަހެވެ.
ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ޕަބްލިކް ވޯކްސް އޮފީހުގައި މަސައްކަތް ކުރެއްވި އެވެ. ސަރުކާރުގެ އިތުރުން ބައެއް އަމިއްލަ ކުންފުނިތަކުގައި ވެސް އެމަނިކުފާނު މަސައްކަތް ކުރެއްވި އެވެ. އޭގެ ތެރޭގައި ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ހިމެނެ އެވެ.
ރައީސް ނަޝީދުގެ ވެރިކަން ވެއްޓިގެން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެކުލަވާލެއްވި ކެބިނެޓުގައި ހައުސިން މިނިސްޓަރެއްގެ ގޮތުގައި އެމަނިކުފާނު ޖާގަ ހޯއްދެވި އެވެ. އޭގެ ފަހުން މެދުނުކެނޑި ހަ އަހަރު، ދެ ވެރިކަމެއްގައި ރައީސް މުއިއްޒު ހުންނެވީ ހައުސިން މިނިސްޓަރުގެ މަގާމުގަ އެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި މެއި، 2021، ގައި މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް ވާދަ ކުރައްވައިި އެ އިންތިހާބު ކާމިޔާބު ކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރެއްވީ ވެސް އެ މަގާމުގައި ހުންނަވައިގެންނެވެ.
ވެރިކަން ކުރެއްވި އެހެން ބޭފުޅުންނާ އަޅާކިޔާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތީ 18 އަހަރު ސިޔާސީ ގޮތުން ހަރަކާތްތެރިވެވަޑައިގަތުމަށްފަހެވެ. ނޫސްވެރިކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ނަޝީދު ހުންނެވި އެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ސިޔާސީ އެކި މައްސަލަތަކުގައި 20 ފަހަރު ނަޝީދު ހައްޔަރުކޮށްފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމަށް ވަޑައިގަތީ 23 އަހަރު އެ ދާއިރާގައި އުޅުއްވުމަށްފަހެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ރައީސް ވަހީދު ވެސް ހުންނެވި އެވެ. ސަރުކާރުގެ ބައެއް ވަޒީފާތަކުގައި ވެސް ރައީސް ވަހީދު އުޅުއްވި އެވެ. އެގޮތުން ރައީސް އޮފީހުގައި ވެސް މަސައްކަތް ކުރެއްވި އެވެ އެންމެ ގިނަ ދުވަހު އުޅުއްވީ އދ. ގެ އެކި ވަޒީފާތަކުގަ އެވެ.
ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު ސިޔާސީ ވަޒީފާއަކަށް ނުކުންނެވީ އޭގެ 20 އަހަރު ކުރިންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން 20 އަހަރު ކުރެއްވި އެވެ. ބޭބޭފުޅު ރައީސް މައުމޫނުގެ ކެބިނެޓުގައި އެކި މަގާމުތަކުގައި ހުންނެވި އެވެ. މިނިސްޓާ އޮފް ޓްރޭޑްގެ މަގާމުގައި 11 އަހަރު ހުންނެވި އެވެ. އެސްޓީއޯގެ ޗެއާމަނަކަށް ވެސް ހުންނެވި އެވެ.
ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ 24 އަހަރު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވުމަށްފަހެވެ.
މި ހިނގާ ޑިސެމްބަރު މަހު ރާއްޖޭގައި ވެރިކަން ކުރައްވާނީ ރައީސް މުއިއްޒުކަން، މި އަހަރު ފެށުނުއިރު ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި އޮވެދާނެ ކަމަކަށް ނުބެލެވެ އެވެ.
ހުދު މުއިއްޒު ވެސް ވިދާޅުވަމުންދިޔައީ އެއިރުގެ އިދިކޮޅު ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށްވާނީ އެ ޕާޓީގެ ފަރާތުން 2013 އިން ފެށިގެން ފަސް އަހަރު ވެރިކަން ކުރެއްވި އަބްދުﷲ ޔާމީން ކަމަށެވެ.
