Advertisement

ކޭޕާކު މައްސަލާގައި މަންޑޭ 397 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި


ކޭޕާކު މައްސަލާގައި މަންޑޭ 397 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭޕާކު އެޕާޓުމަންޓުތައް ވިއްކުމުގައި އެތައް ބަޔަކަށް މަކަރާއި ހީލަތް ހަދާފައިވާ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަސަން މަމްދޫހު (މަންޑޭ) 397 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު މަންޑޭގެ އިތުރުން އޭނާ އާއެކު މި މައްސަލައިގައި ހިމެނޭ ޖައިޝާން ސައީދު 159 އަހަރަށް ޖަލަށް ލުމަށް ވެސް ހުކުމް ކޮށްފައިވެ އެވެ.

މަންޑޭގެ މައްޗަށް ސާބިތުވި ދައުވާތަކާއި ކުރި ހުކުމްތައް

  • ޓެކުމުގެ 46 ދައުވާ؛ ކޮންމެ ދައުވާ އަކަށް އަށް އަހަރުގެ ދައުވާ (ޖުމްލަ 368 އަހަރުގެ ޖަލު ހުކުމް)
  • އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާ؛ ކޮންމެ ދައުވާ އަކަށް 3 މަހާއި 18 ދުވަސް (ޖުމުލަ 13 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމް)
  • މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ 3 ދައުވާ؛ އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް
  • މަނީ ލޯންޑްރިންގެ އެއް ދައުވާ؛ 14 އަހަރާއ 11 މަހާއި 14 ދުވަހުގެ ޖަލު ހުކުމް

މި މައްސަލާގައި މަމްދޫހު ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު އޭނާއަށް ކުރި ޖުމްލަ ޖަލު ހުކުމުގެ ދިގުމިނަކީ 397 އަހަރާއި ހަ މަހާއި 20 ދުވަހެވެ.

ޖައިޝާންގެ މައްޗަށް ސާބިތުވި ދައުވާތައް

  • ޓެކުމުގައި ބައިވެރިވުމުގެ 46 ދައުވާ؛ ކޮންމެ ދައުވާއަކަށް ތިން މަހާއި 18 ދުވަސް (ޖުމްލަ 12 އަހަރާއި ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމް)
  • އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާ؛ ކޮންމެ ދައުވާއެއް ތިން އަހަރާއި ދެ މަހާއި 12 ދުވަސް (ޖުމުލަ 140 އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމް)
  • މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ؛ އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް
  • މަނީ ލޯންޑާކުރަން އެހީތެރިވެދިނުމުގެ ދައުވާ: ހަތަރު އަހަރާއި 11 މަހާއި 24 ދުވަހުގެ ޖަލު ހުކުމް

ޖައިޝާން ބަންދުގައި ހޭދަކުރި ދުވަސްތަށް ކެނޑުމަށްފަހު އޭނާއަށް އިއްވި ޖަލު ހުކުމުގެ ޖުމްލަ މުއްދަތަކީ 159 އަހަރާއި 5 މަހާއި 14 ދުވަހެވެ.

މި މައްސަލާގައި ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެފައިވާތީ އެފްޑަބްލިއު ރެޒިޑެންސްގައި ހުރި އެޕާޓްމަންޓަކާއި ޕާކިން ސްލޮޓެއް ވެސް ދައުވަލަތަށް ވަނީ ނަގާފަ އެވެ.

އެއީ މި މައްސަލައިގެ ތަހުގީގައި ފުލުހުން ބަލައިފާސްކުރި މަންޑޭގެ ޕެންޓްހައުސް އެވެ. ޖުމުލަ 7.8 މިލިއަން ރުފިޔާގައި އަގުކުރެވިފައިވާ މި ޕެންޓްހައުސް މަންޑޭ ގަތީ، ކޭޕާކުގެ ދެ އެޕާޓްމަންޓެއް ހަތަރު މީހަކަށް ވިއްކާލައިގެން ލިބުނު ފައިސާއިންނެވެ.

ޕެންޓްހައުސްގެ ތެރެއިން ހަތް މިލިއަން ރުފިޔާގެ އަގުހުރި މުދާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނަ އެވެ. އެތަނުން ނެގި އަގުހުރި މުދަލުގެ ތެރޭގައި ނުކަނޑާ ހުރި 200 ސެންޓުފުޅި، 90،000ރ. ގެ އަގުބޮޑު އަތްދަބަހާއި 10،000 ޑޮލަރާއި 25،000 ޑޮލަރުގެ އަގުހުރި ގަހަނާ ވެސް ހިމެނެ އެވެ.

ޕެންޓްހައުސް އާއި އެތަނުން އަތުލައިގަތް ތަކެތީގެ ޖުމްލަ އަގު 14.8 މިލިއަން ރުފިޔާއަށް އަރަ އެވެ.

ކޭޕާކު އެޕާޓްމަންޓަކީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފައްދާފައިވާ ހަންބޯ މޯލްޑިވްސްއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މަންޑޭއަކީ ހަމްބޯ މޯލްޑިވްސްގެ މައިނޯރިޓީ ހިއްސާދާރެވެ. އޭނާގެ މައްސަލަ ފެންމަތިވީ ކޭޕާކު އެޕާޓްމަންޓުތައް ނުނިމި ދިގުލައިގެންދާ މައްސަލައިގައި އެޕާޓްމަންޓު ގަތް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ.