Advertisement

ސުލްތާނާ މުދައްރިސް: ދަރީންގެ ދަރިންނާއެކު ތިން ޖީލުގެ ވެސް އެދުރު

13 ޑިސެންބަރު 2023 - 11:14 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ސުލްތާނާ މޫސާ : 43 އަހަރަށްފަހު ނ. އަތޮޅު ތައުލީމީ މަރުކަޒުގެ ވަޒީފާއިން ރިޓާޔާ ކުރައްވާތީ ބޭއްވި ހާއްސަ ވަދާއީ އިވެންޓުގެ ތެރެއިން - ފޮޓޯ: ނ. އަތޮޅުގެ ތައުލީމީ މަރުކަޒު


ސުލްތާނާ މުދައްރިސް: ދަރީންގެ ދަރިންނާއެކު ތިން ޖީލުގެ ވެސް އެދުރު

13 ޑިސެންބަރު 2023 - 11:14 0

"އަޅުގަނޑު ކިޔަވައިދީފަ ތިބި ކުދިން އެބަތިބި، މިހާރު މި އަހަރު ކިޔަވައިދީފަ ތިބި ކުދިންގެ މާމައިން، އެހެންވީމަ ތިން އުމުރުފުރާއެއްތާ މި އަންނަނީ ދެއްތޯ، މާމައިންނާއި މަންމައިންނާއި ދަރިފުޅާ."

މިއީ ނ. ވެލިދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒަށް 43 އަހަރު ހިދުމަތް ކުރެއްވުމަށްފަހު އިއްޔެ ރިޓަޔާ ކުރެއްވި ސުލްތާނާ މޫސާ، އޭނާގެ އުނގަންނައިދިނުމުގެ ހަޔާތް ސިފަކުރައްވަމުން "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވި އެއް ޖުމުލަ އެވެ.

ވެލިދޫއަށް ބަލައިލާނަމަ، ސުލްތާނާ މިސް ނުވަތަ މުދައްރިސް ކިޔަވައިނުދޭ މީހަކު އެ ތިން ޖީލުގައި ނުހުންނާނެއޭ ބުނުން ކުށަކަށް ނުވާނެ އެވެ.

ދާއިރާގެ މަޖިލިސް މެންބަރުން ފެށިގެން، ރަށު ކައުންސިލް ރައީސާ ހަމައިން ގޮސް ވެލިދޫގެ ޒިންމާދާރު ހުރިހާ މަގާމެއްގައިވެސް ތިއްބެވީ އެ މުދައްރިސްގެ ދަރިވަރުންނެވެ. އަޅުގަނޑުގެ ތައުލީމީ ހަޔާތުގައިވެސް، ސުލްތާނާ މުދައްރިސް ވެގެންދިޔައީ ދެ އަހަރެއްގެ އިސްލާމް މުދައްރިސަށެވެ.

70ގެ އަހަރުތަކުގައި ފެށުނު މި އުނގަންނައިދިނުމުގެ ދަތުރުގައި، ސުލްތާނާއަށް ގޮންޖެހުންތަކާއި ދަތިތައް ކުރިމަތިވި ނަމަވެސް ފަހަތަށް ޖެހިވަޑައިނުގެންނަވައި ހުންނެވީ ގަދަ ހިތްވަރެއްގެ ސަބަބުންނެވެ. ފަސް ދަރިން ބަލާ ބޮޑުކުރީ، އެތައް ސަތޭކަ ދަރިވަރުންނަށް ކުޑަ އިހުމާލެއް ވެސް ނުވެ، ތައުލީމު އުނގަންނައި ދެެއްވަމުންނެވެ.

ހަތަރު ދަހަރަށްފަހު، ހިދުމަތުގެ ފަހު ދުވަހު މަދަރުސާގެ މުވައްޒަފުން ސުލްތާނާއަށް ކީ އަސަރުގަދަ ވަދާއުގެ އެއް ސަބަބަކީ މިއީ އެވެ. މުދައްރިސްގެ އަރިހުގައި މިއަދު ވަދާއު ކިޔަން ތިބި ގިނަ މުވައްޒަފުންނަކީވެސް އެ ތިން ޖީލުގެ ތެރޭގައި ހިމެނޭ، އެ މުދައްރިސްގެ ދަރިވަރުންނެވެ.

