Advertisement

އިހުސާނާއި ސައީދު ގާނޫނާ ހިލާފުވެފައިވާ ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް

18 ޑިސެންބަރު 2023 - 16:20 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އިކޮނޮމިކް މިނިސްޓަރު ސައީދު. އޭނާގެ އިތުރުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރުގެ މައްސަލައެއް ވެސް ވަނީ ހުށަހަޅާފައި --- ފޮޓޯ: ރައީސް އޮފީސް


އިހުސާނާއި ސައީދު ގާނޫނާ ހިލާފުވެފައިވާ ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް

18 ޑިސެންބަރު 2023 - 16:20 1

ރާއްޖެއަށް ބަންގްލަދޭޝްގެ އަންސްކިލްޑް ލޭބަރުން ފިޔަވައި އެހެން އެއްވެސް ގައުމެއްގެ ލޭބަރުން ގެނައުން މަޑުޖައްސާލަން ނިންމި ނިންމުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ގާނޫނާ ހިލާފަށް އަމަލުކޮށްވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ.

ވަޒީފާއާބެހޭ ގާނޫނުގައި 65 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ގޮތުން އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ގެނެވޭނީ 100,000 މީހުންނެވެ. އިކޮނޮމިކް މިނިސްޓްރީން އެންމެފަހުން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި 139,220 ބަންގްލަދޭޝް މީހުން މަސައްކަތްކުރެ އެވެ. ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން ބަންގްލަދޭޝް ފިޔަވައި އެހެން އެއްވެސް ގައުމަކުން ލޭބަރުން މިވަގުތު ނުގެނެވޭނެ އެވެ.

އެ ނިންމުމަށް ފަހު ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ އަދަދުތައް އެނގެން ހުރި އިކޮނޮމިކް މިނިސްޓްރީގެ އެންމެފަހުގެ ރިޕޯޓުތައް އެ މިނިސްޓްރީގެ ސޯޝަލް ޕްލެޓްފޯމުތަކުން ވަނީ ފޮހެލާފަ އެވެ. އާންމުންގެ ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް އެކަމާ ގުޅިގެން އަމާޒުވުމުން ސައީދު ވަނީ ޓްވީޓު ޑިލީޓުކުރަން އަންގާފައި ނުވާނެ ކަމަށް ވިދާޅުވެ އެކަން ތަހުގީގު ކުރަން އަންގަވާފަ އެވެ.

ހިސާން ހުށަހެޅުއްވި މައްސަލާގައި ވަނީ އިކޮނޮމިކް މިނިސްޓްރީން އެ ޓްވީޓު ޑިލީޓުކުރީ "ނުނިޔަތެއް އޮވެގެން ގާނޫނާ ހިލާފަށް" ކަމަށް ވިދާޅުވެފަ އެވެ.

އަދި, އެހެން އެއްވެސް ގައުމެއްގެ ބަޔަކަށް ކޯޓާ ދޫނުކުރަން ނިންމާފައިވަނީ އެއްވެސް ދިރާސާއެއް ނެތި ވަޒީފާއާ ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ މަގްސަދު ގެއްލޭ ގޮތަށް ކަމަށް ހިސާންގެ މައްސަލާގައި ބަޔާންކޮށްފައިވެ އެވެ.

ބަންގްލަދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ 2019 ވަނަ އަހަރު އެވެ. އެއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވައިލެއްވި ޓާސްކުފޯހުގެ ނިންމުމެކެވެ. އެއާއެކު ލިޔެކިޔުން ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތަން ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ވެސް ސަރުކާރުން ކުރިއަށްގެންދިޔަ އެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ 63،000 ބިދޭސީން އުޅެ އެވެ. ނަމަވެސް, ނުރަސްމީ އަންދާޒާތަކުން މި އަދަދު އެއް ލައްކައާ ގާތްކުރާ ކަމަށްވެ އެވެ.