24 ޑިސެންބަރު 2023 - 15:21 0
މަރިޔަމް އަފާ ނިޒާމް
24 ޑިސެންބަރު 2023 - 15:21 0
ދިވެހިރާއްޖެއިން ނައްތާލާފައިވާ ފައިލޭރިއާގެ ކޭސްތައް މިފަހުން ރާއްޖޭގެ އެކި ކަންކޮޅުތަކުން އަންނަނީ ފެންނަމުންނެވެ. އެންމެ ފުރަތަމަ އެ ބަލި ފެނުނީ ހދ. ކުޅުދުއްފުށިންނެވެ. އޭގެ ފަހުން ހުޅުމާލެ އާއި މާލެ އަދި ގުޅީފަޅުން ވެސް ވަނީ އެ ބަލި ފެނިފަ އެވެ.
ފައިލޭރިއާގެ ކޭސްތަކެއް ފެނި އާންމުންގެ ގިޔަ ބަޔަކު އެ ބައްޔާ ގުޅޭ ގޮތުން ސުވާލު ކުރަމުންދާއިރު މި ލިޔުމުގައި މި ބަލައިލަނީ ފައިލޭރިއާ ޖެހޭ ގޮތާއި އެ ބަލިން ރައްކާތެރިވެވޭނެ ގޮތުގެ މައްޗަށެވެ.
ފައިލޭރިއާ ބައްޔަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ، ގައިންގަޔަށް އަރާ ބައްޔެކެވެ. މަދިރިން ގަޔަށް އަރާ ކުދި ފަނި ނުވަތަ ޕެރަސައިޓްސްގެ ސަބަބުން ޖެހޭ އިންފެކްޝަނެކެވެ. މި އިންފެކްޝަންގެ ސަބަބުން ހަށިގަނޑުގެ ލިމްފަޓިކް ނިޒާމަށް އަސަރުކުރެ އެވެ.
ލިމްފަޓިކް ނިޒާމަކީ އިންސާނާގެ ހަށިގަނޑުގެ ދިޕާއީ ނިޒާމުގެ ބައެކެވެ. ހަށިގަނޑުގެ ލޭ ދައުރުވާ ނިޒާމު ފުރިހަމަކޮށްދެނީ ލިމްފަޓިކް ނިޒާމުންނެވެ. ލިމްފް އަކީ ލިމްފަޓިކް ލޭހޮޅިތަކުން އަނބުރާ ހިތަށް ލޭ ދައުރުކުރުމަށްޓަަކައި ގެންދާ ސާފު ފެންގަނޑެކެވެ.
ބަލިޖެހިފައިވާ މަދިރީގެ ޒަރިއްޔާއިން އެކަކުން އަނެކަކަށް މި ބަލި ފެތުރެނީ ރާއްޖޭގައި އާންމުކޮށް އުޅޭ މަދިރީގެ ވައްތަރެއް ކަމުގައިވާ ކިއުލެކްސްގެ ޒަރިއްޔާއިންނެވެ.
އެގޮތުން އާންމުކޮށް ބަލިޖެހިފައިވާ މަދިރިއެއް ޒަރިއްޔާއިން ބަލިޖެހެނީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު މަދިރި ދަތް އެޅުމުންނެވެ. ކިއުލެކްސް މަދިރިގެ އެންމެ ގިނައިން ދަތް އަޅަނީ އިރުއޮއްސި 19:00 އިން 00:00 އާއި ދޭތެރޭގެ ވަގުތުތަކުގަ އެވެ.
ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ފައިލޭރިއާއާއި ގުޅިގެން 1952 ވަނަ އަހަރު ރާއްޖޭގައި ސާވޭއެއް ކުރި އެވެ. އައްޑޫ، ލ، ތ، ގއ، ގދ. އަދި ކ. އަތޮޅުގެ 34 ރަށަކަށް ދަތުރުކޮށް އެ އޯގަނައިޒޭޝަނުން ކޮށްފައިވާ "ފައިލޭރިއަސިސް އިން ދަ މޯލްޑިވް އައިލެންޑްސް" އިން ދައްކާ ގޮތުގައި ސާމްޕަލް ނެގި 3،950 މީހުންގެ ތެރެއިން ފައިލަރިއާގެ 939 ކޭސް ވަނީ ރެކޯޑް ކުރެވިފަ އެވެ.
އެ 939 ކޭސްގެ ތެރެއިން 700 ކޭސްއަކީ އެއް ފައި ނުވަތަ ދެ ފައިގައި ދުޅަވެފައި ހުރި މީހުންނެވެ. އަތް ދުޅަވެފައި ހުރި 36 ކޭސް ރެކޯޑްކުރެވިފައިވާއިރު، އެ ހުރިހާ ކޭސްތަކަކީ ވެސް ފައި ދުޅަވުމުގެ ސަބަބުން ދިމާވެފައި ހުރި ކޭސްތަކެކެވެ.
ރާއްޖޭން އެންމެ ފަހުން ފައިލޭރިއާ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ 2008 ވަނަ އަހަރު އެވެ. އަދި 2004، 2007، އަދި 2006 ވަނަ އަހަރުގައި ވެސް މި ބަލީގެ ކޭސްތައް ރިޕޯޓުކޮށްފައިވެ އެވެ.
2001: 3 ކޭސް
2004: 5 ކޭސް
2006: 13 ކޭސް
2007: 3 ކޭސް
2008: 6 ކޭސް
މީގެ ހަތް އަހަރު ކުރިން 2016 ވަނަ އަހަރު ރާއްޖެއިން އެ ބަލި ނައްތާލެވިފައިވާ ކަމުގެ ސެޓްފިކެޓް ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ދީފަ އެވެ. އެއީ އާބާދީގެ އެއް ޕަސެންޓަށްވުރެ މދުން ފައިލޭރިއާ ހުރި ގައުމުތަކަށް ނުވަތަ ފައިލޭރިއާއަކީ ރާއްޖޭގެ އާންމު ސިއްހަތަށް ހުރި މައްސަލައެއް ނޫންކަން އަންގައިދޭ ލިޔުމެވެ.
ޑިސެމްބަރު 14، ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ފައިލޭރިއާ ޖެހިފައި ތިބި ބަޔަކު ހދ. ކުޅުދުއްފުށިން ފެނިފައިވާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. އެމީހުންގެ ކިބައިން ބަލި ދެނެގަނެވުނީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ސްކްރީނިން ޕްރޮގްރާމެެއްގެ ތެރެއިންނެވެ.
އެ ރަށުން ފައިލޭރިއާ ޖެހިފައިވާ 25 ބިދޭސީ މަސައްކަތްތެރިއަކު މިހާތަނަށް ދެނެގަނެވިފައި ވެ އެވެ.
އޭގެ ފަހުން ހުޅުމާލެއިން ނެގި ސާމްޕަލްތަކަކުން އިއްޔެ ވަނީ ފައިލޭރިއަށް ޕޮސިޓިވް މީހެއް ފެނިފަ އެވެ. އެޗްޕީއޭއިން ބުނީ ހުޅުމާލެއިން ނެގުނު 13 ސާމްޕަލުގެ ތެރެއިން ޕޮޒިޓިވްވީ އެންމެ ސާމްޕަލެއް ކަމަށެވެ.
ފައިލޭރިއާއަށް ޕޮޒިޓިވްވީ މީހުންނަކީ ފައިލޭރިއާ އާންމުކޮށް ފެންނަ "އެންޑެމިކް" ގައުމުތަކުން އައިސްފައިވާ މީހުންނެވެ. މި ބަލި ޖެހިފައިވާ މަސައްކަތްތެރިން ނިސްބަތް ވަނީ އިންޑިއާގެ ބިހާރާއި އުއްތަރު ޕްރަދޭޝް އާއި ގޯޕާލްގަންޖާއި ޓަމިލް ނާޑޫގެ އިތުރުން ބަންގްލަދޭޝްގެ ކުމިލާއަށެވެ.
އަލަށް ފެނިފައިވާ ފައިލޭރިއާގެ ކޭސްތަކާއި ގުޅިގެން އެޗްޕީއޭއިން އަންނަނީ ސްކްރީނިން ޕްރޮގްރާމްތަކާއި، ފައިލޭރިއާ އާއި ގުޅޭ ގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިންގުމުގެ އިތުރުން މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ހިންގަމުންނެވެ.
ފައިލޭރިއަލް ޕެރަސައިޓްސް އިންފެކްޓް ވުމާއެކު ލިމްފަޓިކް ސިސްޓަމް އަށް މަޑުމަޑުން ގެއްލުން ލިބެ އެވެ. މީގެ ސަބަބުން ފައިލޭރިއާ ޖެހިފައިވާ މީހަކުގެ ކިބައިން ގިނަ އަހަރުތަކެއް ވަންދެން އެއްވެސް އަލާމާތެއް ނުފެނިދާނެ އެވެ.
އަލާމާތް ފެންނަން ފަށަނީ ލިމްފަޓިކްސް ބްލޮކްވުމުގެ ސަބަބުން ބައެއް މީހުންގެ އަތްފައި، އުރަމަތި ނުވަތަ ޖިންސީ ގުނަވަން ދުޅަވާން ފެށީމަ އެވެ. ބަލިޖެހިފައިވާ މީހުންނަށް ގިނަގިނައިން އިންފެކްޝަންތައް ޖެހި، ހުމުގެ އިތުރުން އިންފެކްޝަނާ ގުޅުންހުރި އެހެނިހެން އަލާމާތްތައް ހަށިގަނޑުން ފެނުން އެކަށީގެންވެ އެވެ.
Comment