Advertisement

މަމްދޫހުގެ މުދާތައް ހިފެހެއްޓި އަމުރުގެ މައްސަލަ ބަލަން ހައި ކޯޓުގެ ފަނޑިޔާރުން ނިންމައިފި

25 ޑިސެންބަރު 2023 - 12:09 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހަސަން މަމްދޫހު ނޫސްވެރިންގެ ބައްދަލުވުމެއްގައި: މަމްދޫހުގެ މުދާތައް ހިފެހެއްޓި އަމުރުގެ މައްސަލަ ބަލަން ނިންމައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


މަމްދޫހުގެ މުދާތައް ހިފެހެއްޓި އަމުރުގެ މައްސަލަ ބަލަން ހައި ކޯޓުގެ ފަނޑިޔާރުން ނިންމައިފި

25 ޑިސެންބަރު 2023 - 12:09 0

ހުޅުމާލޭގައި ތަރައްގީ ކުރާ ކޭ-ޕާކު ރެސިޑެންސް ވިއްކުމުގައި އެތައް ބަޔަކަށް އޮޅުވާލައި މަކަރު ހެދި މައްސަލައިގައި ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ މުދާތައް ހިފެހެއްޓުމަށް އަމުރުގެ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމި ނިންމުން ބަދަލުކުރުމަށް އެ ކޯޓުގެ ފަނޑިޔާރުން ނިންމަވައިފި އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ދައުވާ އުފުލީ މަމްދޫހުގެ އިތުރުން ރ. އަލިފުށި، ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށެވެ. މަމްދޫހުގެ މައްޗަށް 104 ދައުވާ އުފުލި އެވެ. ޖައިޝާންގެ މައްޗަށް ޖުމްލަ 98 ދައުވާ އުފުލި އެވެ.

އެ މައްސަލާގައި، މަމްދޫހުގެ އަގު ބޮޑު އެޕާޓްމެންޓާއި އަގު ބޮޑު މުދާތައް އެއް އަހަރަށް ހިފެހެއްޓީ ހުޅުމާލޭ ކޯޓުގެ އަމުރެއްގެ ދަށުންނެވެ.

މަމްދޫހުގެ ފަރާތުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ. ދެން މަމްދޫހުގެ ފަރާތުން ހައި ކޯޓުގެ ފަނޑިޔާރުންގެ ޕެނަލަށް ރަޖިސްޓްރާގެ ނިންމުން މުރާޖާ ކުރުމަށް ހުށަހެޅުމުން ފަނޑިޔާރުންގެ ޕެނަލުން ނިންމެވީ މައްސަލަ ބަލައިގަތުމަށެވެ.

ރިވިއުގެ މައްސަލަ ބެއްލެވީ ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ޕެނަލަކުންނެވެ. ރަޖިސްޓްރާގެ ނިންމުން ބާތިލުކޮށް މައްސަލަ ބަލައިގަތުމަށް ނިންމެވީ އެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. ބަލައިގަތުމަށް ނިންމެވީ ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު މުހައްމަދު ޝަނީޒު އަބްދުﷲ އެވެ. ރައުޔު ތަފާތުވީ ފަނޑިޔާރު ހަސަން ޝަފީއުގެ އެވެ.

ކޭޕާކު އެޕާޓްމަންޓަކީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފައްދާފައިވާ ހަންބޯ މޯލްޑިވްސްއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މަންޑޭއަކީ ހަމްބޯ މޯލްޑިވްސްގެ މައިނޯރިޓީ ހިއްސާދާރެވެ. އޭނާގެ މައްސަލަ ފެންމަތިވީ ކޭޕާކު އެޕާޓްމަންޓުތައް ނުނިމި ދިގުލައިގެންދާ މައްސަލައިގައި އެޕާޓްމަންޓު ގަތް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ.

މަންޑޭގެ ޕެންޓްހައުސްގައި ހަތް މިލިއަން ރުފިޔާގެ އަގުހުރި މުދާ!

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ބޭއްވި ޕްރެސް ކޮންފެރެންސެއްގައި، މަމްދޫހުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރާ ސަބަބުތައް ވަރަށް ތަފްސީލްކޮށް ކިޔައިދެއްވި އެވެ.

މަނީ ލޯންޑަރިންގެ ދައުވާ މަންޑޭއަށް ކުރަނީ ހުޅުމާލޭގައި ހުންނަ އެފްޑަބްލިޔު ރެސިޑެންސްއިން ގަނެފައިވާ ޕެންޓްހައުސްއެއްގެ މައްސަލައިގަ އެވެ.

ތަހުގީގުގެ ހޯދުންތަކާ ހަވާލާދީ ޕީޖީ ޝަމީމް ވިދާޅުވި ގޮތުގައި 7.8 މިލިއަން ރުފިޔާގައި އަގުކުރެވިފައިވާ މި ޕެންޓްހައުސް ގަނެފައި ވަނީ، ކޭޕާކުގެ ދެ އެޕާޓްމަންޓެއް ހަތަރު މީހަކަށް ވިއްކާލައިގެން ލިބުނު ފައިސާއިންނެވެ.

ޝަމީމް ވަނީ ޕެންޓްހައުސްގެ ތެރެއިން ހަތް މިލިއަން ރުފިޔާގެ އަގުހުރި މުދާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެ ތަނުން ނެގި އަގުހުރި މުދަލުގެ ތެރޭގައި ނުކަނޑާ ހުރި 200 ސެންޓުފުޅި، 90،000ރ. ގެ އަގުބޮޑު އަތްދަބަހާއި 10،000 ޑޮލަރާއި 25،000 ޑޮލަރުގެ އަގުހުރި ގަހަނާ ވެސް ހިމެނެ އެވެ.

ޕެންޓްހައުސްގެ އަގަކީ 7.8 މިލިއަން ރުފިޔާ އެވެ. އަދި އެ ތަނުން އަތުލައިގަތް ތަކެތީގެ އަގު ހަތް މިލިއަން ރުފިޔާގައި އުޅޭއިރު އެ ޕެންޓްހައުސް އާއި އަތުލައިގަތް ތަކެތީ ހިމެނޭހެން ޖުމްލަ އަގު 14.8 މިލިއަން ރުފިޔާއަށް އަރަ އެވެ.