ތައުލީމީ ހަޔާތާއި އުނގަންނައިދިނުމުގެ ފެށުން

ނ. ހޮޅުދޫއަށް އުފަން ސުލްތާނާ ވިދާޅުވި ގޮތުގައި ޓީޗިންގެ ދާއިރާ އޭނާ ހިޔާރުކުރެއްވީ ފުރިހަމަ އަމިއްލަ އިހުތިޔާރުގަ އެވެ. އެކަމަށް އޮތް ޝައުގެއްގެ ބޮޑުކަމުންނެވެ. އޭރުގެ ސަރުކާރުން މާލޭގައި ކުރިއަށް ގެންދިޔަ ޓީޗަރުން ތަމްރީނު ކުރުމުގެ ތިންވަނަ ކޯހުގައި ބައިވެރިވެ އެ ދާއިރާއިން ތައުލީމު ހާސިލުކުރެއްވި އެވެ. އެއީ 1979 ގަ އެވެ.

"އަޅުގަނޑު [ބައިވެރިވީ] އެއީ ރާއްޖެތެރޭގެ ޓީޗަރުން ތަމްރީނުކުރުމުގެ ތިންވަނަ ބުރު، އެއީ 1979 ގަ"

ސުލްތާނާ ވެލިދޫއަށް ބަދަލުވީ އެއަށްފަހު އެވެ. ނަމަވެސް މިހާރު އެ ރަށުގައި ހުރި ތައުލީމީ މަރުކަޒެއް އޭރަކު ނެތެވެ.

ސުލްތާނާ މޫސާ : 43 އަހަރަށްފަހު ނ. އަތޮޅު ތައުލީމީ މަރުކަޒުގެ ވަޒީފާއިން ރިޓާޔާ ކުރައްވާތީ ބޭއްވި ހާއްސަ ވަދާއީ އިވެންޓުގެ ތެރެއިން - ފޮޓޯ: ނ. އަތޮޅުގެ ތައުލީމީ މަރުކަޒު


ދިރިއުޅުން ވެލިދޫއަށް ބަދަލުކުރި މައިގަނޑު ސަބަބަކަށް ވެގެންދިޔައީ، ހަމަ އެ ދާއިރާގައި މަސައްކަތް ކުރެއްވި، ވެލިދޫގެ ތައުލީމަށް އެންމެ ބޮޑު ހިދުމަތެއް ކުރެއްވި، އާދަމް އިބްރާހިމް އާ ކައިވެނިކުރެއްވުމެވެ.

އެއަށްފަހު އަމިއްލަ ރަށުގައި ހުންނަ މޭނާ ސްކޫލުގައިވެސް ސުލްތާނާ ކިޔަވައިދެއްވި އެވެ. ނަމަވެސް ތައުލީމީ މަރުކަޒު ހުޅުވަން ތައްޔާރުވުމާއެކު އެނބުރި ވެލިދޫއަށް ދުރުވެ، އެ ސްކޫލުގެ ފުރަތަމަ ދުވަހު ހިދުމަތަށް ނުކުންނެވި އެވެ.

އިއްޔެއާ ހަމައަށް އެ ކުރެއްވި އުނގަންނައިދިނުމުގެ ދިގު ދަތުރުގައި، އުނގެނުމަށް އޮތް ލޯބި އޭނާ ދޫނުކުރައްވަ އެވެ. އެގޮތުން، އުމުރުން 50 އަހަރު ހުރަސްކުރުމަށްފަހު ސުލްތާނާ ވަނީ ޓީޗިންގެ ދާއިރާއިން ޑިގްރީ ހާސިލް ކުރައްވާފަ އެވެ. ކައުންސިލިންގެ ދާއިރާއިން ކިޔަވާވިދާޅުވެފަ އެވެ.

