Advertisement

ޓެން ހާގް ވަކިކޮށްފިނަމަ ޔުނައިޓެޑުން ގެންނަން ވިސްނަނީ ޕޮޓާ

15 ޑިސެންބަރު 2023 - 10:26 0


ޓެން ހާގް ވަކިކޮށްފިނަމަ ޔުނައިޓެޑުން ގެންނަން ވިސްނަނީ ޕޮޓާ

15 ޑިސެންބަރު 2023 - 10:26 0

މެންޗެސްޓާ (ޑިސެމްބަރު 15) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެން ހާގް ވަކިކޮށްފިނަމަ އެ ޓީމުން ގެންނަން ވިސްނާ ކޯޗުންގެ ލިސްޓުގެ ކުރީގައި އޮތީ ބްރައިޓަން އާއި ޗެލްސީ އަށް ކުރިން އިރުޝާދުދިން ކޯޗު ގްރަހަމް ޕޮޓާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުލަށް ޔުނައިޓެޑް ގޮސް، ޔޫރަޕްގެ ހުރިހާ މުބާރާތަކުން ޔުނައިޓެޑް ވަނީ ކަޓައިފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ ފޯމު އޮތީ ދަށްކޮށެވެ. ލީގުގެ ރޭހުގައި މި ވަގުތަށް ބަލާއިރު އެ ޓީމު ނެތްއިރު، މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި އެ ޓީމުން އެންމެ ދަށްކޮށް ފެށި އެއް ފަހަރެެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، ޔުނައިޓެޑްގެ ކޯޗު ޓެން ހާގަށް އޮތް ޕްރެޝަރު ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ.

ޔުނައިޓެޑުން ދާދި ފަހުން ހިއްސާ ގަތް ވިޔަފާރިވެރިޔާ، ޖިމް ރެޓްކްލިފްގެ ޑީލްގެ ކަންކަން ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި އެއްކޮށް ނިމޭނީ، ޕްރިމިއާ ލީގުން ވެސް ހުރިހާ ލިޔެކިޔުމެއް ބެލުމަށް ފަހު އެވެ. ރެޓްކްލިފްގެ ކުންފުނި، އިނިއޯސް އިން އަންނަނީ މިހާރު ވެސް ޔުނައިޓެޑްގެ ދުރު ރާސްތާ ޕްލޭނެއްގެ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، އިނިއޯސްގެ ވިސްނުމަކީ، ނަތީޖާތައް ރަނގަޅު ނުވާނަމަ، އާ ކޯޗަކާ އެކު ޕްރޮޖެކްޓެއް ފެށުމަށެވެ.

އެ ގޮތުން، އިނިއޯސް އިން އެންމެ ޝައުގުވެރިވާ ކޯޗަކީ ޕޮޓާ އެވެ. އިނިއޯސް އިން ހިންގާ ކްލަބެއް ކަމަށްވާ ފްރާންސްގެ ނީސްގެ ކޯޗަކަށް ޕޮޓާ ގެންނަން ވެސް ހުށަހެޅި އެވެ. އެކަމަކު، އެ ޑީލަށް ޕޮޓާގެ ރުހުމެއް ނުލިބުނެވެ.

މިދިޔަ އޭޕްރީލް މަހު، ޗެލްސީގެ ކޯޗުކަމުން ޕޮޓާ ވަކިކޮށްފައިވަނީ މަގާމާ ހަވާލުވިތާ ހަތް މަހެއްހާ ދުވަސްތެރޭގަ އެވެ. ބްރައިޓަންގައި ހުއްޓައި، 20 މިލިއަން ޑޮލަރުގެ ފީއެއް ދައްކާފައި ޗެލްސީން ޕޮޓާ ގެނައީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، އަހަރެއް ވެސް ނުވަނިސް ޕޮޓާ ވަކިކުރަން ނިންމީ އެ ކްލަބްގެ އާ ވެރިޔާ، ޓޮޑް ބޯލީ ބަދަލަކަށް ބޭނުންވުމުންނެވެ.