22 ޑިސެންބަރު 2023 - 10:28 0
22 ޑިސެންބަރު 2023 - 10:28 0
މަޝްހޫރު ސޯޝަލް މީޑިއާ ޝަހުސިއްޔަތު ހަސަން ކުރުސީ ހިންގާ ކުރުސީ ޑޮޓް ކޮމް އަދި ދިޔަވަރު ޑޮޓް ކޮމް ބްލޮކްކޮށްފައި އޮއްވާ، ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ބަންދު ނުކުރާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ހަސަން ކުރުސީއަށް އެކްސްގައި 22،000 މީހުން ފޮލޯ ކުރެ އެވެ. ދިޔަވަރު ނިއުސް އަށް 16،600 މީހުން ފޮލޯ ކުރެ އެވެ. އެ ދެ ހޭންޑަލުން ހިންގާ ހަބަރު ވެބްސައިޓުތަކަށް އިއްޔެއިން ފެށިގެން ނުވަދެވެ އެވެ. އެހެން އެކަން އޮއްވާ ސަރުކާރުން ބުނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ހިންގާ އެއްވެސް ނޫހެއް ބްލޮކް ނުކުރާނެ ކަމަށެވެ.
"ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއް ވެސް އަދި ބްލޮކެއް ވެސް ނުކުރާނެ. ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" ސަރުކާރުގެ ތަރުޖަމާނު ޝަހީބު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ކުރުސީ އާއި ދިޔަވަރު ބްލޮކް ކުރީ ސަރުކާރުންތޯ ސުވާލު ކުރުމުން ޝަހީބު ވިދާޅުވީ އެ ސުވާލު ކޮމިއުކޭޝަންސް އޮތޯރިޓީއަށް ކުރުމަށެވެ. ނަމަވެސް އެ އިދާރާގެ ސްޕޯކްސްޕާސަން ފޯނެއް ނުނަންގަވަ އެވެ.
ސަރުކާރަށް ފާޑުކިޔާ ނޫސްތައް ބްލޮކް ކުރުމުން ކަންބޮޑުވާ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ މިއަދު ވިދާޅުވެފަ އެވެ.
"ސަރުކާރުގެ އަނިޔާވެރިކަން ނުފެތުރި ކިރިޔާވެސް ހުއްޓުވިފައި މިއޮތީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނެތުމުން ކަން މިހާރު ސާފުވެއްޖެ" ފައްޔާޒު ލިޔުއްވާފައިވެ އެވެ.
Comment