މަދަރުސާގެ ފުރަތަމަ ދުވަހުން ފެށިގެން ހިދުމަތުގައި

ނ. އަތޮޅު ތައުލީމީ މަރުކަޒުގެ ފުރަތަމަ ދުވަހު، އެ ސްކޫލުގައި ތިބީ ހަތަރު ޓީޗަރުންނެވެ. ޖުމުލަ އަށް މުވައްޒަފުންނެވެ. އޭގެ ތެރެއިން އެކަކީ ސުލްތާނާ އެވެ. އެ ދުވަހުން ފެށިގެން ރާއްޖޭގެ ތައުލީމީ ނިޒާމަށާއި، ތައުލީމު ދޭން ބޭނުންކުރި އުކުޅުތަކާއި އާލާތްތަކަށް އައި ބަދަލުތައް އޭނާ ވަނީ އެހެން އެކަކަށްވެސް ނުފެންނާނެހާ ކައިރިން ތަޖުރިބާ ކޮށްފަ އެވެ.

"ވެހޭހާ ވާރެއެއްގަ، ދޭހާ އަތްވެއްގަ އަޅުގަނޑުމެން އެންމެ އިމާރާތެއް ބޭނުންކޮށްގެން ކިޔަވައިދިނީ، އިމާރާތުގެ ވައިމަތީ ފަރާތުގަ ދަމާފަ އިންނާނެ ސަތަރިއެއް، ދެން ވިއްސާރަ ވެއްޖިއްޔާ އެ ސަތަރި ވަޔާ ތަޅުވާނެ، ކްލާސް ތެރެއަށް ވާރެ ވެހޭނެ، ހުޅަނގު މޫސުން ވެއްޖިއްޔާ ވަރަށް ގިނަ ދުވަސް ދުވަހު ކުދިންތައް ގެއަށް ފޮނުވާލަން ޖެހޭނީ"

އެންމެ ފުރަތަމަ އެ ސްކޫލުގެ ހިދުމަތް ފެށިގެން އައި އިރުގެ ހާލަތު ތަފުސީލުކޮށްދެއްވަމުން ސުލްތާނާ އިތުރަށް ވިދާޅުވީ، އޭރު އެއްވެސް އިމާރާތެއްގައި ފަންކާއެއްވެސް ނުހުންނާނެ ކަމަށެވެ.

"ކަޅު ބޯޑުގައި ހުދު ޗޯކުން ލިޔެގެން ކިޔަވައިދިނީ، ޓީޗިން އެއިޑްސްވެސް ހަމަ ބްރެސިލް ބޯޑުގަ ލިޔަންވާ ހުރިހާ އެއްޗެއް، ފިލާވަޅާ ގުޅޭ ގޮތުން ހާއްސަ މައުލޫމާތުތައް ލިޔެގެންދަނީ،"

އޭނާ ވިދާޅުވި ގޮތުގައި އޭރު ޓެސްޓު ޕޭޕަރުތައްވެސް ތައްޔާރުކުރަނީ ކޮޕީ ކަރުދާސް ބޭނުންކޮށްގެން އަތުން ލިޔެގެންނެވެ. ކުލާހެއްގައި ތިބޭ ދަރިވަރުންގެ އަދަދު އުޅެނީ 50 އަށްވުރެ މަތީގަ އެވެ. ދެން ބޭނުންކުރި އަނެއް އުކުޅަކީ ސްޓެންސިލް ކެނޑުން ކަމަށްވެސް ސުލްތާނާ ވިދާޅުވި އެވެ.

ނަމަވެސް އެ ހާލަތުގައި އޮތް ސްކޫލަށް ހަތަރު ދަހަރުވީއިރު، ރާއްޖޭގައި ނަން ހިނގާ ފެންވަރުގެ ޒަމާނީ ސްކޫލަކަށް ވަނީ ބަދަލުވެފަ އެވެ. ކުލާސް ރޫމުތަކާއި ހޯލުތައް އަދި އޮފީސް އިމާރާތްތަކާއި ސްޓާފްރޫމުތައް ހުރީ އަދާހަމަކުރެވި ތަރައްގީ ކުރެވިފަ އެވެ.

