Advertisement

ކޭޕާކުން ފްލެޓު ގަތް މީހުން ސޯޝަލް ހައުސިން އަށް ޝަރުތު ހަމަނުވާތީ ގަރާރެއް

21 ޖުލައި 2025 - 09:35 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް


ކޭޕާކުން ފްލެޓު ގަތް މީހުން ސޯޝަލް ހައުސިން އަށް ޝަރުތު ހަމަނުވާތީ ގަރާރެއް

21 ޖުލައި 2025 - 09:35 0

ހަމްބޯ ކޮރެއާއިން ހުޅުމާލޭގައި އިމާރާތް ކުރަން ފަށާފައިވާ ކޭޕާކް ރެސިޑެންސް މަޝްރޫއު ހުއްޓި، ފްލެޓު ގަތް މީހުންނަށް އެތަން ނުލިބި، އެތައް އަހަރެއް ވެގެން ގޮސްފައި ވާއިރު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެ މީހުން ޝަރުތު ހަމަ ނުވާ މައްސަލަ ހައްލު ކުރަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި ގަރާރުގައި ވަނީ ކޭޕާކުން ފްލެޓު ގަނެފައިވާ މީހުން ސޯޝަލް ހައުސިންއަށް ޝަރުތު ހަމަނުވާ މައްސަލައިގައި ހައްލެއް ހޯދަން އެދި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގައި އާދޭސް ކުރަމުން ދިޔަ ނަމަވެސް މިހާތަނަށް ހައްލެއް ލިބިފައި ނެތް ކަމަށެވެ.

ކޭޕާކުން ފްލެޓު ގަތުމަށް 100 އަށް ވުރެ ގިނަ މީހުން ފައިސާ ދައްކާފައި ވާއިރު، ބައެއް މީހުން ފްލެޓުގެ ޖުމުލަ އަގު ދައްކާފައިވެ އެވެ. އެތަނުގެ ބައެއް ފްލެޓުތައް އެއް ފަރާތަށް ވުރެ ގިނަ ފަރާތައް ވިއްކާފައިވެ އެވެ.

މި ހާލަތުގައި ތިބި މީހުންނަށް ސޯޝަލް ހައުސިން ސްކީމަށް ޝަރުތު ހަމަނުވުމަކީ އާންމު މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށް މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

"މި މައްސަލަ ހައްލުނުވެ އިތުރު ޒަމާންތަކެއް ފާއިތުވެގެން ހިނގަށްޖެނަމަ އެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ގޯސްވުމުގެ ނުރައްކާ އޮތް ހިނދު، އިސްވެ ދެންނެވުނު ކަމަކީ ރައްޔިތުންގެ ކަންބޮޑުވުން ނުހަނު ބޮޑަށް އޮތް ކަމެއް ކަމަށް ވެފައި މުޖުތަމައުގެ އާއްމު މަސްލަހަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށްވީ ސަބަބަށް ޓަކައި، މިކަމާމެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި މި ގަރާރު ހުށަހެޅީމެވެ،" ގަރާރުގައިވެ އެވެ.

ކޭޕާކް ރެސިޑެންސްއިން އެޕާޓްމެންޓު ވިއްކުމުގެ ތެރެއިން މަކަރު ހަދައި އޮޅުވާލި މައްސަލާގައި ތުހުމަތު ކުރެވޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް އަދި އެ ކުންފުނީގެ މުވައްޒަފެއް ކަމުގައިވާ ރ. އަލިފުށި، ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. މަންޑޭގެ މައްޗަށް 104 ދައުވާ އުފުލާފައި ވާއިރު، ޖައިޝާންގެ މައްޗަށް ޖުމްލަ 98 ދައުވާ އުފުލި އެވެ.