Advertisement

"ލެންގުއެޖް ޝިފްޓަކީ" ކިހާވަރެއްގެ ނުރައްކަލެއް؟

22 ޑިސެންބަރު 2023 - 09:05 2

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

އާޓުވޯކް: ރައްޔާނު މުހައްމަދު/ އަދަދު


"ލެންގުއެޖް ޝިފްޓަކީ" ކިހާވަރެއްގެ ނުރައްކަލެއް؟

22 ޑިސެންބަރު 2023 - 09:05 2

ދިވެހި ބަސް ނެތި ހިނގައިދާނޭކަމުގެ އިންޒާރަކީ އަހަރެމެން ވަރަށް ތުއްތު އިރުއްސުރެ އިވެމުންދާ އިންޒާރެކެވެ. ބަހަވީ ޢިލްމުގެ ދުނިޔޭގައި ބަހެއް ނެތިދިޔަކަމަށް ނުވަތަ މަރުވި ކަމަށް ނިންމަނީ، އެ ބަހުން ވާހަކަ ދެއްކުން އެއްކޮށް ހުއްޓުނީމައެވެ. ކުއްލިއަކަށްވެސް ބަހެއް މަރުވެދާނެއެވެ. އެ ބަހުން ވާހަކަ ދައްކާ އެންމެ ފަހު މީހާއާއެކުގައިވެސް ބަހެއް މަރުވެދާނެއެވެ. އަދި އެ ބަހަކުން ވާހަކަދައްކާ ހަމައެކަނި މީހުންނަކީ އިސްރަށްވެހިންކަމުގައިވެފައި، އެ މީހުންނަކީ މުވާސަލާތުކުރުމުގައި އެ ބަސް ބޭނުންނުކުރާ މީހުންނަށްވާ ޙާލަތެއްގައިވެސް އެ ބަސް މަރުވީ ކަމުގައި ނިންމިދާނެއެވެ. އެހެންނަމަވެސް ގިނަ ޙާލަތްތަކުގައި ބަހެއް މަރުވަނީ ވަރަށް ދިގުލައިގެންދާ މަރުހަލާއެއްގެ ތެރެއިންނެވެ. އެ ބަހަކުން ވާހަކަ ދައްކާ މީހުން، އެހެން ބަހަކުން ވާހަކަ ދައްކާ މީހުންނަށް ބަދަލުވުމުންނެވެ. މިއަށް މި ކިޔަނީ ލެންގުއެޖް ޝިފްޓެވެ.

ވަރަށް ގިނަ ފަހަރަށް މި ވާ ގޮތަކީ، ހަމަ އެކަނި އެމީހުންގެ މާދަރީ ބަހަށް އެއްބައްސަ ބައެއްގެ ތެރެއަށް ދެވަނަ ބަހެއް ތަޢާރަފުވެ، އެއީ ދެބައްސަ އާބާދީއަކަށް ވަނީއެވެ. އެ އާބާދީގެ ކޮންމެ މީހަކީވެސް ދެބަހުންވެސް މުއާމަލާތުކުރާ މީހުންނަށް ވަނީއެވެ. އެއްކަލަ ޝިފްޓު މި އަންނަނީ، ކޮންމެވެސް ސަބަބަކާހުރެ، މާދަރީ ބަހަށް ދޭ އިސްކަން ކުޑަކުރަމުންގޮސް، "ބަދަލު ބަސް" އެއީ ތިމާގެ ހުރިހާ މުވާމަލާތަކަށް އެންމެ އެކަށޭނަ ބަސްކަމަށް ދެކެ، އެ ބަހުން ނޫނީ މުއާމަލާތް ނުކުރާ ހިސާބުންނެވެ. މިއީ ބަޔަކު އަމިއްލަ އިޚުތިޔާރުގައި ކުރާ ކަމަކަށްވެސް ވެދާނެއެވެ. ނުވަތަ ޤާނޫނަކުން ނުވަތަ މަޖުބޫރީއަކުން ކުރަންޖެހޭ ކަމަކަށްވެސް ވެދާނެއެވެ. އެކި ޖަމާޢަތްތަކުގައި، މިކަން ހިނގަނީ އެކި ގޮތަށެވެ. އެކި ސަބަބުތަކެއް މެދުވެރިވެގެންނެވެ.

މިލިއުޅުމުގައި ބަހެއް ބޭނުންކުރެވޭ މިންވަރު މަދުވެއްޖެނަމަ، އެއީ ނެތެމުންދާ ބަހެއްގެ ގޮތުގައި ކަނޑައަޅައެވެ. ބޭނުންކުރެވޭ މިންވަރު މަދުވުމޭ މިތަނުގައި މި ބުނަނީ، އަލަށް އުފަންވާ ކުދިންގެ މާދަރީ ބަހަކީ އެއީ ކަމަށް ވުން ހުއްޓޭ ހިސާބަށެވެ. އެ ހިސާބުން އެ ހުއްޓެނީ އެއް ޖީލުން އަނެއް ޖީލަށް އެ ބަސް ފޯރުކޮށްދިނުމެވެ. ގިނަ ފަހަރަށް މި ހިސާބަށް ކަންކަން ދަނީ، އެއް ޖީލަށް ވުރެ ކުޑަކޮށް އަނެއް ޖީލަށް ބަސް ވާރުތަވަމުން ގޮސްގޮހެވެ. އެންމެ ފަހުން، އެ ބަސް ވެފައި އޮންނާނީ، ހަމައެކަނި ރަސްމީ އިޙުތިފާލުތަކުގައި މާޒީވެ ދިޔަ ޘަޤާފަތް ދައްކުވައިދޭ ބަހަކަށެވެ. މިސާލަކަށް "ކުރީގެ" އަދަބީ މަސައްކަތްތައް ފެންނާން އޮންނަ ބަހުގެ ގޮތުގައެވެ. ނަތީޖާއަކަށްވަނީ ފަރިތަކަމާއެކު އެ ބަހަކުން ވާހަކަދައްކާ އެންމެ ފަހު ޖީލަށް އުފަންވާ ދަރީންނަކީ ފަރިތަކަމާއެކު އެ ބަހުން ވާހަކަދައްކަން ނޭނގޭ މީހުންނަށް ވުމެވެ.

ބައެއް ފަހަރު މާދަރީ ބަހަށް ވުރެ އެހެން ބަހަކަށް އިސްކަން ދެވެނީ ތިމާގެ އިޖުތިމާޢީ، ސިޔާސީ ނުވަތަ އިޤްތިޞާދީ ހައިބަތު ދެއްކުމަށްޓަކައެވެ. މިސާލަކަށް ސްކޫލް މާހައުލުން ފެށިގެން ސިޔާސީ މައިދާނުގައި ވިޔަސް، މީހާ މީހަކަށް ވަނީ، މާދަރީ ބަހަށް ނުފަރިތަވިޔަސް، "އަނެއް" ބަހަށް ފަރިތަވުމުންކަމުގައި މުޖުތަމަޢިން ބަލައިގަންނާތީ، އެ ގޮޅީގެ ތެރެއަށް ފެތުމުގެ ގޮތުންނެވެ.

މިއާ ޚިލާފަށް، މާދަރީ ބަސް ދިރެމުން އާލާވަމުން ދާން މެދުވެރިވާ އެއް ސަބަބަކަށް ވަނީ "ބޭރު" ބަސްބަހުން ވާހަކަދައްކާ ބައެއްގެ އަތުން އެ ޖަމާޢަތެއް މިނިވަން ވާން އުޅޭ ޙާލަތުގައެވެ. މިސާލަކަށް، އިސްތިޢުމާރީ ބާރުތަކުން ޤައުމުތަކަށް މިނިވަންކަން ލިބުނު ހިނދު، ގިނަ ޤައުމުތަކުން އަވަސްވެގަތީ އެ ޤައުމެއްގެ ދިދަ އާއި ރަސްމީ ބަސް ކަނޑައެޅުމަށެވެ. އެއީ އެ އާބާދީތަކުގެ ޝަޚްޞީ މިނިވަންކަން ޤާއިމުކުރުމަށް ކުރި ކަމެއްކަމުގައި ބެލެވެއެވެ. ޚުދު އަހަރެމެން ދިވެހީންވެސް މިނިވަންކަމާއެކު މި ގޮތްތައް ކަނޑައެޅީމެވެ.

ކުރިންވެސް ފާހަގަކުރިހެން ލެންގުއެޖް ޝިފްޓްގެ ފެށުމަކީ ދެބައްސަ ނުވަތަ ގިނަބައްސަ އާބާދީއެއް އުފެދުމެވެ. އެހެންނަމަވެސް މިއީ ގިނަބައްސަ އާބާދީތަކަށް ބުނާ ބަދުބަހެއް ނޫނެވެ. އަދި ހަމަ ބަޔަކު ގިނަބައްސަ ބަޔަކަށް ވުމަކީ އެމީހުންގެ މާދަރީބަސް ނެތިގެންދާން ފުދޭ ސަބަބެއް ނޫނެވެ. މާދަރީ ބަސް ނައްތާލާފަދަ ގިނަބައްސަވުމަށް އަހަރެމެން ކިޔައި އުޅެނީ އަންސްޓޭބަލް މަލްޓިލިންގުއިލިޒަމެވެ. ނުވަތަ "ފައްތަރުހެލޭ" ގިނަބައްސަކަމެވެ. ދެބަހަކުން ނުވަތަ ގިނަ ބަހުން ވާހަކަދައްކާ މީހާ، ކޮންމެވެސް ސަބަބަކާހުރެ އޭނާގެ މާދަރީބަސް ދޫކޮށްލަން އިޚުތިޔާރުކުރާ ފަދަ ގިނަބައްސަކަމެވެ.

ބަޔަކު މި ގޮތް އިޚުތިޔާރުކުން ގަސްދުކުރަނީ، ވަކި ވަކި ފަރުދުންގެ ފެންވަރަށް ވުރެ މާ ފުޅާ ފެންވަރެއްގައި، މާދަރީ ބަހުގެ ބޭނުން ކެނޑިގެންދިއުމުންނެވެ. މީގެ ތެރޭގައި އެކި ބަސްބަހުން ބަސްމޮށޭ ގިނަ ޢަދަދެއްގެ މީހުން އެ ތަނަކަށް ހިޖުރަކުރުމާއި، ސަރުކާރުގެ ރަސްމީ ކަންކަމުގައި ބަސް ބޭނުންކުރެވޭ މިންވަރު މަދު ވުމާއި، ސްކޫލްތަކުގައި ބަހަށް ދޭ އަހައްމިއްޔަތު ކުޑަވުމާއި، އެ ޖަމާޢަތުގައި ބޭނުންކުރާ އެހެނިހެން ބަސް ތަކާ އަޅައިބަލާއިރު، މާދަރީ ބަހަށް ދޭ ޤަދަރު ކުޑަވެ، އެ ބަހަށް ދޭ މަޤާމު ދަށްވުމެވެ. ޚާއްޞަ ގޮތެއްގައި މަތީ ތަޢުލީމީ މައިދާނުގައި ބަހަކަށް އޮންނަ ޖާގަ ހަނިކަމަށް ވާނަމަ، އެ ބަހަކުން މަތީ ފަންތީގެ ތަޢުލީމު އުގެނޭ މީހުން މަދުވެގެންދެއެވެ. އެހެން ބައެއް ބަސްބަހަށް ފަރިތަވުމަކީ، އޭނާގެ ފެންވަރުގެ ރަމްޒުތަކެއް ކަމުގައި ވެފައިމެ، މާދަރީ ބަހުން ފަރިތަކޮށް ވާހަކަދެއްކުމަކީ އެ ފަދަ ރަމްޒަކަށް ނުވެއެވެ. ޢިލްމީ، ބާރުވެރި، ނުފޫޒުގަދަ މީހުންގެ ލިސްޓަށް ތިމާ ލައިދޭ ރަމްޒަކަށް މާދަރީ ބަސް ނުވެއެވެ.

ދެން ފެންމަތިވަނީ، ދިވެހިންގެ ތެރެއިން މިއަދު މި ފެންނަނީ ލެންގުއެޖް ޝިފްޓެއްތޯ އުފެދޭ ސުވާލެވެ. ދިވެހި ބަސް މިއޮތީ މަރުގެ ތުންފަތްމަތީތޯ އުފެދޭ ސުވާލެވެ. ސީދާ ޖަވާބު ދެވެންއޮތީ ފުޅާ ދާއިރާއެއްގައި ދިރާސާތަކެއް ކޮށްގެންނެވެ. ޔަޤީންކޮށް ބުނެވެން އޮތީ ބަހަކީ އަބަދު އެއް ގޮތަކަށް އޮންނާނޭ އެއްޗެއް ނޫންކަމެވެ. ޒަމާނާއި، ދިރިއުޅުމުގެ ވައްޓަފާޅި އާއި، ދުނިޔެއަށް އަންނަ ބަދަލުތައް އެބަހަކަށް ނުފޫޒު ނުފޯރުވާ ނުހުންނާނޭކަމެވެ. އަހަރެމެން ދަސްކުރަންވީ، އެފަދަ ކޮންމެ ބަދަލެއް އެއީ، ބަހަށް އަންނަ ހީނަރުކަމެއްގެ ގޮތުގައި ނުދުށުމަށެވެ. ދެބައްސަ ނުވަތަ ގިނަބައްސަ ބަޔަކަށް މާދަރީ ބަސް ދޫކޮށްލަން ޖެހޭ ފަދަ ޙާލަތުތަކެއް ނުއުފެއްދުމަށެވެ. ބަސް ހިމާޔަތްކުރުމުގެ މަޤްޞަދުގައި އުފައްދާ ބަހަވީ ސިޔާސަތުތަކަކީ ޙާލަތާއި ޒަމާނާ މުނާސަބު، ބަހުގެ އަހުލުވެރިން އުފަލާއެކު ބަލައިގަންނާނޭ ކަންކަމަށް ހެދުމަށެވެ. ބަހަށް ހީނަރުކަން އަންނަނީޔޭ ކިޔައި، ދަނޑިމާރުއަޅައިގެން ބަހަށް ލޯބި ނުއުއްފެއްދޭނޭކަން ދެނެގެން މަސައްކަތް ކުރުމަށެވެ.