"ބައްލަވާ އެއޮތް ބޮޑު މާލަމެއްވެސް ދެއްތޯ، 500 މީހުންގެ ޖާގައިގެ، މިހާރު އެސެމްބްލީ އެ ބާއްވާލަނީ އެތާ، ކުރީގަ ވެއްޖިއްޔާމު އެސެމްބްލީގަ ވާރޭވެހުނަސް ބޭރުގަ، އަވިދޭ ވަގުތު އަވީގަ ތިބެންޖެހެނީ،"

އިސްލާމް އަދި ގުރުއާން ކިޔަވައިދެއްވަން ފެއްޓެވި ސުލްތާނާ ރިޓަޔާ ކުރެއްވީ ކީ ސްޓޭޖުގެ ދަރިވަރުންނަށް ދިވެހި އަދި އިސްލާމް ކިޔަވައިދެއްވުމުގެ ހިދުމަތުގައި ހުންނެވުމަށްފަހު އެވެ. ސްކޫލުގެ ލީޑިން ޓީޗަރެއްގެ ގޮތުގައި އެތައް އަހަރަކު ހިދުމަތް ކުރެއްވުމަށްފަހު އެވެ.

ދަރިވަރުންނާއެކު ބެހެއްޓެވީ ގާތް، އޯގާތެރިކަމުގެ ގުޅުމެއް

ސްކޫލުގެ ހަތާރުފާރުގެ ތެރޭގައި، ކިޔަވައިދޭ މާއްދާގެ ވަގުތުގައި ދަރިވަރުންނަށް ފޯރުކޮށްދޭ އިލްމުގެ އިތުރުން، ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި ސުލްތާނާ އަކީ ދަރިވަރުންނާ ވަރަށް ގާތުން މަސައްކަތް ކުރެއްވި މުދައްރިސެކެވެ.

އެކި މިޒާޖުގެ އެކި އަހުލާގުގެ ކުދިންނާ، އެ ކުއްޖަކާ ގުޅޭ ގޮތަކުން ނަސޭހަތް ދެއްވާ ފަރާތެކެވެ. މަގުމަތިން، ނުވަތަ އެހެން ތަނަކުން ފެނިގެން ނަމަވެސް ކުދީންނަށް ކޮންމެވެސް ކަހަލަ ވާހަކައެއް ދައްކަވާ، އެކުވެރިއެކެވެ. ސުލްތާނާ ދެކޭގޮތުގައި އެކަމުގައި އޭނާއަށް ލިބުނު އެންމެ ބޮޑު ފަސޭހައަކީ ކައުންސިލިންގެ ދާއިރާއިން ލިބިފައިހުރި އިލްމެވެ.

ސުލްތާނާ މޫސާ : ވަދާއީ ހަފުލާގެ ތެރެއިން ވާހަކަދައްކަވަނީ - ފޮޓޯ: ނ. އަތޮޅުގެ ތައުލީމީ މަރުކަޒު


"ކުދިންނާ މިހެން ދިމާވީ ވާހަކަދައްކާ ހަދާތީ ތިބޭނީ ވަރަށް ގާތްކޮށް، ގިނަފަހަރު މިވާގޮތަކީ ބަސްނާހާ ކުއްޖަކާ ވާހަކަދެއްކޭ ގޮތަކުން ދެވަނަ ފަހަރު ކުރިމަތިލާން އެ ކުދިން ބޭނުން ނުވަނީ، އަޅުގަނޑު ކުރިމަތިލާ ގޮތުން އެ ކުދިން ވަރަށް ބޭނުންވާނެ ދެވަނަ ފަހަރުވެސް ވާހަކަދައްކަން"

އޭނާ ދެކޭގޮތުގައި އަހުލާގީ މައްސަލަތައް ހުރި ނަމަވެސް، ތަފާތު މިޒާޖެއް ހުރި ނަމަވެސް ކޮންމެ ކުއްޖަކީވެސް އެކުގައި ގެންގުޅެވޭނެ، ތައުލީމީ ނިޒާމުގެ ތެރެއިން ފައިދާ ލިއްބައިދެވޭނެ ކުއްޖެކެވެ. އޭނާގެ ތައުލީމު ފޯރުކޮށްދިނުމުގެ ދިގު ހަޔާތުގެ ދަރިވަރުން އޭނާއަށް ކުރާ އިހުތިރާމަކީ އެ ވިސްނުމުގެ މައްޗަށް އަމަލުކުރުމުން ލިބޭ އިހުތިރާމު ކަމަށްވެސް ސުލްތާނާ ގަބޫލު ކުރައްވަ އެވެ.