"ފާޑުފާޑު ޕޯލްތައް ހަދާނެ ކަމެއްނެތް. އަހަރުމެންގެ ކެނޑިޑޭޓަކީ ރައީސް ޔާމީން!،" އެކްސްގައި ޔާމީންގެ އެކައުންޓު ޓެގު ކުރެއްވުމަށްފަހު ޖެނުއަރީ 26، ގައި ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.
ނަމަވެސް ދުވަސްތައް ފާއިތުވަމުން އަދި ހާލަތު ބަދަލުވަމުން ގޮސް ސެޕްޓެމްބަރު 9، ގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވިއިރު ވޯޓު ކަރުދާހުގައި އޮތީ ރައީސް މުއިއްޒުގެ ނަންފުޅެވެ. ރައީސް ޔާމީން ހުންނެވީ މާފުށީ ޖަލުގަ އެވެ.
އޯގަސްޓު، 2022 ގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓު ޔާމީނަށް އަރުވާފައި އޮތް ނަމަވެސް މަނީ ލޯންޑަރިން އަދި ރިޝްވަތު ނެގުމުގެ ކުށް ސާބިތުވެ ޑިސެމްބަރު 25، 2022 ގައި ޔާމީންއަށް 11 އަހަރުގެ ޖަލު ހުކުމެއް ކޮށްފައި އޮތުމުން، އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭނީ ނާދިރު ހާލަތެއްގައިކަން އެންމެ ވަފާތެރި އެކްޓިވިސްޓުން ނޫން އެހެން އެންމެ ގަބޫލު ކުރި އެވެ.
ސިޔާސީ ބައެއް ތަޖުރިބާކާރުން ބުނަނީ އެއިރުގެ އިދިކޮޅު ޕާޓީގެ ގިނަ ބަޔަކު ބަލަން ތިބީ، ޔާމީނަށް ވާދަ ނުކުރެވޭނެކަން ޔަގީންވާ ދުވަހަކަށް ބަލަބަލައި ކަމަށެވެ. އެކަމަށް އެންމެ ބޮޑަށް ފައި ނެންގެވީ ރައީސް މުއިއްޒު ކަމަށް އޮތީ ތުހުމަތު ކުރެވިފަ އެވެ. އެގޮތުން، ޔާމީންގެ ކެންޑިޑެސީއަށް ހުރަސް އަޅަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ މުއިއްޒުގެ ގާތް އެކުވެރިޔާ އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ މައްސަލަ ޕާޓީން ބަލަން ފެށި އެވެ.
"ރައީސް ޔާމީންގެ ފަރާތްޕުޅުން ޕާޓީއަށް ލިބިފައި އެބަ އޮތް އެކަހަލަ އިރުޝާދެއް، އެމަނިކުފާނުގެ ރިޔާސީ ކެންޑިޑެސީއަށް ހުރަސް އެޅޭ ފަދަ ކަންތައްތަކެއް މި ދެންނެވި ކުރައްވާ ވާހަކަ އެހެންވީމަ އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަންތައް ބަލައި އަޅުގަނޑުމެން ގޮތެއް ނިންމަން،" މިހާރުގެ މަސްވެރިކަމާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް އޭޕްރީލް 20، ގައި ވިދާޅުވެފައިވެ އެވެ.
ނަމަވެސް އޭގެ ފަހުން ވެސް ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު އިދިކޮޅު ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް މަސައްކަތް ކުރައްވާ ކަމަށް ބުނަނީ ޕާޓީ "ބައިބައި ކުރަން" ކަމަށެވެ.
"ބަޔަކު ރާވައިގެން ބައިބައިކުރަން ދައްކާ ވާހަކަތަަކެއް އެއީ. އަޅުގަނޑުމެންގެ ކެނޑިޑޭޓަކީ ރައީސް ޔާމީނު ހަމަ. އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ،" މި ނޫހާ ވާހަކަ ދައްކަވަމުން އޭޕްރީލް 24، ގައި މުއިއްޒު ވިދާޅުވި އެވެ.
އޭގެ މާ ގިނަ ދުވަސްތަކެއް ނުވެ މުއިއްޒު ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ "އަޅުގަނޑާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ހަބަރަކީ ހަގީގަތެއް ނޫން" ކަމެވެ. އަދި ނަސޭހަތްތެރިވެވަޑައިގަތީ ހަބަރެއް އިވިއްޖެ ނަމަ އެކަމުގެ ތެދު ދޮގު ބެލުމަށެވެ.
"ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން. މިއާ ހިލާފަށް އަޅުގަނޑާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ހަބަރަކީ ހަގީގަތެއް ނޫން. ހަބަރެއް އިވުމުން އެ ހަބަރެއްގެ ތެދު ދޮގު ނުބަލަކާ ފެތުރުމަކީ ފިތުނަވެރިކަމެއް. އެކަން ނުކުރެއްވުމަށް އެކަން ކުރާ ފަރާތްތަކަށް ނަސޭހަތްތެރިވަން،" މެއި 5، 2023 ގައި ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
ނަމަވެސް އޭގެ ތިން މަސް ފަހުން، އިދިކޮޅު ރިޔާސީ ޓިކެޓު ހޯދުމުގެ މަސައްކަތް އޮތީ ފާޅުގައި ފެށިފަ އެވެ. އެކަން ފެށުނީ އިންތިހާބުގައި ވާދަ ކުރަން ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޯގަސްޓު 1، ގައި ނިންމުމުންނެވެ.
އޭގެ ފަހުން، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ޔާމީންއަށް ވާދަ ނުކުރެވިއްޖެ ނަމަ އެ ޕާޓީގެ ސިސްޓާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓަކު ނެރެން އެ ކޯލިޝަނުން ނިންމި އެވެ. ހުރިހާ ކަމެއް ނިއުޅިގެންދިޔައީ އޯގަސްޓު 3، ވަނަ ދުވަހެވެ.
އެ ދުވަހު ހެނދުނު ދެ ޕާޓީގެ ކޯލިޝަން ސެނެޓުން ބައްދަލުވުމެއް ބޭއްވުމަށްފަހު ހަމަ އެ ދުވަހު ރިޔާސީ ޓިކެޓަށް ކުރިމަތިލުމަށް ހުޅުވާލި އެވެ. އެއާއެކު ރައީސް މުއިއްޒު ޕީޕީއެމްއިން ވަކިވެވަޑައިގެން ޕީއެންސީއާއަށް ސޮއި ކުރެއްވި އެވެ. ރައީސް މުއިއްޒުގެ އިތުރުން ރިޔާސީ ޓިކެޓު ހޯދުމަށް މިހާރުގެ މިނިސްޓާ އޮފް ސިޓީސް އާދަމް ޝަރީފް ވެސް ވާދަ ކުރެއްވި އެވެ.
އެ އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވީ އެންމެ ދެ ވޯޓުގެ ފަރަގުންނެވެ. މުއިއްޒަށް 25 ވޯޓު ލިބިވަޑައިގެންނެވިއިރު އާދަމް ޝަރީފަށް 23 ވޯޓު ލިބިވަޑައިގަތެވެ. އެއާއެކު ޕީއެންސީގެ ރަސްމީ ކެންޑިޑޭޓަށް މުއިއްޒު ވެވަޑައިގަތެވެ. ނަމަވެސް ޕީޕީއެމްއިން ރަސްމީކޮށް ބުނަމުންދިޔައީ އެ ޕާޓީން ރައީސް މުއިއްޒަށް އެންޑޯޒް ނުކުރާ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތު ޔާމީންގެ ހަމަނުވާ ކަމަށް އޯގަސްޓް 6، ގައި ސުޕްރީމް ކޯޓުން ވެސް ކަނޑައެޅި އެވެ. އެމަނިކުފާނަށް ވާދަ ނުކުރެވޭ ނަމަ އިދިކޮޅުން އެއްވެސް ކެންޑިޑޭޓަކު ވާދަ ކުރަން ޔާމީން ބޭނުންވެވަޑައިނުގެންނެވި އެވެ. ޖަލުން ފޮނުއްވި ނޯޓެއްގެ ޒަރިއްޔާއިން ޔާމީން އެދިވަޑައިގަތީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.
