Advertisement

ނައީޝް ހޯދަން ބޭނުން ކުރަނީ ވަސީލަތްތައް ހުރި ބޯޓެއް، އެކަމަކު ޑޯނިއާ މާ ރަނގަޅު ވާނެ: އޭވިއޭޓާސް މޯލްޑިވްސް

24 ޑިސެންބަރު 2023 - 18:17 5

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ނާއިޝް ހޯދަން ބޭނުންކުރާަ އޭވިއޭޝަން އެކަޑަމީގެ ބޯޓު؛ އެ ބޯޓުގެ ފެންވަަރާ މެދު އުފެދިފައިވާ ސުވާލުތަކަށް އޭވިއޭޓާސް މޯލްޑިވްސް އިން ޖަވާބުތަކެއް ދީފި - ފޮޓޯ: މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ


ނައީޝް ހޯދަން ބޭނުން ކުރަނީ ވަސީލަތްތައް ހުރި ބޯޓެއް، އެކަމަކު ޑޯނިއާ މާ ރަނގަޅު ވާނެ: އޭވިއޭޓާސް މޯލްޑިވްސް

24 ޑިސެންބަރު 2023 - 18:17 5

އައްޑޫ ސިޓީގައި އިހި ނަގަން މޫދަށް ފައިބާ އުޅެނިކޮށް ގެއްލުނު މުހައްމަދު ނައީޝް ހޯދަން ހިންގަމުންދާ އޮޕަރޭޝަނުގައި ވައިގެ މަގުން ބޭނުންކުރާ އުޅަނދުގައި އެފަދަ އޮޕަރޭޝަނަކަށް ބޭނުންވާ ވަސީލަތްތައް ހުރި ނަމަވެސް ޑޯނިއާ މަތިން ބޯޓެއް ބޭނުންކުރުން މާ ރަނގަޅު ކަމަށް އޭވިއޭޓާސް މޯލްޑިވިސް އިން ބުނެފި އެވެ.

އެ އޮޕަރޭޝަނުގައި ވައިގެ މަގުން ބޭނުން ކުރަމުން ދަނީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެކެވެ. އޮޕަރޭޝަނުގައި އެ ބޯޓު އުދުހުނު ގޮތް ދައްކައިދޭ ގްރާފެއް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުމުން ބައެއް މީހުން ދަނީ އެ ބޯޓުގައިި މިފަދަ އޮޕަރޭޝަނަކަށް ބޭނުންވާ ވަސީލަތްތައް ހުރި ކަމާމެދު ސުވާލު އުފައްދާފަ އެވެ.

އެ ކަމާ ގުޅިގެން އޭވިއޭޓާސް މޯލްޑިވްސްގެ ވެބްސައިޓުގައި ޝާއިއުކުރި އިނގިރޭސި ލިޔުމެއްގައި ވަނީ އެމްއެންޑީއެފުން ރާއްޖޭގައި ބޭނުންކުރާ އިންޑިއަން ނޭވީ ޑޯނިއާ މަތިންދާ ބޯޓަކީ، އެކަޑަމީގެ ބޯޓު ކަމަށްވާ ޓެކްނަމްއާ އަޅާ ބަލާއިރު މާ ބޮޑު މަލްޓި އިންޖީނެއް ހުރި އުޅަނދެއް ކަމަށް ލިޔެފައިވެ އެވެ.

"ޑޯނިއާ އަކީ ސާޗު އޮޕަރޭޝަންތަކަށް ދާއިރު އެންމެ ރަނގަޅު އުޅަނދު،" އޭވިއޭޓާސް އިން ބުނެފައިވެ އެވެ.