ސަރުކާރަށާއި ރަށަށް ކުރެއްވި ހިދުމަތްތަކާއި ލިބުނު ރަން ވަނަތައް

ސުލްތާނާގެ ހިދުމަތް ތައުލީމީ ދާއިރާ ފަހަނައަޅައި އިޖުތިމާއީ ދާއިރާއަށްވެސް ގޮސްފައި ވެ އެވެ. ހާއްސަކޮށް އަންހެނުން ބާރުވެރިކުރުވުމާއި އަންހެނުންގެ ހައްގުތަކަށް އޭނާ އެތައް ހިދުމަތެއް ކުރެއްވި އެވެ.

އެގޮތުން ވެލިދޫގެ އަންހެނުންގެ ކޮމިޓީއަށް އެތައް އަހަރެއްގެ މަތިން ހިދުމަތް ކުރެއްވުމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މަޝްވަރާ މަޖިލީހުގެ މެންބަރެއްގެ ދައުރު އަދާކުރެއްވުން އެއީ ގައުމަށާއި ރަށަށް ކުރެއްވި ބޮޑެތި، އަގުހުރި ހިދުމަތްތަކެކެވެ.

"އަޅުގަނޑަށް އެ މަގާމު ލިބުނީވެސް އެންމެ ރަނގަޅަށް މަސައްކަތް ކުރި އަންހެނުންގެ ކޮމިޓީތައް ބަލާފަ، މަޝްވަރާ ކޮމިޓީއަށް މީހުން ނެންގެވިއިރު އަޅުގަނޑަށް އެ ފުރުސަތު ލިބުނީ، ހިލޭ ސާބަހަށް އެކަން ކުރަން ޖެހެނީ"

އަނގަމަތީ ދޯނީގައި އެ މަޖިލީހުގެ ބައްދަލުވުންތަކަށް މާލެ ވަޑައިގެންނެވި ހަނދާން އަދިވެސް ނުނެތޭ ކަމަށާއި ރައީސަކަށް ލަފާދިނުމުގައި މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށް އޭނާ ފާހާގަކުރެއްވި އެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވުމުން ރައީސް ދެއްވާ ހާއްސަ އިނާމު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސުލްތާނާ އަށް އަރުވަނީ - ފޮޓޯ: ރައީސް އޮފީސް


"އެންމެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ރައީސުލްޖުމްހުރިއްޔާގެ އެވޯޑު ލިބުން، 35 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްގެން، އެއީތާ އެންމެ ހާއްސަ ކަމަކީ ދެއްތޯ" ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާ ބޭފުޅުންނަށް ރައީސް ދެއްވާ ހާއްސަ އިނާމު 2021 ގައި ހާސިލުކުރެއްވި ސުލްތާނާ ވިދާޅުވި އެވެ.

ވެލިދޫ ކައުންސިލުން ދޭ ވެލިރަން އެވޯޑު ސުލްތާނާއަށް އަރުވަނީ - ފޮޓޯ: ވެލިދޫ ކައުންސިލް އިދާރާ


އޭގެއިތުރުން ވެލިދޫއަށް އެކި ގޮތްގޮތުން ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކޮށް ރަށު ކައުންސިލުން ދޭ 'ވެލިރަން އެވޯޑު' ވެސް އޭނާއަށް މި އަހަރު ވަނީ ލިބިފަ އެވެ.

ގޮންޖެހުންތަކާއި އާއިލާއިން ލިބުނު ހިތްވަރު

އުނގަންނައިދިނުމުގައި ގިނަ ވަގުތަތަކެއް ހޭދަކުރެއްވި ނަމަވެސް ސުލްތާނާއަކީ ފަސް ކުދިންގެ މަންމަ އެކެވެ. އޭގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ދެ ކުދިން ތިބިއިރު، ފަސް ކުދިންވެސް ތަރުބިއްޔަތު ކުރެއްވީ ގިނަ ގޮންޖެހުންތަކާއެކު އެވެ.

