Advertisement

ޓްރާންސްފާތަކަށް ބަޖެޓް ހޯދަން ބާސެލޯނާ އިން ލެވަންޑޯސްކީ ވިއްކާލަނީ: ރިޕޯޓް

16 ޑިސެންބަރު 2023 - 16:02 0


ޓްރާންސްފާތަކަށް ބަޖެޓް ހޯދަން ބާސެލޯނާ އިން ލެވަންޑޯސްކީ ވިއްކާލަނީ: ރިޕޯޓް

16 ޑިސެންބަރު 2023 - 16:02 0

ބާސެލޯނާ (ޑިސެމްބަރު 16) - ޖެނުއަރީ ޓްރާންސްފާގައި އާ ކުޅުންތެރިން ގަންނަން ބާސެލޯނާގެ ބަޖެޓް އިތުރު ކުރުމުގެ ގޮތުން އެ ޓީމަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ ވިއްކާލަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލެވަންޑޯސްކީ، 35، ދާދި ފަހުން ދިން މީޑިއާ އިންޓަވިއުއެއްގައި ބުނެފައިވަނީ ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގެ ޓީމަކުން ލިބުނު ބޮޑު އޮފާ އަކަށް މި އަހަރު ނޫނެކޭ ބުނެފައިވާނެ ކަމަށެވެ. އެއީ ބާސެލޯނާއާ އެކު، ކެރިއަރުގައި ކަންތައްތަކެއް ހާސިލްކުރަން ބޭނުންވާތީ ކަމަށެވެ.

އަންނަ މަހުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އަށް އާ ކުޅުންތެރިން ހޯދަން އެ ޓީމުން ވަނީ ޕްލޭނެއް ހަދައިފަ އެވެ.

އެ ގޮތުން، ބާސެލޯނާ އިން އެންމެ ބޮޑަށް މަސައްކަތް ކުރާނީ ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު، ބްރޫނޯ ގިމާރޭސް ގަންނަން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު، ގިމާރޭސް ގަންނަން ބޮޑު ފީއެއް ދައްކަން ޖެހޭތީ ބާސެލޯނާ އިން އަންނަނީ ބަޖެޓް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ގޮތުން، އެ ޓީމުން ވިއްކާލަން ކަނޑައަޅާ ކުޅުންތެރިންގެ ލިސްޓުގައި ލެވަންޑޯސްކީ ހިމަނަން ނިންމާފައިވަނީ އޭނާގެ އުމުރާއި ކްލަބުން ދޭ މުސާރަ އަށް ބެލުމަށް ފަހު ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ސީޒަނުގައި މިހާތަނަށް ހުރިހާ މުބާރާތެއްގައި ބާސެލޯނާ އިން ކުޅުނު 19 މެޗުން ލެވަންޑޯސްކީ އަށް ޖެހުނީ ނުވަ ގޯލެވެ.

ބާސެލޯނާ އަށް ދިމާވެފައިވާ ލަނޑު ނުޖެހުމުގެ މައްސަލައިގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ލެވަންޑޯސްކީގެ ފޯމު ދަށްވެފައިވުމެވެ.

ބަޔާން މިއުނިކް ދޫކޮށް ލެވަންޑޯސްކީ، ބާސެލޯނާ އަށް ބަދަލުވީ 2022 ވަނަ އަަހަރު، 46 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށެވެ.