Advertisement

އައިވީއެފް ފަރުވާ އާއި ބަރަހަނާ މަންޒަރު ބެލުމާ ގުޅުވުމުން ފާޓިލިޓީ ކޮމިއުނިޓީގެ ކަންބޮޑުވުން

17 ޑިސެންބަރު 2023 - 21:40 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މީހަކު ކުޑަކުއްޖަކު އުރާލައިގެން: އިންފާޓިލިޓީ ތަހައްމަލުކުރާ މީހުންނަށް ދޭ އައިވީއެފް ފަރުވާ އާއި ބަރަހަނާ މަންޒަރު ބެލުމާ ގުޅުވައި ޒިހާން ދެއްކެވި ވާހަކަތަކަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުން -- ފޮޓޯ: އިޔާން/އަދަދު


އައިވީއެފް ފަރުވާ އާއި ބަރަހަނާ މަންޒަރު ބެލުމާ ގުޅުވުމުން ފާޓިލިޓީ ކޮމިއުނިޓީގެ ކަންބޮޑުވުން

17 ޑިސެންބަރު 2023 - 21:40 0

ދަރިމައިވުމުގެ މައްސަލަތަކަށް އޮންނަ އެއް ފަރުވާ ކަމަށްވާ އައިވީއެފް ހިދުމަތް ހޯދުން ރާއްޖޭގައި އިތުރުވަނީ ބަރަހަނާ މަންޒަރު ބެލުން އިތުރުވުމުގެ ސަބަބުން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ވިދާޅުވުމުން ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކަންބޮޑުވުން ފާޅުކޮށް ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީން ނެރުނު ބަޔާނެއްގައި ބުނީ އައިވީއެފް ފަރުވާ އާއި ބަރަހަނާ މަންޒަރު ބެލުން ގުޅުން ސަރުކާރުގެ އިސް އޮފިޝަލަކު ވާހަކަ ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އިންފާޓިލިޓީ ތަހައްމަލުކުރާ ފަރާތްތަކާ ދޭތެރޭ ނޭދެވޭ ގޮތްތައް ގެންގުޅެވި، ސްޓިގްމަޓައިޒް ކުރެވެމުން ދިއުމަކީ އެކަށީގެންވާ ރަނގަޅު ސިއްހީ ފަރުވާ ހޯދުމަށް ވެސް ގޮންޖެހުން ކުރިމަތިވާ ކަމެކެވެ." ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބަރަހަނާ މަންޒަރުތައް ހުންނަ ވެބްސައިޓުތައް ސަރުކާރުން ބްލޮކު ކުރުމާ ގުޅިގެން ޒިހާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެފަދަ މަންޒަރުތައް ބެލުން ހުއްޓުވަން ޖެހެނީ ހަމައެކަނި ދީނީ ނަޒަރަކުން ދެކިގެން ނޫން ކަމަށެވެ.

"މިއީ ދަރިމައިވުމުގެ ސިއްހަތަށް އެންމެ ބޮޑު ގެއްލުމެއް ކުރިމަތިކުރުވާ ކަމަކީ މިއީ، ރާއްޖޭގަ މިހާ ގިނަ މީހުން އައިވީއެފް ހަދަން ޖެހެނީ ކީއްވެގެންކަން އިނގޭތަ" އޭނާގެ ޕޯސްޓުގައިވެ އެވެ.

އޭނާ މިހެން ވިދާޅުވިއިރު ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވާ ސަބަބުތަކާ ގުޅޭގޮތުން ގައުމީ ފެންވަރުގައި ދިރާސާއެއް ހަދާފައި ނުވެ އެވެ.

މިނިސްޓަރު ޒިހާންގެ ޕޯސްޓަށް ރައްދު ދީ ގިނަ ބަޔަކު ވަނީ އައިވީއެފް އާއި ބަރަހަނާ މަންޒަރުތައް ބެލުމާ ގުޅުވުމުން ޒިހާނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.