މުހައްމަދު ނައީޝް ގެއްލުނީ އައްޑޫ ސިޓީން ކަމަށްވާ އިރު، އޭވިއޭޝަން އެކަޑަމީގެ ބޯޓު އޮތީ އައްޑޫ ސިޓީޣެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. ނާއިޝް ހޯދުމަށް ބޭނުންވަނީ ލޯ-އެލްޓިޓިއުޑެއްގައި ނުވަތަ ވަރަށް ތިރިން އުދުހިގެން ކަމަށާއި އެ ވަރުގެ ގާބިލްކަން އެ މަތިންދާ ބޯޓުގައި ހުންނާނެ ކަމަށް ބުނެފައިވެ އެވެ.

"އެމްއެންޑީއެފުން އެދުނު ސަރަހައްދަށް ބަލާލާއިރު ޓެކްނަމް މާ މަތިންދާބޯޓު ދުއްވަން އެކަޑަމީގައި ތަމްރީނުވެފަިއިވާ ޕައިލޮޓުންނަކީ އޭގެ ގާބިލްކަން ހުރި ޕައިލޮޓުން، އަދި އެފަދަ އޮޕަރޭޝަންތަކުގެ ތަޖުރިބާ ހުރި އެމްއެންޑީއެފްގެ ސިފައިން ބައިވެރިވޭ، ހޯދަން ބޭނުންވާ ސަރަހައްދު ކަނޑައެޅުމުގެ ގާބިލްކަން ހުރި،" އޭވިއޭޓާސްގެ ލިޔުމުގައި އިތުރަށް ފާހަގަ ކޮށްފައިވެ އެވެ.

އެހެން ނަމަވެސް އެ އޮޕަރޭޝަނުގައި ބަލަން ޖެހޭ ސަރަހައްދު ބޮޑުވެފައި ދިގު ރާސްތާ އާއި ވަގުތުގެ ދަތުރުތަކަށް އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓު އެންމެ ރަނގަޅު ނުވާނެ ކަމަށް ވެސް ލިޔެފައިވެ އެވެ. އެފަދަ ހާލަތަކަށް، އޮޕަރޭޝަނުގައި ބޭނުންކުރަން އެންމެ އެކަށީގެންވާ އުޅަނދަކީ ޑޯނިއާ ކަމަށް އެ ލިޔުމުގައިވެ އެވެ.

މީގެ ކުރިން މީހުން ހޯދުމުގެ އޮޕަރޭޝަންތަކުގައި އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުން ކުރެ އެވެ. ނަމަވެސް މި އޮޕަރޭޝަނުގައި އެ މަތިންދާ ބޯޓު ބޭނުން ނުކުރާތީ، ހުރި ވަސީލަތެއްގެ ބޭނުން ކުރުމަށް އެދި މީހުން ދަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުންނެވެ.

އެ އޮޕަރޭޝަނުގައި ޑޯނިއާ ބޭނުން ކުރަމުން ނުދާއިރު އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރު އޮޕަރޭޝަންތަކާއި ޑޯނިއާ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ހުއްޓާލުމަށް މިހާތަނަށް ސަރުކާރުން އަންގާފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވަނީ މި މަހުގެ 17 ގައި ވިދާޅުވެފަ އެވެ.

އެހެންވިޔަސް އިންޑިއާއިން ހަދިޔާކޮށްފައިވާ އެ އުޅަނދުތައް އޮޕަރޭޓްކުރުމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާ އަސްކަރިއްޔާގެ 77 އިންސާނީ ހިދުމަތްތެރިން ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަމަށް އިންޑިއާ ސިފައިން ފޮނުވާލުމަށް އެ ގައުމުގެ ސަރުކާރުގައި އެދިފައިވާ ކަމަށް އެމަނިކުފާނު ކުރިން ވިދާޅުވެފައިވެ އެވެ.

އިހި ހިފަން އުޅެނިކޮށް ނާއިޝް ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 10:45 ހާއިރު އެވެ.

އެމްއެންޑީއެފުން ރޭ ބުނީ މި އޮޕަރޭޝަނުގައި ވައިގެ މަގުން 23.46 ސްކޮޔާ ނޯޓިކަލް މޭލު، ކަނޑު މަގުން 490 ސްކޮޔާ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 1 ސްކޮޔާ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.