"އަޅުގަނޑަކީ ވެލިދޫ މީހެއްވެސް ނޫން، އެހެންވީމާ ވެލިދޫއަކު ނުތިބޭނެތާ އަޅުގަނޑުގެ އާއިލާއެއްވެސް، ދެން އަޅުގަނޑަށް އެހީތެރިކަމެއް ދޭން އޮންނާނީ ފިރިމީހާގެ އާއިލާ، އަނެއްކާ ވަރަށް ކުޑަކުޑަ އާއިލާއެއް އެއީ، އާދަމް މުދައްރިސް [ފިރިމީހާ] ގެ މާމަގެ ހުންނަނީ މުދައްރިސްގެ މަންމަ އެކަނި، މުދައްރިސްގެ މަންމަގެ ހުންނަނީ މުދައްރިސް އެކަނި، އެހެންވީމަ ވަރަށް ކުޑަވީތާ އާއިލާ،"

ނަމަވެސް، އެ ހާލަތުގައި އެ ކުޑަ އާއިލާއަށް އެހީ ލިބުނީ އެކުވެރި އެހެން ރަށްރަށުގެ ބައެއްގެ ކިބައިންނެވެ. އޭރު އަތޮޅުން އަދި ކައިރި އަތޮޅު ތަކުންވެސް ވަރަށް ގިނަ ކުދިން ވެލިދޫއަށް ކިޔަވަން އާދެ އެވެ. ސުލްތާނާގެ ހިތްހެޔޮ މިޒާޖު ވެގެންދިޔައީ އެފަދައިން ވެލިދޫއަށް ދިޔަ ގިނަ ކުދިންތަކެއް، އޭނާގެ ބެލެނިވެރިކަމުގައި އޭނާގެ ގޭގައި ބައިތިއްބަން ބެލެނިވެރިން ބޭނުންވި ކަމަކަށެވެ.

ކިޔެވުމަށް ލިބުނު އެހީތެރިކަމުގެ ބަދަލުގައި ގޭތެރޭގެ ކަންކަމާއި ދަރިންގެ ކަންކަމުގައި އެކުދިންގެ އެހީތެރިކަން ލިބުނު މިންވަރު ޝުކުރާއެކު އޭނާ ފާހަގަކުރި އެވެ.

ދެ ދަންފަޅިއަށް ކިޔަވައިދެމުންދިޔަ ސްކޫލުގައި، ހެނދުނުން ފެށިގެން ރޭގަނޑަށް ދެމަފިރިން މަސައްކަތް ކުރި ނަމަވެސް، ފަސް ދަރިން ތަރުބިއްޔަތުކުރެވުނީ އެ ކުޑަ އާއިލާއާއި އަވަށްޓެރިންގެ އެތަކެއް އެހީއަކާއެކުކަން އޭނާ މިއަދުވެސް ގަބޫލުކުރެ އެވެ.

ސުލްތާނާ މިސް އަކީ މިހާރުގެ ގޮތަށް ދަންނަވާނަމަ 'ލެޖެންޑް' އެކެވެ. އަމިއްލަ ދަރިން ތަރުތިއްޔަތުކުރުމާއެކު ވެލިދޫގެ ތިން ޖީލަކަށް އެ ތަރުބިއްޔަތު ދެއްވައިފި އެވެ. މީހުން މީހުންނަށް ވަނީ މީހުން މީހުންނަށް ހެދީމަކަން ސުލްތާނާ އަމަލާއި ބަހުން ސާބިތުކޮށްދެއްވައިފި އެވެ. ވެލިދޫގެ ތިން ޖީލުގެ އެދުރު، ސުލްތާނާ މިސްގެ ހިދުމަތާމެދު އެރަށުގެ ރައްޔިތުންނާއި މުޅި ރާއްޖެ އަބަދުވެސް ފަހުރުވެރިވާނެ އެވެ.