Advertisement

ވިޔަރެއާލް ބަލިކޮށް ރެއާލް އެއް ވަނަ އަށް

18 ޑިސެންބަރު 2023 - 09:38 0


ވިޔަރެއާލް ބަލިކޮށް ރެއާލް އެއް ވަނަ އަށް

18 ޑިސެންބަރު 2023 - 09:38 0

މެޑްރިޑް (ޑިސެމްބަރު 18) - ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް އަތުން 4-1 އިން މޮޅުވެ، ރެއާލް މެޑްރިޑް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި ރެއާލް އޮތީ 17 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޖިރޯނާ އަށް 16 މެޗުން ވަނީ 41 ޕޮއިންޓް ލިބިފަ އެވެެެ. މިރޭ ޖިރޯނާ ކުޅޭ މެޗުން އަލާވެެސް އަތުން މޮޅުވެއްޖެނަމަ އަލުން އެއް ވަނަ އަށް އެރޭނެ އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ރެއާލުން ފުރަތަމަ ހާފު ނިންމާލީ ވެސް ދެ ގޯލުގެ ލީޑެއްގައި އޮވެ އެވެ. އެ ގޮތުން މެޗުގެ 25 ވަނަ މިނިޓްގައި ރެއާލުން ލީޑުނެގީ ޖޫޑް ބެލިންހަމް ޖެހި ލަނޑުންނެވެ. މިއީ ލޫކަ މޮޑްރިޗް ނެގި ހުރަހަކުން ބެލިންހަމް ބޮލުން ޖެހި ގޯލެކެވެ. މިއީ މި ފަހަރު ލީގުގައި ބެލިންހަމް ޖެހި 13 ވަނަ ގޯލެވެ. ބެލިންހަމް އަކީ ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ.

މެޗުގެ 37 ވަނަ މިނިޓްގައި ލޫކަޒް ވަޒްކޭޒް ދިން ބޯޅަައަކުން ރޮޑްރީގޯ ޖެހި ގޯލު ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު ނިންމީ އޮފްސައިޑެއް ނޫން ކަމަށެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، ނުވަ މިނިޓް ތެރޭ ވިޔަރެއާލުން ލަނޑެއް ޖެހި އެވެ. މި ލަނޑު ޖެހީ މެޗުގެ 54 ވަަނަ މިނިޓްގައި ހޯސޭ ލުއިސް މޮރާލޭސް އެވެ. އެހެން ނަމަވެސް ވިޔަރެއާލަށް އިތުރު ގޯލެއް ޖެހޭ ގޮތެއްނުވި އެވެ. ފަހުން ރެއާލުން ކުޅުން ރަނގަޅުކޮށް އިތުރު ދެ ލަނޑު ޖަހައި، މެޗުން މޮޅުވީ އެެވެ.

ރެއާލަށް ދެ ވަނަ ހާފުގައި ލަނޑުތައް ޖަހައިިދިނީ ބްރާހިމް ޑިއާޒް އާއި މޮޑްރިޗް އެވެ.