13 ޑިސެންބަރު 2023 - 17:02 1
މަންޑޭ ނޫސްވެރިންގެ ބައްދަލުވުމެއްގައި:
13 ޑިސެންބަރު 2023 - 17:02 1
ހުޅުމާލޭގައި ތަރައްގީ ކުރާ ކޭ-ޕާކު ރެސިޑެންސް ވިއްކުމުގައި އެތައް ބަޔަކަށް އޮޅުވާލައި މަކަރު ހެދި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުލަތުން 201 ޖިނާއީ ދައުވާ އިއްޔެ އުފުލައިފި އެވެ.
ދައުވާތައް އުފުލީ އެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ) އާއި ރ. އަލިފުށި، ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށެވެ. މަންޑޭގެ މައްޗަށް 104 ދައުވާ އުފުލި އެވެ. ޖައިޝާންގެ މައްޗަށް ޖުމްލަ 98 ދައުވާ އުފުލި އެވެ.
ކޭ-ޕާކު ރެސިޑެންސްގެ އެޕާޓްމަންޓުތައް ތަރައްގީކޮށް ނުނިމޭއިރު މަންޑޭ ވަނީ އެތައް ބަޔަކަށް އެޕާޓްމަންޓު ވިއްކުމަށްފަހު ފައިސާ އަތުލައިފަ އެވެ. އޭގެ ތެރޭގައި އެއް އެޕާޓްމަންޓު އެކި ފަހަރު މަތިން އެތައް ބަޔަކަށް ވިއްކި މައްސަލަތައް ވެސް ހިމެނެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މަންޑޭ އާއި ޖައިޝާންގެ މައްޗަށް ދައުވާ އުފުލީ އެ މައްސަލަތަކުގައި ގެއްލުން ލިބުނު 51 މީހަކާ ގުޅިގެން ކަމަށެވެ. ގެއްލުން ލިބުނު މީހުންނަށް ބަދަލު ހޯދުމަށް ވެސް އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
"މިހާރު ހުށަހަޅާފައިމިވާ 201 ދައުވާއާ ގުޅިގެން ގެއްލުން ލިބިފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވެސް މި ދައުވާތަކުގައި އެދިފައިވާނެ،" ޕީޖީ އޮފީހުން ބުންޏެވެ.
މަންޑޭ އާއި ޖައިޝާންގެ މައްޗަށް ފަސް ބާވަތެއްގެ ދައުވާ ޕީޖީ އޮފީހުން އުފުލި އެވެ. އޭގެ ތެރޭގައި ޓެކުމާއި މަނީ ލޯންޑާ ކުރުމާއި އޮޅުވާލުމުގެ ދައުވާތައް ވެސް ހިމެނެ އެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލަ ތަހުގީގު ކުރީ ފުލުހުންގެ އިންވެސްޓިގޭޓަރުން އިސްވެ ތިބެ، ޕީޖީ އޮފީހުގެ އިކޮނޮމިކް އެންޑް ފައިނޭންޝަލް ކްރައިމް ޔުނިޓާއި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިގެ ފަންނީ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށެވެ.
ކޭ-ޕާކު ރެސިޑެންސް މައްސަލައިގެ އިތުރު ބައިތަކެއް ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެ ތަހުގީގުތައް ނިމުމުން ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.
"މި ސްކީމްއާ ގުޅިގެން އިތުރު ބައިތައް ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ތަހުގީގު ކުރަމުން. އެ ބައިތަކުގެ ތަހުގީގު ނިންމައި މި އޮފީހަށް ހުށަހެޅުމުން، އެ ބައިތައް ދިރާސާ ކުރުމަށްފަހު، މި މައްސަލައިގައި އިތުރު ދައުވާތައް ކުރުމާމެދު މި އޮފީހުން ގޮތެއް ނިންމާނެ،" ޕީޖީ އޮފީހުން ބުންޏެވެ.
Comment