އިންތިހާބުގައި ވާދަ ކުރުމާ ގުޅޭ ގޮތުން ވޯޓެއް ނެގުމަށް ހަމަ އެ ދުވަހު އިދިކޮޅު ކޯލިޝަނުގެ ސެނެޓު އެއްވި އެވެ. އެ ބައްދަލުވުން ހޫނުވެ، ހަމަނުޖެހުން ވެސް ހިނގައި، އެންމެ ފަހުން ތަން ކޮންޓްރޯލް ކުރަން ފުލުހުން ވެސް ގެންނަން ޖެހުނެވެ. ހަމަނުޖެހުމަށްފަހު އެންމެފަހުން ވޯޓު ނެގިއިރު ތާއީދު ލިބުނީ އިންތިހާބުގައި ވާދަ ކުރުމަށެވެ.
އިންތިހާބު ބޮއިކޮޓް ކުރަން ލިބުނީ 45 ވޯޓެވެ. އިންތިހާބުގައި ބައިވެރިވާން 67 ވޯޓު ލިބުނެވެ. ޖުމްލަ 126 ސެނެޓަރަކު ޖަލްސާއަށް ހާޒިރުވި އެވެ. ނަމަވެސް, ހުރިހާ މެމްބަރުން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ. މުއިއްޒަށް ޕީޕީއެމް އިން ވެސް ތާއީދު ކުރާކަން ހާމަ ކުރީ އޭގެ ދެ ދުވަސް ފަހުން އޯގަސްޓު 8، ގަ އެވެ.
ފޯރިގަދަ ކެމްޕެއިނަކަށް ފަހު ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ސެޕްޓެމްޓެމްބަރު 30، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ވެސް ކާމިޔާބު ކުރެއްވީ ރައީސް މުއިއްޒެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދެ ކެންޑިޑޭޓުން ވެސް ވަރަށް ގިނަ ރަށްތަކަށް ވަޑައިގެންނެވި އެވެ. މުއިއްޒުގެ ފަރާތުން ފެނިވަޑައިގަތީ، ބަހުގެ ވަރުގަދަ ހަމަލާތައް އަމާޒުވަމުންދިޔައިރު ވެސް، އެހެން ކެންޑިޑޭޓުންނަށް ރައްދު ބަދަލުގައި އަމިއްލަ މެނިފެސްޓޯ ކުރިއަށް ނެރުނު މަންޒަރެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވެސް ރައީސް މުއިއްޒުގެ ޓީމުން ވަރަށް ރަށްތަކަށް ދަތުރު ކުރި އެވެ. ފުރަތަމަ ބުރުގެ ނާކާމިޔާބީއާއެކު ރައީސް ސޯލިހުގެ ކެމްޕެއިން ދެ ދުވަހަކަށް މަޑުޖެހުމަށްފަހު ބޮޑަށް ފޯކަސް ކުރީ ވެރިކަން ކުރާ ރަށް މާލެއަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމުލަ އަށް ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއިރު ރައީސް މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގަތެވެ. އެއީ 220،651 ސައްހަ ވޯޓުގެ ތެރެއިން 46 ޕަސެންޓު ވޯޓެވެ. އެއިރުގެ ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ ސައްހަ ވޯޓުގެ 39 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސް މުއިއްޒު 129159 ވޯޓު ހޯއްދެވި އެވެ. އެއީ ސައްހަ 239،027 ވޯޓުގެ ތެރެއިން 54 ޕަސެންޓެވެ. ސޯލިހަށް ލިބިވަޑައިގަތީ 109868 ވޯޓެވެ. އެއީ ސައްހަ ވޯޓުގެ 45 ޕަސެންޓު ވޯޓެވެ.
މި ނިމިގެންދާ 2023 ވަނަ އަހަރަކީ ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް އައި އަހަރެކެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު ބަދަލަކީ ސަރުކާރު ބަދަލުވުމެވެ. ވެރިކަމަށް އާ ބޭފުޅަކު އިސްވުމެވެ. ކުރު މުއްދަތެއްގެ ތެރޭގައި ސިޔާސީ މައިދާނުގެ އެންމެ އުހަށް މުއިއްޒު ވަޑައިގަތުމެވެ. މިއަހަރު ވިދާލި އެންމެ ވަރުގަދަ ޝަހުސިއްޔަތަށް އެމަނިކުފާނު ވެވަޑައިގަންނަވަނީ އެހެންވެ އެވެ.
Comment