24 ޖުލައި 2025 - 17:44 1
މުހައްމަދު ޝަހްޒާން
ނ. ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އައްބާސް. އެމްޑީޕީ މެންބަރުންނަށްވުރެ އައްބާސްގެ އުނދަގޫ ބޮޑުކަމަށް ރައީސް ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
24 ޖުލައި 2025 - 17:44 1
ނ. އަތޮޅުގައި ސަރުކާރުން ހިންގަން ރާވާފައިވާ ބައެއް ކަންކަން ނުކުރެވި ލަސްވަނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ އެއްބާރުލުން ނުލިބޭތީ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ތުހުމަތުތަކަކީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލައި އޭނާގެ އަގުވައްޓައިލުމުގެ ގޮތުން ކުރެއްވި ދޮގު ތުހުމަތުތަކެއް ކަމަށް އައްބާސް ވިދާޅުވެއްޖެ އެވެ.
ދާދި ދެންމެއަކު އައްބާސް ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ އޭނާ ތަމްސީލު ކުރައްވާ ދާއިރާގައި ސަރުކާރުން ހިންގަން ރާވާފައިވާ ބައެއް މަޝްރޫއުތަކަށް އެއްބާރުލުން ނުދެއްވާތަނުގައި ހުރަސް އެޅުމަށް އައްބާސް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ ރައީސް ދެއްކެވި ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
އަދި އެ ވާހަކަތައް ރައީސް ދެއްކެވީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން އައްބާސް ކުރައްވާތީ އޭނާގެ އަގު ވައްޓައިލަން ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
"އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި ސަރުކާރު ސަރުކާރު ޖަވާބުދާރީ ކުރުވުން އެއީ ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަމެއް ކަމަށްވާއިރު، އެ ކަންކަން އަޅުގަނޑުގެ ފަރާތުން ކޮށްފައި ވާތީ އަޅުގަނޑު ކަންކަމަށް ހުރަސްއަޅަމުންދާ ކަމަށް ވިދާޅުވުމަކީ ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ކަމުގެ ހަގީގަތް އޮޅުވާލުމުގެ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅެއްކަން ފާހަގަކުރަމެވެ." އައްބާސްގެ ނޫސްބަޔާނުގައި ލިޔުއްވާފައިވެ އެވެ.
އައްބާސްގެ ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ މަޖިލިސް މެންބަރުކަމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ވެސް އޭނާ މަސައްކަތް ކުރައްވާފައި ވާނީ ސިޔާސީ ފިކުރުތައް އެއްކިބާކޮށް ގައުމާއި ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކަމަށެވެ.
އެގޮތުން މިދިޔަ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާއި މި ސަރުކާރުން ފަށަން ގަސްދުކޮށްފައިވާ މަޝްރޫއުތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް އެކަންކަމާ ގުޅުންހުރި މިނިސްޓްރީތަކާއި ކުންފުނިތަކާ ބައްދަލު ކޮށްފައިވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.
ނަމަވެސް ރައްޔިތުންނާއި ދާއިރާގެ ހައްގުގައި އެފަދަ މަސައްކަތްތައް ކުރުމަކީ މަޝްރޫއުތަކަށް ހުރަސް އެޅުން ކަމަށް ރައީސް ސިފަ ކުރެއްވުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށް އައްބާސްގެ ނޫސްބަޔާނުގައި ވިދާޅުވި އެވެ.
"އެއްވެސް މަޝްރޫއުއަކަށް އަޅުގަނޑުގެ ފަރާތުން ހުރަސް އަޅާފައި ނުވާނެކަން ދާއިރާގެ ރައްޔިތުންނަށް ކަނޑައެޅިގެން އެނގޭނެކަމަށާއި މިއަދު ވަޒީފާގެ ބިރަށް ޖަލްސާއަށް ގޮސް އަތް ޖެއްސެވިޔަސް އެ ރައްޔިތުންގެ ހިތަކުން އަޅުގަނޑު ދާއިރާގެ ރައްޔިތުންނަށް ކުރަމުންދާ މަސައްކަތްތައް ފިލައިގެން ނުދާނެކަން ކަށަވަރެވެ." އައްބާސް ލިޔުއްވާފައިވެ އެވެ.
އޭނާގެ ނޫސްބަޔާން ނިންމައިލައްވަމުން ވިދާޅުވެފައި ވަނީ ރައީސް ދެއްކެވި ވާހަކަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި އޭނާގެ އަގު ވައްޓައިލުމަށް ކިތަންމެ މަސައްކަތެއް ކުރެއްވިޔަސް ގާނޫނުތަކާއި ގާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން މަސައްކަތް ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމަށެވެ.
ނ. އަތޮޅުގެ ރަށްތަކަށް ރައީސް މި ހަފުތާގައި ކުރެއްވި ދަތުރުގެ ތެރެއިން ފޮއްދުއަށް ވަޑައިގެން އެ ރަށުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ ދާއިރާގެ މެންބަރު އައްބާސްގެ އެއްބާރުލުމެއް ނުލިބޭ ތަނުގައި، ކަންކަން ކުރުމަށް ހުރަސް އަޅަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ ދާއިރާއަށް އިންތިހާބުކޮށްފައި ހުންނަ މެންބަރު ސިޔާސީ ހިޔާލު ތަފާތުވި ނަމަވެސް، ވާން ޖެހޭނީ ޒިންމާދާރުކަމާއެކީ ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަން ޖެހޭ ބޭފުޅަކަށް ކަމަށެވެ.
އިއްޔެ ފޮއްދޫގައި ހުންނަވައި ރައީސް މުއިއްޒު ވިދާޅުވީ އައްބާސްއަށް ވުރެ އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް މާ ރަނގަޅު ކަމަށާއި އެމްޑީޕީގެ މެންބަރުން ސަރުކާރު ކުރާ ކަންކަމާ ނުބެހޭ ކަމަށެވެ.
އެގޮތުން ދާއިރާގެ ކަމެއްގައި މިހާތަނަށް އެމްޑީޕީގެ މެންބަރުން އެމަނިކުފާނުގެ އަރިހަށް ނާންނަކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެގޮތަށް އަމަލުކުރުމުން މަސައްކަތް ކުރަން ފަސޭހަ ކަމަށެވެ.
"ހަގީގަތުގައި އެމްޑީޕީގެ އެމްޕީސުންގެ ކިބައިން ވެސް އެއްގޮތަކުން ދަންނަވަންޏާ މާ ރަނގަޅު ސަރުކާރަށް ކަންކަން އޮންނަ ގޮތް. އެއީ އެބޭފުޅުން އެއްވެސް ވަރަކަށް ނުބެހޭ ކަމަކާ. އެބޭފުޅުންގެ ދާއިރާއެއްގެ ކަމެއްގައި އަދި މިއަދާ ހަމައަށް އައި އިރުގައި ނާދޭ އެއްވެސް ކަމެއްގައި،" އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމަ މާ ފަސޭހަ ކަންކަން ކުރަން. އެހެންނަމަވެސް މި ދާއިރާގެ އިއްޒަތްތެރި މަޖިލިސް މެންބަރުގެ ކިބައިން ކަންކަމުގައި އެހީތެރިކަން ނުދޭ ތަނުގައި ހުރަސްތައް ކުރިމަތިކުރާ ކަމީ އެއީ ހަމަ ދެރަކަމެއް."
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment